2007އިން ފެށިގެން އުފަންވާ އެންމެންނަށް، ނޮވެންބަރުން ފެށިގެން ސިނގިރޭޓު މަނާކޮށްފި

ފަހުގެ ޖީލަށް ދުންފަތް މަނާކުރާ ބިލު ރައީސް ތަސްދީގުކުރައްވަނީ: 2007 އިން ފެށިގެން އުފަންވާ ކުދިންނަށް، ނޮވެމްބަރުން ފެށިގެން ދުންފަތް މަނާވާނެ -- ފޮޓޯ/ ރައީސް އޮފީސް

'ޖެނަރޭޝަނަލް ބޭން'ގެ ދަށުން 2007ވަނަ އަހަރުން ފެށިގެން އުފަންވާ އެންމެންނަށް މިއަހަރު ނޮވެމްބަރު މަހުން ފެށިގެން ސިނގިރޭޓު މަނާކުރާ ބިލު، ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ރައީސް މުއިއްޒު، އެ ބިލު މިއަދު ތަސްދީގުކުރެއްވީ ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަރިހުގައި ސްކޫލް ދަރިވަރުންނާއި، ކެބިނެޓުގެ ވަޒީރުންނާއި ރައީސް އޮފީހުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ފަހުގެ ޖީލަށް ދުންފަތް މަނާކުރާ ބިލު ރައީސް ތަސްދީގުކުރައްވަނީ: 2007 އިން ފެށިގެން އުފަންވާ ކުދިންނަށް، ނޮވެމްބަރުން ފެށިގެން ދުންފަތް މަނާވާނެ -- ފޮޓޯ/ ރައީސް އޮފީސް

އެ ބިލު މަޖިލީހުން ފާސްކުރީ، މި މަހުގެ 13ވަނަ ދުވަހުއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ޖަނަވަރީ އެކެއް، 2007އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެއިން މީހަކަށް އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކައިގެން ވެސް ނުވާނެ ކަމަށެވެ.

އެ އިސްލާހުގައި ބުނެފައިވަނީ، ދުންފަތުގެ ބާވަތެއް ގަންނަނީ ކާކުކަން ނޭނގޭ ފަދަ ގޮތަކަށް ވެންޑިން މެޝިނަކުން ނުވަތަ އޮންލައިންކޮށްނާއި ޕޯސްޓް މެދުވެރިކޮށް ވެސް ވިއްކައިގެން ނުވާނެ ކަމަށެވެ.

https://sun.mv/205960

އެހެންވެ، އިސްލާހުގައި ވާގޮތުން ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ އުމުރުން 21 އަހަރުވެފައިވާ އަދި ޖަނަވަރީ 1، 2007ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ގާނޫނުގެ ދަށުން ދޫކުރާ ލައިސެންސް އަދި ރަޖިސްޓްރޭޝަން އޮވެގެން ނޫނީ ދުންފަތުގެ އެއްވެސް ބާވަތެއް ނުވިއްކޭނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ދުންފަތުގެ ބާވަތެއް ގަންނަ މީހެއްގެ އުމުރު ޔަގީންނުވާނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެ ނޫން ވެސް އުމުރު އަންގައިދޭ ރަސްމީ ލިޔެކިޔުމަކުން އުމުރު ޔަގީންކުރަން ވެސް ގާނޫނުން ވަނީ މަޖުބޫރުކޮށްފައެވެ.

ޖެނަރޭޝަނަލް ބޭންގެ ވާހަކަ އެންމެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މާރިޗު 27، 2025ގައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މި ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރުކުރުމާއި ހިލޭބެހުން ރާއްޖޭގައި ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ވެން ވަނީ ބޮޑުކޮށްފައެވެ.

comment ކޮމެންޓް