ރާއްޖޭގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ "އައިފިލްމްސް"ގެ ދަށުން ނެރޭ ފުރަތަމަ ލޯބީގެ ފިލްމު "ލޯބިން..؟"ގެ ކާސްޓު އިއުލާނުކޮށްފިއެވެ.
އިއްލެގެ އާ ޕްރޮޖެކްޓުގެ ޝޫޓިން މަސައްކަތް ފަށާފައިވަނީ މި މަހުގެ ކުރީކޮޅުގައެވެ. އެއަށްފަހު ފިލްމާ ގުޅޭ އާ މައުލޫމާތުތައް ދަނީ ހިއްސާ ކުރަމުންނެވެ.
މީގެ ދެ ދުވަހެއް ކުރީން އައިފިލްމްސް އިން ވަނީ ހާއްސަ ޓީޒަރެއް ނެރެފައެވެ. މި ޓީޒަރުގައި ފިލްމުގެ ކާސްޓު ދިމާކުރުމަށް ވަނީ ހާއްސަ ފޮޓޯއެއް އާންމުކޮށްފައެވެ. ނަމަވެސް އޭރު ކާސްޓު އެނގޭކަށް ނެތެވެ. މިހާރު ކާސްޓު އެންމެ ފަހުން މިއޮތީ އިއުލާނުކޮށްފައެވެ.
އައިފިލްމްސްގެ ލޯބިން ފިލްމުގެ ކާސްޓުގައި ހިމެނެނީ ނުޒުހަތު ޝުއައިބާއި އިފްނާޒް ފިރާގުގެ އިތުރުން ތާތި އިބްރާހީމާއި އަހްމަދު ޝާކިރު އަދި އަހުމަދު ޝާރިފެވެ.
އަލަށް ނެރޭ ފިލްމުގައި އިއްލެއާއެކު މަސައްކަތް ކުރާނީ އިފްނާޒްއެވެ. އިފްނާޒަކީ އިއްލެގެ ގިނަ މަސައްކަތްތަކުގައި އޭނާއާއެކު މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން އިއްލެގެ އެންމެ ފުރަތަމަ ފިލްމު "ބަވަތި"ގެ ސަޕޯޓިން ލީޑުގެ ރޯލުންވެސް ފެނިގެން ގޮސްފައިވަނީ އިފްނާޒްއެވެ. އޭގެ އިތުރުން އިތުރު ޕްރޮޖެކްޓުތަކުގައި އިއްލެއާއެކު އެސިސްޓަންޓު ޑިރެކްޓަރެއްގެ ގޮތުގައި އިފްނާޒް ވަނީ މަސައްކަތް ކޮށްފައެވެ.
ދިވެހީންގެ ތެރޭގައި އިއްލެ މަގުބޫލު ވެގެން ގޮސްފައިވަނީ ތަފާތު އެކި ކަހަލަ ތުރިލާ ފިލްމުތަކާ އެކުގައެވެ. ބޮޑެތި ޓްވިސްޓުތައް ހިމެނޭ، އަދި ނަފްސާނީ ބަލިތަކާއި އިޖުތިމާއީ މައްސަލަތައް ގުޅުވާލައިގެން ތައްޔާރުކުރާ ތަފާތު ފިލްމުތަކާއެކު އިއްލެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދިއެވެ.
މިފަހަރު އިއްލެ ފަށާފައިވަނީ ތަފާތު ޕްރޮޖެކްޓެއްގެ މަސައްކަތެވެ. އެގޮތުން އިއްލެ މި ފަހަރު ތައްޔާރު ކުރާނީ ލޯބީގެ ފިލްމެކެވެ. އައިފިލްމްސް އަށް ހަ އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޕްރޮޑަކްޝަންގެ ފުރަތަމަ ލޯބީގެ ފިލްމު، "ލޯބިން..؟" އިއުލާނު ކޮށްފައިވަނީ މީގެ ހަވަރަކަށް މަސް ކުރީންނެވެ.