ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި

ކަނޑުގަދަ ދުވަހެއް: ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި ---

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ.

އެ އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ މިއަދުގެ 7:30 އިން ފެށިގެން 11:30އަށް ރ. އަތޮޅުން ފެށިގެން މ. އަތޮޅަށެވެ.

މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.

އެ އޮފީހުން ބުނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑަކު ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވާއިރު ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެ އިދާރާއިން މިއަދުގެ މޫސުން ލަފާކުރާގޮތުގައި ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް ރައްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާކަމަށް ބުނެއެވެ.

އެ އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިޖެހޭނެ ކަމަށް އެ އޮފީހުން ލަފާކުރެއެވެ.

ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށްގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ. އަދި ރާޅުތަކުގައި ހަތަރު ފޫޓާއި ހަތް ފޫޓުގެ އުސްމިނެއް ހުންނާނެ ކަމަށްވެސް އެ އޮފީހުން ލަފާކުރެއެވެ.

އެހެންކަމުން މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް