ހެޔޮ ކަމެއް ކުރަން އުޅެނިކޮށް، އެހީވެވުނީ ވަގަކަށް!

ސްކޭމްތައް ފާހަގަކޮށް މީހުން ކޮށްފައިވާ ޕޯސްޓްތަކެއް: ރާއްޖެއަކީ ނިސްބަތުން ސްކޭމް ގިނަ ގައުމެއް--- ސަން ފޮޓޯ

އެ ޕޯސްޓްގެ ކެޕްޝަން ކިތަންމެހާ ވެސް އަސަރު ގަދައެވެ. މާލެއިން ދެކުނުގެ ރަށެއްގައި ދިރިއުޅޭ އެކަނިވެރި އަންހެނަކު ބަލި އެނދުގައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމާއި އޭނާއަށް އަޅާލާނެ މީހަކު ނެތް ވާހަކައެވެ. ނުރައްކާތެރި ކެންސަރު އެ އަންހެން މީހާއަށް ޖެހިފައިވާ ކަމާއި އޭނާގެ ދަރިއެއް ނުހުންނައިރު އަޅާލާނެ އާއިލާ މީހަކު ވެސް ނެތް ކަމަށް އެ ޕޯސްޓްގައި އޮތެވެ. ދެން އޮތީ އޭނާއަށް އެހީވުމަށް ފައިސާ ޓްރާންސްފާ ކުރާނެ އެކައުންޓް ނަމްބަރަކާއި ބޭންކް ސްލިޕް ފޮނުވާނެ ފޯނު ނަމްބަރެކެވެ.

އެ ޕޯސްޓް, ހާހަކާ ގާތްކުރާ އަދަދަށް މީހުން ޝެއާ ކޮށްފައި ހުއްޓެވެ. އަދި ކޮމެންޓްތަކުގައި ވަރަށް ހެޔޮ ދުއާ ކުރުމާއެކު އެހީތެރިކަން ފޯރުކޮށްދިންކަމަށް ލިޔެފައި ހުއްޓެވެ. ނަމަވެސް އެ ޕޯސްޓްގައި ޖަހާފައިވާ ފޮޓޯއަކީ ފޭކެއް ކަމަށް ހީވުމުން ޓޫލެއް ބޭނުންކޮށްގެން އެ ފޮޓޯގެ އަސްލު ދެނެގަތުމުގެ މަސައްކަތް ފެށީމެވެ. އެކިއެކި ޓޫލްސްތައް ބޭނުން ކުރީމަ ވެސް ލިބުނީ އެއް ނަތީޖާއެކެވެ. އެއީ ދިވެއްސެއްގެ ފޮޓޯއެއް ނޫނެވެ. އަރަބި ގައުމެއްގެ އަންހެނެއްގެ ފޮޓޯއެވެ. އަދި އެ ޕޯސްޓްގައި ބުނެފައިވާ ރަށުގައި އެ ނަން ކިޔާ, އެ ހާލުގައި އުޅޭ މީހަކު ވެސް ނެތްކަން ޔަގީން ކުރީމެވެ. އެހެންކަމުން ހާހެއްހާ މީހުން ޝެއާކޮށް, އެހީތެރިކަން ފޯރުކޮށް އެ ދިނީ ސްކޭމަރަކަށެވެ.

https://www.sun.mv/205595

ސިއްހީ އެކިއެކި ކަންކަން ދިމާވެގެން ސޯޝަލް މީޑިއާ އާއި ނޫސްތައް މެދުވެރިކޮށް އެހީއަށް އެދުމަކީ މި ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. އެކަން ކުރާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އޭގެ ތެރޭގައި ހަގީގަތުގައި ވެސް އެހީތެރިކަން ބޭނުންވާ ހާލަތުގައި ތިބި ގިނަ ބަޔަކު ވެސް ހިމެނެއެވެ. އަދި މިފަދަ ޕޯސްޓްތަކުގެ ސަބަބުން ވަރަށް ގިނަ އާއްމުން އެހީތެރިކަން ފޯރުކޮށްދީފައި ވެސް އެބަހުއްޓެވެ.

