ކޮންމެ އަހަރެއްގެ ކާންސް ފިލްމު ފެސްޓިވަލް އަކީ ތަފާތު އެކި ވާހަކަތަކެއް އިވޭ އިވެންޓެކެވެ. އެންމެ ތަފާތު ވާހަކަތަކެއް އާންމުކޮށް ދެކެވޭނީ ބިރުވެރި ފިލްމުތަކާއެކުގައެވެ. ގިނަ ފަހަރަށް ފިލްމު ބިރުވެރިކަމުން ނުބެލޭ ވާހަކަތައް އިވޭނެއެވެ. މިފަހަރުވެސް ބިރުވެރި ފިލްމެއްގެ ވާހަކައެވެ. ނަމަވެސް މިފަހަރު ނުބެލިގެން ނުކުތީ ފިލްމު ފޫހިކަމުންނެވެ.
ކާންސް ފިލްމު ފެސްޓިވަލްގައި މިފަހަރު ޕްރިމިއާ ކުރި ފިލްމުތަކުގެ ތެރޭގައި ފްރެންޗް ބިރުވެރި ފިލްމު ކަމަށްވާ "އަލްފާ" ހިމެނެއެވެ. ޖޫލިއާ ޑޫކޫނައު ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ގިނަ ބަޔަކު ބިރު ގަންނަވާލާނެ ފިލްމެއް ކަމަށް ޕްރޮޑަކްޝަނުން ހީކޮށްފައިވެއެވެ. ނަމަވެސް ހަފުތާ ބަންދުގައި ފިލްމު އެޅުވުމާއެކު އާންމުންގެ ފަރާތުން ލިބުނީ ހީކުރި ފަދަ ޖަވާބެއް ނޫނެވެ.
ގިނަ އަދަދެއްގެ ބެލުންތެރިންތަކެއް ވަނީ ފިލްމުގެ މެދު ތެރެއިން ސިނަމާ ދޫކޮށް ނިކުމެފައެވެ. ނަމަވެސް ބެލުންތެރިން ސިނަމާ ދޫކޮށްލީ ފިލްމު ބިރުވެރި ވެގެނެއް ނޫނެވެ. ފިލްމު ފޫހިކަމުންނެވެ.
ޖުމްލަ ދެ ގަޑިއިރުގެ މި ފިލްމުގައި ދައްކައިދެނީ އެކަނިވެރި މައެއް އޭނާގެ ދަރިފުޅު ބަލަން އުޅުމުގެ ތެރޭގައި ދިމާވާ ދަތިތަކުގެ ވާހަކައެވެ. ނަމަވެސް މި ފިލްމުގެ މަންޒަރުތައް ރާވާފައިވާ ގޮތުން ފިލްމުގައި އެއްވެސް ކަމެއް ނުވެ ބޭކާރު ގިނަ މަންޒަރުތަކެއް ފެނެއެވެ. އެއާއެކު ބެލުންތެރިންގެ ސަމާލުކަން ނުލިބި ފިލްމު ބެލުމަށް އެތައް ބަޔަކު ފޫހިވެގެން ގޮސްފައިވެއެވެ.
ގިނަ ފަހަރަށް ފިލްމު ފެސްޓިވަލްގައި ބިރުވެރި ފިލްމެއް އެޅުވުމުން ފަކުރުން ގޮސް ނުވަތަ ބިރުން ގޮސް ކެތް ނުކުރެވިގެން ފިލްމު ދޫކޮށް ބެލުންތެރިން ދެއެވެ. އެފަދަ ރިއެކްޝަނެއް އާންމުންގެ ފަރާތުން އެންމެ ފަހުން ފެނިފައިވަނީ މީގެ ދެ އަހަރު ކުރީން ނެރުނު ފްރެންޗް ބިރުވެރި ފިލްމު "ޓައިޓޭން" އާއެކުގައެވެ. ފިލްމު ބަލަން އުނދަގޫވެގެން ގިނަ ބަޔަކު ސިނަމާ ދޫކޮށް ވަނީ އެ އަހަރު ގޮސްފައެވެ.