ސައުދީ އަރަބީއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ އަމިއްލަފުޅު ޚަރަދުގައި ފަލަސްތީނުގެ އެއް ހާސް މީހުން މި އަހަރުގެ ހައްޖުގެ އަޅުކަމަށް ގެންދިއުމަށް ނިންމަވައިފިއެވެ.
ސައުދީ ޕްރެސް އޭޖެންސީއާ ހަވާލާދީ އަރަބި ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހައްޖަށް ގެންދިއުމަށް ނިންމަވާފައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވެ ނުވަތަ ޒަޚަމްވެފައިވާ މީހުންގެ އާއިލާތަކުން 1000 މީހުންނެވެ.
ސައުދީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޕްރޮގްރާމެއްގެ ދަށުން މީގެ ކުރިން ވެސް މީހުންނަށް ހިލޭ ހައްޖުވުމުގެ ފުރުސަތު ދީފައިވާއިރު، އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެކި ގައުމުތަކުން 64،000އަށް ވުރެ ގިނަ މީހުން ވަނީ ހައްޖުގެ އަޅުކަން އަދާކޮށްފައެވެ. އެ ޕްރޮގްރާމުގެ ދަށުން މީހުން ހައްޖަށް ގެންދިއުމަށް ފަށާފައި ވަނީ 1996 ވަނަ އަހަރެވެ.
އެ މިނިސްޓްރީން ބުނީ ފަލަސްތީނުގެ ހައްޖުވެރިންނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް މަގުފަހިކޮށްދިނުމުގެ ފުރިހަމަ ޕްލޭނެއް އެކުލަވާލަން މިހާރު ފަށާފައިވާ ކަމަށެވެ.