'ޕްރިންސް'އާ ގުޅޭ ލިޔުންތަކާއި ފޮޓޯތައް ރައީސް އޮފީހުގެ ވެބްސައިޓުން 'ގެއްލިއްޖެ'

ރައީސް މުއިއްޒާއި "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން އޮފް ސައުދީ އަރަބިއްޔާ" ބައްދަލުކުރެއްވުން: އެ ލިޔުން ވަނީ ރައީސް އޮފީހުގެ ވެބްސައިޓުން 'ގެއްލިފައި' -- ފޮޓޯ/ ރައީސް އޮފީސް

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ 'ޕްރިންސް'އަކާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ކަމަށް ބުނެ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ޚަބަރާއި އާންމުކުރި ފޮޓޯތައް ވެސް އެ ވެބްސައިޓުން މިއަދު 'ގެއްލިއްޖެ'އެވެ.

ރައީސް މުއިއްޒާއި "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން އޮފް ސައުދީ އަރަބިއްޔާ" ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޚަބަރެއް ޝާއިއުކުރީ މި މަހު ފަސްވަނަ ދުވަހެވެ.

އެކަމަކު، އެ ޚަބަރު އާންމުކުރުމާ އެކު ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެ މީހާއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ނޫން ކަމަށާއި އެއީ 'ޕްރިންސް'އެއް ނޫން ކަމަށް ގިނަ ބަޔަކު ބުންޏެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ އެއީ 'ސްކޭމަރެއް' ކަމަށް ވިދާޅުވެ، ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

އެނގިފައިވާ ގޮތުގައި ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން މިއަދު އެ ޚަބަރު ފުހެލައިފިއެވެ.

'ޕްރިންސް'އާ ގުޅޭ ލިޔުން ރައީސް އޮފީހުގެ ވެބްސައިޓުން ފުހެލާފައި --

އެ ޚަބަރު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ލިންކަށް ފިތާލުމުން މިހާރު އަރަނީ އެ ޚަބަރު މިހާރު ފުހެލާފައިވާ ކަމަށެވެ. ނުވަތަ، ނަން ބަދަލުކޮށްފައިވާ ކަމަށެވެ. އެ ބައްދަލުކުރެއްވުމުގެ ފޮޓޯތައް ވެސް މިހާރު ރައީސް އޮފީހުގެ ވެބްސައިޓަކުން ނުފެނެއެވެ. އެ ބައްދަލުކުރެއްވުމާ ގުޅޭ އެކްސް ޕޯސްޓްތައް ވެސް މިހާރު ވަނީ ފުހެލައިފައެވެ.

އެކަމަކު، އެ ދުވަސްވަރު ރައީސާ ބައްދަލުކުރެއްވި އެހެން ބޭބޭފުޅުންގެ ފޮޓޯތަކާއި ޚަބަރުތައް ވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި އެބަހުއްޓެވެ. މި ކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދާ ސުވާލުކުރި ނަމަވެސް މިހާތަނަށް ޖަވާބެއް ދެއްވައިފައެއް ނުވެއެވެ.

ރައީސް މުއިއްޒު، ސައުދީގެ 'ޕްރިންސް'އާ ބައްދަލުކުރެއްވި ޚަބަރު ރައީސް އޮފީހުގެ ވެބްސައިޓުން 'ގެއްލިފައި'މިވަނީ މާދަމާ އެ މަނިކުފާނު ޙައްޖަށް ފުރާވަޑައިގަންނަވާނެކަން އިއުލާނުކުރައްވާފައިވަނިކޮށެވެ.

'ސަން'އިން ބެލިބެލުމުން އެނގުނު ގޮތުގައި ފަހަދްގެ މުނިމާމައަކީ މައިފުށުގެ ގޮތުން ސައުދީގެ ފުރަތަމަ ރަސްގެފާނު އާލްސުއޫދުގެ ބޭކަނބަލެކެވެ. އެހެންވެ، އޭނާއަކީ ރަސްގެފާނު އާލްސުއޫދުގެ މުނިކާފަ ދަރިކަލެކެވެ.

އެކަމަކު، 'ޕްރިންސް'ގެ ލަގަބު ސައުދީގައި ލިބެނީ ފިރިހެން ދަރިފަސްކޮޅަށެވެ.

އެހެންވެ، ފަހަދަކީ ސައުދީގެ ޝާހީ އާއިލާއަށް ނިސްބަތްވި ނަމަވެސް 'ޕްރިންސް'އެއް ނޫނެވެ. އަދި، ވެރިކަން ކުރާ ފިރިހެން ދަރިފަސްކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އޭނާއަކީ ސައުދީގެ ވެރިކަމުގައި ރަސްމީ ހައިސިއްޔަތެއް ވެސް އޮތް ބޭފުޅެއް ނޫނެވެ.

އެ ގައުމުގެ ޝާހީ އާއިލާގައި 25،000 އެއްހައި މެންބަރުން ތިބެއެވެ.

comment ކޮމެންޓް