ޣައްޒާއަށް ކޮންމެ ވެސް ވަރަކަށް ކާބޯތަކެތި ވެއްދުމަށް އިސްރާއީލުން އެއްބަސްވެއްޖެ

ޣައްޒާގެ އަންހެނަކު ގިސްލައި ރޮނީ

ސަންއާ (21 މެއި 2025) : ހަނގުރާމައިގެ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމަށް އިސްރާއީލުން ހިންގާ ޖަރީމާތަކާއެކު އިސްރާއީލާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައި އިސްރާއީލު އެކަހެރިކޮށް, ބާކީކޮށްލުމަށް ދުނިޔޭގެ ފެންވަރުގައި ގޮވާލަމުން ދަނިކޮށް ޣައްޒާއަށް ކޮންމެ ވެސް ވަރަކަށް ކާބޯތަކެތި ވެއްދުމަށް ގަލްފުގެ އަރަބި ގައުމެއްކަމަށްވާ ޔުނައިޓެޑް އަރަބި އިމަރޭޓްސް (ޔޫއޭއީ) އިން އިސްރާއީލާއެކު އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ޔޫއޭއީގެ ރަސްމީ ނޫސް އެޖެންސީ ބުނާގޮތުން ޣައްޒާގައި އިސްރާއީލުން ހައިހޫނުގައި ޖައްސާފައިވާ 2.1 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމާބެހޭ ގޮތުން އެ ގައުމުގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދު ޔަހޫދީ ޚާރިޖީ ވަޒީރު ގަދްއޫން ސާއިރު އާއެކު ފޯނުން އެއްބަސްވުމަކަށް އައިސްފައިވާ ކަމުގައެވެ. އަރަބި ގައުމެއްކަމަށްވާ ޔޫއޭއީ އަކީ ޣައްޒާގެ މައްސަލާގައާ އަދި ފަލަސްތީނުގެ މުޅި މައްސަލާގައި ވެސް އިސްރާއީލު ވާހަކަ ދައްކާ ބީދައިން އިސްރާއީލުގެ ވިސްނުމުގައި ވާހަކަ ދައްކާ ގައުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ޣައްޒާގެ 15 ވަރަކަށް ހާސް މީހުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެއްޗާއި ބޭހުގެ ޝިޕްމަންޓްތައް ގެންދާކަމަށްވަނީ އިސްރާއީލު ކަނޑައަޅާ ޝަރުތަކެއްގެ މަތިން ސީދާ ޔޫއޭއީ މެދުވެރިކޮށެވެ. މި އެއްބަސްވުމުގައި ޣައްޒާގައި ޕާން އުފައްދާ ބޭކަރީތަކަށް ބޭނުންވާ ސާމާނާއި، ތުއްތުކުދިންނަށް ބޭނުންވާ ސާމާނު އެތެރެ ކުރުން ވެސް ހިމެނޭކަމަށް ޔޫއޭއީގެ ރަސްމީ ނޫސްއެޖެންސީ ބުނެއެވެ.

ޣައްޒާގެ ތުއްތު ކުއްޖަކު ކާއެއްޗަކަށް އެދި އާދޭސް ކުރަނީ

ޣައްޒާގެ 2.1 މިލިޔަން މީހުންގެ ބަނޑު ފުރާނަ މުއްތި ކުރުމަށްޓަކައި ދުވާލެއްގެ މައްޗަށް މަދުވެގެން 500 ޓްރެކްގެ ކާބޯތަކެތި އެތެރެކުރަން ޖެހެއެވެ. ނަމަވެސް މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހަށް ފަހު މިހާތަނަށް ކާބޯތަކެތި ވެސް އަދި ބޭހުގެ ޝިޕްމަންޓެއް ވެސް ޣައްޒާއަށް އެތެރެކުރުމުގެ އެއްވެސް ފުރުސަތެއް އެެމެރިކާ އާއި ޔޫރަޕްގެ މަދަދު ލިބޭ ޒަޔަނިސްޓް އިސްރާއީލުން ދީފައެއް ނުވެއެވެ. ނަތީޖާ އެއްގެގޮތުން މުޅި ޣައްޒާގެ ރައްޔިތުން ވަނީ ބަނޑަށް ޖެހިފައިކަމަށް އދ. ން ބުނެއެވެ.