ވަގުންނާއި ފޭރޭ މީހުން މި ވަނީ މިކަމުގެ ނާޖާއިޒު ފައިދާ ނަގަން ފަށައިފައެވެ. މީހުންނަށް އަސަރު ކުރާނެ އެކިއެކި ޕޯސްޓްތައް ހަދައިގެން ދައުރުކޮށް, އެހީގެ ގޮތުގައި އޮޅުވާލައިގެން ފައިސާ ހޯދުން އާއްމު ކަމަކަށް ވެއްޖެއެވެ. އޭގެ ތެރޭގައި ހަގީގީ ބަލި މީހުންގެ މައުލޫމާތު ބޭނުންކޮށްގެން އެކަމަކު އެ މީހުންނާ ގުޅުމެއް ނެތް އެކައުންޓް ނަމްބަރުތައް ޖަހައި ފައިސާ ހޯދުން ހިމެނެއެވެ. މިފަދަ ޕޯސްޓްތައް ދައުރު ކުރާތީ އެކަމަށް ސަމާލުވުމަށް މީހުން ޖަހާފައި ހުންނަ ޕޯސްޓްތައް ވެސް މިހާރު ސޯޝަލް މީޑިއާއިން ވަރަށް ގިނައިން ފެނެއެވެ.

ޒީ ޓައިމްސްގެ ފައުންޑާ އަދި އެޑިޓާ ޒީނާ ޒާހިރަކީ, ސިއްހީ ފަރުވާއަށް އިތުރު އެހީތެރިކަން ބޭނުންވާ މީހުންނަށް އާޓިކަލްތައް ލިޔުއްވައި, ވީޑިއޯ ރިޕޯޓްތައް ހައްދަވައިގެން އެ މީހުންނަށް އާއްމުންގެ އެހީތެރިކަން ހޯދައި ދޭން މަސައްކަތް ކުރައްވާ ލިޔުންތެރިއެކެވެ. ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި މިފަދަ 52 ބަލި މީހަކާ ގުޅޭ ރިޕޯޓްތައް ލިޔުއްވައި އޭނާ ޝާއިއު ކުރައްވާފައިވެއެވެ. ޒީނާގެ މަގުސަދު ވަރަށް ވެސް ރަނގަޅެވެ. އޭނާ ބޭނުންފުޅުވަނީ ވަރަށް ބޮޑެތި ބަލިތައް ތަހަންމަލް ކުރާ މީހުންނަށް އާއްމުންގެ އެހީތެރިކަން ފޯރުކޮށް ދޭށެވެ. އޭނާ އެފަދަ ރިޕޯޓްތައް ލިޔުއްވަނީ ބަލި މީހާގެ ސިއްހީ ހާލަތާއި ދިރިއުޅުމުގެ ހާލަތު ރަނގަޅަށް ބައްލަވައި, އެއީ ހަގީގަތުގައި ވެސް އެހީތެރިކަން ބޭނުންވާ މީހެއްކަން ޔަގީން ކުރެއްވުމަށް ފަހުގައެވެ.

ނަމަވެސް ޒީނާއަށް ވެސް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އޭނާގެ އާޓިކަލްތަކުން މައުލޫމާތާއި ފޮޓޯތައް ނަގައިގެން, ގިނަ "ސްކޭމް" ތަކެއް ހިންގާތަން ފެނުމެވެ.

"ވަރަށް ބޮޑަށް ފާހަގަވޭ ޒީނާގެ ރިޕޯޓްތަކުގެ ބައިތައް ނަގާފައި ނުބައި މޯބައިލް ނަމްބަރާއި ނުބައި އެކައުންޓް ނަމްބަރު ޖަހައިގެން ސޯޝަލް މީޑިއާގައި ޕޯސްޓްތައް ދައުރު ކުރާތަން. މީހުންނަށް އެއީ ފޭކްކަން ނޭނގި އެހީ ވެސް ވާކަމަށް ވަނީ. އެފަދަ ޕޯސްޓްތައް ވެސް ވަރަށް ޝެއާ ކޮށްފައި ހުރޭ." ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަން ކުރިން ކުރެއްވި ޒީނާ ވިދާޅުވިއެވެ.

