ޓޮޕް ގަންގެ ތިންވަނަ ބައެއްވެސް ނެރެނީ

އެމެރިކާގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް އެންމެ ފުރަތަމަ މަގުބޫލުކަން ހޯދި ފިލްމު "ޓޮޕް ގަން"ގެ ތިންވަނަ ބައެއް ހަދަން އުޅޭކަން އިއުލާނުކޮށްފިއެވެ.

ކްރޫޒް ވަރަށް ޒުވާން ދުވަސްވަރުގައި ލީޑުން ފެނިގެންދިޔަ ފިލްމު "ޓޮޕް ގަން"ގެ ސީކުއަލް "ޓޮޕް ގަން: މެވަރިކް" ނެރެފައިވަނީ 2022 ވަނަ އަހަރުގައެވެ. ބޮޑު ހިޓަކަށްވި މި ފިލްމުގެ އިތުރު ބައެއް ބަލަން ބޭނުންވެ ފޭނުން އެތައް އާދޭސްތަކެއް މީގެކުރީން ވަނީ ކޮށްފައެވެ.

އެކަމަށް ޖަވާބު ދެމުން ދާދިފަހުން ކްރޫޒް، އޮސްޓްރޭލިއާ ނައު އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ޓޮޕް ގަންގެ ތިންވަނަ ބައެއްގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ދެވަނަ ފިލްމުގެ ސްކްރީން ރައިޓަރު އަންނަނީ އާ ފިލްމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ފިލްމުގެ ޝޫޓިން މިއަހަރުގެ ފަހުކޮޅުގައި ފަށާނެއެވެ. މެވަރިކްގެ ކާސްޓުންގެ ތެރެއިން މައިލްސް ޓެލާ ތިންވަނަ ފިލްމުންވެސް ފެނިގެންދާނެ ކަމަށް ކްރޫޒް އިޝާރާތްކޮށްފައިވެއެވެ. ނަމަވެސް އިތުރު ކާސްޓުންގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

ޓޮޕްގަންގެ ފުރަތަމަ ފިލްމު ނެރެފައިވަނީ 1986 ގައެވެ. އޭރު ކްރޫޒްގެ އުމުރަކީ 24 އަހަރެވެ. މިއީ ކްރޫޒް އާންމުންގެ ތެރޭގައި މަގުބޫލުވި ފިލްމެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު ދެވަނަ ފިލްމު ވެސް ވަނީ ބޮކްސް އޮފީހުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. އެގޮތުން މެވަރިކް އެކަނި ވެސް ވަނީ 1.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.

comment ކޮމެންޓް