ހަނގުރާމައިގެ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި އިސްރާއީލުން ޣައްޒާގެ އާންމު ރައްޔިތުން ބަނޑަށް ޖައްސަމުން ގެންދާއިރު އިސްރާއީލުގެ ޔަހޫދީ ޓެރަރިޒަމް ސްޕޮންސާކުރާ މައިގަނޑު ދެފަރާތް ކަަމަށްވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ތިބެނީ ކުޅި ބަލާށެވެ. އަނެއްކޮޅުން އަރަބި އިސްލާމީ ގައުމުތައް ވެސް މި މައްސަލާގައި ބަހެއް ބުނެލުން ފިޔަވައި އެހެންކަމެއް ކުރާތަނެއް ނުފެނެއެވެ.

ޔޫއޭއީގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދު އާއި ޔަހޫދީ ޚާރިޖީ ވަޒީރު ގަދްއޫން ސާއިރު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި ގަލްފުގެ ތިން ގައުމު ކަމަށްވާ ސައޫދީ ގަތަރު އަދި ޔޫއޭއީއަށް ވަޑައިގެން އެ ތިން ގައުމުގެ އިސް މަސްއޫލުވެރިންނާ ކުރެއްވި މަޝްވަރާތަކުގައި ވެސް ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސާ މައްސަލަ ހައްލުކޮށްދިނުމަށް އެދި ސީރިޔަސް ކަމާއެކު ޓްރަމްޕަށް ހުށަހަޅާފައި ނުވާކަމާއި ޣައްޒާގެ މައްސަލާގައި ކުރީ ވަރަށް އާދައިގެ މަޝްވަރާތަކެއް ކަމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއްކަމަށްވާ "މިޑްލް އީސްޓް އައި" ބުނެއެވެ.

އިސްރާއީލު ހިންގާ މި ޖަރީމާއަށް އަޅާނުލައި އިންސާނީ ހައްގުތައް ހިމާޔަތްކުރާ ވެރިންކަމަށް ހެދިގެން އެހެން ގައުމުތަކަށް ފިލާވަޅުތައް ދޭ ޔޫރަޕްގެ ގައުމުތައް ވެސް އިސްރާއީލަށް ދޫދީގެން ތިބީއެވެ.

ނަމަވެސް މިކަމާ ދެކޮޅަށް ޔޫރަޕްގެ އާންމުން އެ ގައުމުތަކުގައި ކުރަމުންގެންދާ ވަރުގަދަ އަދި ބޮޑެތި މުޒާހަރާތަކާއެކު ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސާ ޖަރީމާގައި ޚުދު ޔޫރަޕްގެ ގައުމުތައްވެސް ޝާމިލުވާކަމުގެ އަޑުތައް ފެތުރުމުން މިކަމުން ސަލާމަތްވާން ވެގެން ހުޅަނގުގެ ތިން ގައުމު ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ކެނެޑާ މިހާރުވަނީ ޣައްޒާއަށް ކާބޯތަކެތި ވެއްދުމުގެ ފުރުސަތު ނުދޭނަމަ އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުތަކެއް ދީފައެވެ.

މިއީ މި ތުހުމަތު ތަކުން ބޯދަމައިގަތުމަށް ޔޫރަޕްގެ ގައުމުތަކުން ހިންގާ މަކަރުވެރި ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ޔޫރަޕްގެ އިއްތިޙާދު ވެސް ވަނީ އިސްރާއީލަށް މަތިމަތިން އިންޒާރެއް ދީ މި ޖަރީމާއިން ބޯދަމައިގަތުމުގެ ޑިޕްލޮމެޓިކް ވާހަކަތަކެއް ދައްކަން ފަށާފައެވެ. މިއީ އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާކުރާ ހުޅަނގުން ހެޔޮ ނިޔަތެއްގައި ކުރާ ކަމެއް ނޫންކަމަށް މުހައްލިލުން ވިދާޅުވެއެވެ.

comment ކޮމެންޓް