ޒީނާ ގަބޫލު ކުރައްވާގޮތުގައި މި ފަދަ މައްސަލަތައް ވަރަށް އަވަހަށް ބަލައި މިފަދަ އޮޅުވާލުންތައް އޮޅުވާލާ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހެއެވެ. ނޫނީ ހެޔޮ ނިޔަތުގައި އެހީ ދޭން ވެސް މީހުން ފަސްޖެހޭ ހިސާބަށް ދާނެ ކަމަށް އޭނާ ދެކެލައްވައެވެ.

"ޕޯސްޓްތަކުގެ ނާޖާއިޒު ފައިދާ ނަގަނީ. ވަރަށް ބަލި މީހުންގެ ނާޖާއިޒު ފައިދާ މި ނަގަނީ. މިއީ ވަރަށް, ވަރަށް ދެރަ ކަމެއް. އެކަހަލަ މީހުން ހޯދަން ޖެހޭ. ފިޔަވަޅު އަޅަން ޖެހޭ. ޕޯސްޓްތަކުގައި އެ ހުންނަ ނަމްބަރުތަކާއި އެކައުންޓް ނަމްބަރުތަކުން އެއީ ކޮން ބައެއްކަން ދެނެގަނެވޭނެ," ޒީނާ ވިދާޅުވިއެވެ.

މިފަދަ އޮޅުވާލުންތައް ގިނަކަން ފާހަގަ ކުރެވޭތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެހީއަށް އެދި މީހުން ޝެއާ ކުރާ ޕޯސްޓްތަކުގެ އެކައުންޓް ނަމްބަރު ބަދަލު ކޮށްގެން އަލުން ޕޯސްޓް ކޮށްފައި ހުންނަ ކަމުގެ ޝަކުވާ ފުލުހުންނަށް ލިބޭ ކަމަށެވެ. އަދި އެފަދަ ކަންކަމާ ގުޅިގެން ފުލުހުން ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިފަދަ ކަންކަމަށް ރައްޔިތުން ސަމާލުވުމަށް މި ފުރުސަތުގައި ހަނދާން ކޮށްދެން. އެ ގޮތުން މިފަދަ ޕޯސްޓްތަކަށް އިތުބާރުކޮށް ފައިސާގެ މުއާމަލާތެއް ހިންގުމުގެ ކުރިން އެކަމުގެ ސައްހަކަން ކަށަވަރު ކުރުމަށް އިލްތިމާސް ކުރަން," ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ދިވެހިންނަކީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ސިއްހީ ކަންކަމަށް ދައުލަތުން ބޮޑު އެހީތެރިކަމެއް ލިބޭ ބައެކެވެ. އާސަންދައިގެ އިތުރުން އެންސްޕާ މެދުވެރިކޮށް ވެސް ބޮޑެތި އެހީތައް ބަލި މީހުންނަށް ލިބެއެވެ. އެކަމަށް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ވެސް ކުރެއެވެ. ނަމަވެސް ބައެއް ކަހަލަ ބަލީގެ ހާލަތުން ގިނަ ދުވަހު ރާއްޖޭން ބޭރުގައި އުޅެން ޖެހުމުން ކުރަން ޖެހޭ އެހެން ޒަރޫރީ ހަރަދުތައް ވެސް ނުފުއްދޭތީ ބައެއް މީހުން އެހީތެރިކަން ބޭނުން ވަނީއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް މި ގޮތަށް ފައިސާ ހޯދަނީ ހަމައެކަނި ބަލި މީހުންނަކަށެއް ނޫނެވެ. ދީނީ އެކިއެކި ކަންކަމަށާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންގެ ނިކަމެތި ހާލަތު ބުނެދީ, އެ ފަރާތްތަކަށް އެހީތެރިވުމަށް ކަމަށް ބުނެ ވެސް އާއްމުންގެ އަތުން ފައިސާ ހޯދައެވެ. އަދި އެކިއެކި ގައުމުތަކުގައި މިސްކިތްތައް އިމާރާތް ކުރުމަށާއި މުސްހަފު ބެހުމުގެ އިތުރުން ފެން ވަޅު ހެދުންފަދަ ކަންކަމަށް ވެސް ފައިސާ ހޯދައެވެ. އޭގެ ތެރޭގައި ވަރަށް މާތް މަގުސަދެއްގައި ވަރަށް ތެދުވެރިކަމާއެކު އެ ފައިސާ ބޭނުން ކުރާ މީހުން ވެސް އުޅެއެވެ. ހަމަ އެހެންމެ އޮޅުވާލައިގެން ނާޖާއިޒު ފައިދާ ނަގާ މީހުން ވެސް ގިނައެވެ.

