ދިވެހި އެތުލީޓުންގެ ތަރައްޤީއާއި ދުޅަހެޔޮކަމަށް އެހީތެރިވުމަށް އެއްބާރުލުން ދިނުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އިނގިރޭސި ކުލަބު ލިވަޕޫލް އާއެކު ރާއްޖެއިން މަޝްވަރާތަކެއް ކޮށްފިއެވެ.
މި މަޝްވަރާތައް ބޭއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިނގިރޭސި ފުޓްބޯޅަ ކުލަބު ލިވަލޫޕް އެފްސީގެ އިސްވެރިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮފިޝަލުންނާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އިސްވެރިންނާއެކު އެމްއެމްޕީއާރްސީގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި އެމްއެމްފީއާރްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ އާއި އެމްއެމްޕީއާރްސީގެ ޗެއާމަން އަބުދުﷲ ގިޔާސްގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު ބައިވެރިވެވަޑައިގެންނެވި އެވެ.
ލިވަޕޫލަކީ ރާއްޖޭގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރެވެ. މި ޕާޓްނަޝިޕުގެ ތެރެއިން ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރުމަށް އެ ކުލަބުން ވަނީ ރާވާފައެވެ. އެގޮތުން ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތްތަކާއި ލިވަޕޫލްގެ އެކަޑަމީއެއް ހުޅުވުމަށް ވެސް މަޝްވަރާކުރެވުނެވެ. އެންމެ ބޮޑު މަސައްކަތަކީ ލިވަޕޫލުގައި ރާއްޖެ ޕްރޮމޯޓުކުރުމެވެ.
މި ބައްދަލުވުމުގައި އޮލިމްޕިކް ގޭމްސް އާއި ކޮމަންވެލްތު ގޭމްސް ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ ބޮޑެތި މުބާރާތްތަކުގައި ރާއްޖޭގެ މަތީ ފަންތީގެ އެތުލީޓުންނަށް ވާދަކުރުމުގެ ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މި ދެ ގޭމްސްގައި ރާއްޖެއިން މިހާތަނަށް ވާދަކުރަމުން އަންނަނީ މަދު ކުޅިވަރުތަކެއްގައެވެ. އެއީ ކޮލިފައިން އަދި ރޭންކިންއަށް ބަލާއިރު އެހެން ގައުމުތަކަށްވުރެ ރާއްޖެއަށް ޕޮއިންޓު މަދުވުމުންނެވެ.