އިނގިރޭސިވިލާތުން އިސްރާއީލާއެކު ކުރާ ވިޔަފާރީގެ މަޝްވަރާތައް މެދުކަނޑާލައި ސަފީރު ހާޒިރުކުރަނީ

އިނގިރޭސިވިލާތުގެ ފޮރިން ސެކެޓްރީ ޑޭވިޑް ލަމީ: އެގައުމުން ވަނީ، އިސްރާއީލާއެކު ކުރާ ވިޔަފާރީގެ މަޝްވަރާތައް މެދުކަނޑާލައި ސަފީރު ހާޒިރުކުރަން ނިންމައިފައި

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަސްކަރީ އޮޕަރޭޝަނާ ގުޅިގެން އިނގިރޭސިވިލާތުން އިސްރާއީލާއެކު ކުރާ ވިޔަފާރީގެ މަޝްވަރާތައް މަޑުޖައްސާލައި، އެ ގައުމުގައި ހުންނަ އިސްރާއީލުގެ ސަފީރު ހާޒިރުކޮށްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ޚާރިޖީ ވުޒާރާއިން މިއަދު އިއުލާންކޮށްފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތާއި އިސްރާއީލާ ދެމެދު ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ)ގެ މަޝްވަރާތައް މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށެވެ. އަދި ހުޅަނގު އައްސޭރިއާއި ޣައްޒާގައާމެދު އަމަލުކުރަމުންދާ ގޮތުގެ ސަބަބުން މި މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އިނގިރޭސިވިލާތުގައި ހުންނަ އިސްރާއީލުގެ ސަފީރު ޒިޕޫރާ ހޮޓޯވެލީ ވެސް އިނގިރޭސި ފޮރިން އޮފީހަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

"ޣައްޒާގައި ހިންގާ އަސްކަރީ ހަރަކާތްތައް އިތުރުވެފައިވާއިރު، އެއީ މި ސަރުކާރުން ދެކޮޅު ކަމެއް ކަމަށާއި ގާތްގަޑަކަށް 11 ހަފުތާ ވަންދެން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވާފައި އޮތުމަކީ އަނިޔާވެރި އަދި އިންސާފުވެރި ކަމެއް ނޫން ކަމަށް މިއަދު އަޅުގަނޑު، ސަފީރު ހޮޓޯވެލީއަށް އަންގާނަން." އިނގިރޭސިވިލާތުން މެދިއިރުމައްޗަށް ކަނޑައަޅާފައި ހުންނަ ވަޒީރު ހަމީސް ފެލްކޮނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކެޓްރީ ޑޭވިޑް ލަމީ ވެސް ވަނީ ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން އިސްރާއީލުން ހުއްޓުވުމުން އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ.

އެހެންކަމުން އެފްޓީއޭގެ އެއްބަސްވުންތައް މެދުކަނޑައިލާފައިވާކަން ލަމީ ވޭސް ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަމާއެކު އުޅެވޭ "ފްރީ ސްޓޭޓް"އެއްގައި ކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުން އެގޮތަށް ނިންމާފައިވާއިރު، ހަމަލާތައް ހުއްޓާލާއި އެހީގެ ސަމާނު ވައްދަން ހުއްދަ ނުދޭނަމަ، އިސްރާއީލަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުން އޮތީ ދީފައެވެ. އެ ގައުމުގެ އިތުރުން ކެނެޑާއާއި، ފަރަންސޭސިވިލާތުން ވެސް ވަނީ މިކަމާ ގުޅިގެން އިސްރާއިލާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

އިސްރާއީލާ އިނގިރޭސިވިލާތާ ދެމެދު އެފްޓީއޭގެ މަޝްވަރާތަށް ފެށީ 2022ވަނަ އަހަރުގެ ޖުލައި މަހުއެވެ.

މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިސްރާއީލުން އޮތީ ހުއްޓުވާފައެވެ. ނަމަވެސް ޣައްޒާއަށް ކިރިޔާ ފުދޭ ވަރަށް ކާނާ ވެއްދުމުގެ ހުއްދަ ދޭނެ ކަމަށް އިއްޔެ ވަނީ ބުނެފައެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހު އިސްރާއީލުން ދޭންފެށި ހަމަލާތައް އެއްބަސްވުމެއްގެ ދަށުން މިދިޔަ ޖެނުއަރީ މަހު ހުއްޓާލާފައި އޮތުމަށްފަހު، މާޗް މަހު އަނެއްކާވެސް ވަނީ ހަމަލާތައް ދޭން ފަށާފައެވެ.

ޣައްޒާގެ ސިއްޚީ ވުޒާރައިން ހޯމަ ދުވަހު ބުނީ މާޗް 18ވަނަ ދުވަހު އިސްރާއީލުން އަލުން ހަމަލާތައް ފެށި ފަހުން ގާތްގަޑަކަށް 3،340 މީހުން ޝަހީދުކޮށްލާފައިވާ ކަމަށާއި ހަނގުރާމައިގައި ޝަހީދުކޮށްލި މީހުންގެ ޖުމްލަ އަދަދު 53،486އަށް އަރާފައިވާ ކަމަށެވެ.

comment ކޮމެންޓް