ހައްލަކީ ކޮބާ?

ރާއްޖެއަށް ބަލާއިރު އާއްމުންގެ އަތުން ފައިސާ ނެގުމަށް އެކިއެކި ހަރަކާތްތައް ހިންގުމަކީ ވަރަށް ވެސް ފަސޭހަ ކަމެކެވެ. "ހެލްޕު" ދެން ކޮންމެ ވެސް މީހެއްގެ ނަން ޖަހައިގެން ޕޭޖުތައް ހަމަ ހިންގަން ވީއެވެ. އަދި ދީނީ ހަރަކާތްތަކަށާއި އެހެން ވެސް އިވެންޓްތަކަށް ފަންޑް ރެއިޒް ކުރަން ހަމަ ހަރަކާތްތައް ހިންގަންވީއެވެ. އެންމެން އަތުގައި ސްމާޓް ފޯނު އޮންނައިރު މިއީ ވަރަށް ފަސޭހައިން އަދި ކޮންމެ މީހަކަށް ވެސް ބޭނުންއިރަކު ކުރެވޭ ގޮތަށް އޮންނަ ކަމެކެވެ. ހުއްދަ ނަގަން ޖެހޭ ތަނެއް, ޖަވާބުދާރީވާން ޖެހޭ ތަނެއް ނޯވެއެވެ. މިއީ މި ރާއްޖޭގެ ހާލަތު ނަމަވެސް ދުނިޔޭގެ ތަހުޒީބީ ގައުމުތަކުގައި މިކަން އޮންނަނީ މިހެނެއް ނޫނެވެ.

މީހަކު ފޯނާ ކުޅެނީ: ސިއްހީ އެހީގެ ނަމުގައި ސްކޭމްތައް ހިންގުން އާއްމު-- ސަން ފޮޓޯ

އިންސާނުން ވަކި އުސޫލެއްގެ ތެރެއިން ގެންގުޅުމަށްޓަކައި އެ މީހުންގެ މައްޗަށް އަމަލު ކުރާނެ ގާނޫނާއި ގަވާއިދުތަކެއް އޮންނަން ވާނެއެވެ. ދުނިޔޭގެ ތަހުޒީބީ އެހެން ގައުމުތަކުގައި އެކަން ކުރަނީ އެފަދަ ހައްލުތަކާއެކުއެވެ. އެގޮތުން މިފަދަ މައްސަލަތަކަށް ތަހުޒީބީ ގައުމުތަކުގައި ގައްލު ގެނެސްފައި ވަނީ ޗެރިޓީ ގާނޫނާއި ގަވައިދުތައް ހަދައިގެންނެވެ. އެފަދަ ގާނޫނުތައް އޮންނަ ގައުމުތަކުގައި ޗެރިޓީތައް ހިންގޭނީ ދައުލަތުގެ ވަކި އިދާރާއެއްގެ ހުއްދަ ލިބިގެންނެވެ. އަދި ހަމަ އެހެންމެ ޗެރިޓީއަށް ފައިސާ ހޯދާ ގޮތާއި އެ ހަރަދު ކުރިގޮތުގެ ތަފްސީލީ ރިޕޯޓްތައް ހުށަހަޅަން ޖެހެއެވެ.

