މެޗުގެ އިތުރުވަގުތުގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކާމިޔާބުކުރި ލަނޑާއެކު އެފްއޭއެމް ލީގު ކަޕުގައި އޮޑި ސްޕޯޓްސްއާ އެއްވަރުކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގު ބުރުގެ އެއްވަނަ ކަށަވަރުކޮށްފި އެވެ.
ގަލޮޅު ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު މާޒިޔާއާއި އޮޑި ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު މާޒިޔާއަށް އެއްވަނަ ޔަގީންވީ ހަތަރު މެޗުން ހޯދި 10 ޕޮއިންޓާއެކުއެވެ.
ތާވަލުގެ ދެވަނަ މަގާމުގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ތިން މެޗުން ހަ ޕޮއިންޓް ލިބުނުއިރު ތިންވަނައިގައި އޮޑި އޮތީ ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާއެކުއެވެ. ޓީސީ ސްޕޯޓްސް ކުލަބު ހަތަރުވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. އަދި ފުލުގައި މަހިބަދޫ އޮތީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ސުން ޕޮއިންޓާއެކުއެވެ.
މެޗުގައި އޮޑި ސްޕޯޓްސް ކުލަބުން ލީޑު ނަގާފައިވަނީ މެޗުގެ 22ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ހައިޝަމް ރަޝީދެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ކީޕަރު ހުސެއިން ޝަރީފަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްގެންނެވެ.
ފުރަތަމަ ހާފު އޮޑިން ނިންމާލީ ލީޑުގައި އޮވެގެންނެވެ. އެހެންކަމުން ދެވަނަ ހާފަށް މާޒިޔާ ނިކުތީ ބަދަލުތަކާއެކުއެވެ. މި ހާފުގައި މާޒިޔާއިން ކުޅުން ރަނގަޅުކުރި ނަމަވެސް އޮޑިން ވަނީ ދެވަނަ ހާފުގައި މާޒިޔާގެ އެޓޭކްލައިން ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
މާޒިޔާއިން މި ހާފު ވަރުގަދަކޮށް ފެށި ނަމަވެސް އޮޑީގެ ދެވަނަ ހާފުގައި ކުޅެން އެރި މުހައްމަދު ރަޝީދު (ހޮކޭ) ވަނީ މެޗުގެ 62ވަަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި ލަނޑެއް ޖަހާފައެވެ. ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑު ލަނޑެއް ކަމަށް ނިންމާފައެވެ. އެއަށްފަހު މާޒިޔާގެ އަލީ ފާސިރު (ސެންޓޭ) ވެސް ލަނޑެެއް ޖެހިއެވެ. މި ލަނޑުވެސް ރެފްރީ ވަނީ އޮފްސައިޑު ކަމަށްބުނެ ބަލައިނުގަނެފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް މާޒިޔާއަށް ލަނޑެއް ނުޖެހެއެވެ. ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ނުވަ މިނެޓުގެ ތެރޭގައި މާޒިޔާއިން ވަނީ ކުރިޔަށްޖެހި ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފައެވެ. މެޗުން މާޒިޔާ ބަލިނުވެ ސަލާމަތްވީ އިތުރުވަގުތު އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރި ލަނޑާއެކު އެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން އޮޑީގެ މިސްރު ޑިފެންޑަރު އިސްލާމް ކުރި ފައުލާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ސެންޓޭ ކާމިޔާބުކުރި ލަނޑެކެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ލީގު ބުރުގެ ފަހު މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި މަހިބަދޫ އެވެ.