އެމެރިކާއަށް ބަލާއިރި މިފަދަ ފަންޑްރެއިޒިން ކަންކަން އެންމެ ފުޅާކޮށް ހިންގާ އެއްބަޔަކީ އެ ގައުމުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޕްލެޓްފޯމެއް ކަމަށްވާ "ގޯފަންޑްމީ" އެވެ. މިފަދަ ޕްލެޓްފޯމްތަކުގައި ޗެކްކުރުމުގެ ޕްރޮސެސްތަކާއި މަކަރުން ރައްކާތެރިވުމުގެ ރަނގަޅު ސިޔާސަތުތައް ހުރެއެވެ. އަދި ހަމަ އެހެންމެ އެމެރިކާގެ ގިނަ ހޮސްޕިޓަލްތަކުގައި ވެސް ރަސްމީ ޑޮނޭޝަން ޗެނަލްތައް ހުރެއެވެ.

ސިންގަޕޫރަށް ބަލާއިރު އެ ގައުމުގައި މިފަދަ ހަރަކާތްތައް ހިންގަނީ "ގިވިން.އެސްޖީ" ފަދަ ސަރުކާރުން މޮނީޓާ ކުރާ ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. އަދި އަވައްޓެރި އިންޑިއާއަށް ބަލާއިރު ވެސް މިފަދަ ފަންޑްރައިޒިން ކަންކަން ހިންގޭނީ ސަރުކާރުން ދޭ ހުއްދައެއްގެ ދަށުންނެވެ.

ޗެރިޓީ ގާނޫނުތަކުން މައިގަނޑު ގޮތެއްގައި ހިމާޔަތް ކޮށްދެނީ އެހީގެ ކަންކަން ކުރާ މީހުންގެ ނަޒާހަތްތެރިކަމެވެ. އެއީ އެހީގެ ގޮތުގައި ފައިސާ ނަގާ މީހުންގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތަކަށް ކުރަން އެ ގާނޫނުން ލާޒިމު ކުރުމާއި ޖަވާބުދާރީކުރުވާތީއެވެ. މިފަދަ ގާނޫނުތަކުގެ މަގުސަދަކީ ޖަމްއިއްޔާތައް ހިންގުމާއި، މާލީ ކަންކަން މެނޭޖު ކުރާނެ އުސޫލުތައް ބުނެދީ، އެހީދޭ މީހުންނާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމެވެ. ރަޖިސްޓްރީކުރުމާއި، ރިޕޯޓްކުރުމާއި، ބެލެހެއްޓުމުގެ ގާނޫނީ އޮނިގަނޑުތައް ގާއިމުކުރުމުގެ ސަބަބުން ހިޔާނާތްތެރިވުމާއި، ޗެރިޓީގެ ވަސީލަތްތަކުގެ ނާޖާއިޒު ފައިދާ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވެއެވެ.

ރާއްޖޭގައި އަދި މިފަދަ ގާނޫނެއް ނެތެވެ. މިފަދަ ކަންކަން ބަލަހައްޓާނެ އިދާރާއެއް އަދި އުސޫލެއް ވެސް ނެތެވެ. އަދި އޮތީ ހަމަ އެ މީހަކު ބޭނުންއިރަކު މިފަދަ ކަންކަން ކުރާ ގޮތަށެވެ. ހަރުދަނާ އުސޫލެއް ނެތުމުގެ ސަބަބުން ހެޔޮ ގޮތުގައި މިފަދަ މަސައްކަތްތައް ކުރާ މީހުންނަށް ވެސް އެކިއެކި ތުހުމަތުތައް މިދަނީ ކުރެވެމުންނެވެ. އަދި އޮޅުވާލައިގެން ފައިސާ ނެގުން ވެސް މި ވަނީ އިތުރުވެފައެވެ. ބަލި މީހަކަށް އެހީވާން އުޅުނު އެތައް ބަޔަކަށް ވަގުންނަށް އެހީވެވިފައި އެބަހުއްޓެވެ.

comment ކޮމެންޓް