ހައިޟުގެ ދުވަސްވަރަކީ ކޮންމެ އަންހެނަކު ވެސް މަހަކު އެއްފަހަރު ތަހައްމަލުކުރާ ގުދުރަތީ ކަމެކެވެ.
މިއީ ބައެއް އަންހެނުންނަށް ވަރަށް ވޭން ހުރި ކަމަކަށް ވާއިރު އެކި މީހުން މި ވޭން ތަހައްމަލުކުރަނީ އެކި މިންވަރަށެވެ. ހައިޟުގެ ދުވަސްވަރު ނުވަތަ ޕީރިއަޑް ވުމުގެ ކުރިން ބަނޑުގައި އާދަޔާ ޚިލާފަށް ރިހުން އުފެދުމަކީ ވަރަށް ގިނަ ބަޔަކު އެކަމާ ޝަކުވާކޮށް އެ ތަދަށް ލުޔެއް ހޯދުމަށް މަސައްކަތްކުރާ ދުވަސްވަރެކެވެ.
ޕީރިއަޑް ދުވަސްވަރު ރަހިމުގެ އެތޭރެގައިވާ ފަށަލައަކީ އެ ދުވަސްވަރަށް ބޭނުންނުވާ އެއްޗަކަށް ވުމުން, އެ ފަށަލަ ބޭރުކުރުމަށްޓަކައި ރަހިމުގެ މަސްތައް ފިތާލުމަށްފަހު އެ ފަށަލަ ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވެދެއެވެ.
މި މަސްތަކުގެ ފިތުންތަކުގެ ސަބަބުން ރިހުން އިހުސާސްވެ އުނދަގޫގޮތެއް އިހުސާސްވުމަށް މި ކިޔަނީ 'ޕީރިއަޑް ކްރޭމްޕްސް'އެވެ.

ހައިޟުގެ ދުވަސްވަރު އަންނަ ބަނޑުގައި ރިހުމަށް ލުޔެއް ހޯދަން އާއްމުކޮށް ގިނަ ބަޔަކު ކުރާ ކަމަކީ ހޫނު ފެނުން ބަނޑު ބޮނޑިތާންކުރުން--ފޮޓޯ/އޮބްގައިންއެސޯސިއޭޓްސް
މި ދުވަސްވަރު ދަށްބަނޑުގައި އާދަޔާ ޚިލާފު ރިހުމެއް އިހުސާސްކުރެވި އެ ތަދު އުނަގަނޑާއި ފަޔަށް ވެސް ބައެއް ފަހަރު ފެތުރޭ ކަމަށް ނިއުޔޯކްގެ ޑރ. މޭގަން ސޯލިމަން ވަނީ ބުނެފައެވެ. މި ރިހުން ކެތް ނުކުރެވޭ މިންވަރަށް ބައެއް އަންހެނުންނަށް އިހުސާސް ވަނީ ޕީރިއަޑް ފެށޭ ފުރަތަމަ ދުވަހެވެ.
ނަމަވެސް އޭގެ ދެތިން ދުވަސް ފަހުން ބައެއް އަންހެނުންނަށް މި ރިހުން އިހުސާސްވާ މިންވަރު ކުޑަކޮށްދޭ ކަމަށް ޑރ. މޭގަން ސޯލިމަން ވަނީ ބުނެފައެވެ.
މި ދުވަސްވަރު އާއްމުގޮތެއްގައި ގޭގައި ދެވިދާނެ ފަރުވާތަކުގެތެރޭ އެންމެ އާއްމު ފަރުވާއަކީ ހޫނު ހަމަކުން ނުވަތަ އެ ނޫންވެސް އެއްޗަކުން ބަނޑުގެ ތިރީބައި ބޮނޑިތާންކޮށްލުމެވެ.

ޕީރިއަޑް ކްރޭމްޕްސްއާ އެކު އަންނަ ރިހުމަށް ލުޔެއް ހޯދުމަށް ކެއުމުގެ ވަށްޓަފާޅިއަށް ބޮޑު ބަދަލެއް ގެނައުން މުހިއްމު ކަމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވާ--ފޮޓޯ/ވެރީވެލްހެލްތު
ބައެއް މީހުން ބަނޑުގައި ހޫނު ފެން ހަން އެޅުމުގެ ބަދަލުގައި ބުރަކަށީގައި ރިހުން ހުންނަނަމަ ބުރަކަށި ވެސް ބޮނޑިތާން ކުރެއެވެ. މީގެ ސަބަބުން ރަހިމުގެ މަސްތަކާއި އޭގެ ވަށައިގެންވާ މަސްތަކަށް ލުއިކަމެއް އިހުސާސްވެ ރަހިމުގައި އުފެދޭ ރިހުން ކުޑަކޮށްދިނުމަށް އެހީތެރިވެދެއެވެ.
ޕީރިއަޑް ދުވަސްވަރު ކަސްރަތު ކުރުމަކީ ގިނަ ބަޔަކު އެންމެ ކުރަން ބޭނުންނުވާ ކަމަކަށްވީ ނަމަވެސް ކަސްރަތު ކުރުމުން ބަނޑުގައި ރިހޭ ރިހުމަށް ލުޔެއް ލިބުމަށް އެހީތެރިވެދޭ ކަމަށް ޑރ. މޭގަން ވަނީ ބުނެފައެވެ.
ކަސްރަތު ކުރުމުގައި މާ ވަރުގަދައަށް ކަސްރަތު ކުރުމުގެ ބަދަލުގައި ލުއި ކަސްރަތެއް، މިސާލަކަށް ޔޯގާ ކުރުމާއި ހިނގާލުން ފަދަ ކަންކަން އިޚުތިޔާރު ކުރެވިދާނެ ކަމަށް ޑރ. މޭގަން ވަނީ ލަފާ ދީފައެވެ.

ލުއި ކަސްރަތެއް ކޮށްލުމަކީ ވެސް ޕީރިއަޑް ދުވަސްވަރު އަންނަ ރިހުމަށް ލުޔެއް ގެނެސްދިނުމަށް އެހީތެރިވެދޭނެ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް
މިދިޔަ އަހަރު ކުރިއަށްގެންދިޔަ އިތުބާރުހުރި ދިރާސާއަކުން ދެއްކި ގޮތުގައި، ޕީރިއަޑްވާ ހަފުތާ ތެރޭގައި ދެ ފަހަރު ލުއި ކަސްރަތުތަކެއް ކުރާ ކްލާހެއްގައި ބައިވެރިވެ، ގާތްގަނޑަކަށް ތިން މަސް ވަންދެން އެ އާދަ ދެމެހެއްޓި އަންހެނުންނަށް ޕީރިއަޑް ދުވަސްވަރު ކުރިމަތިވި ވޭނާއި ތަދަށް ލުޔެއް ލިބުނު ކަމަށް ޑރ. މޭގަން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން މި ދުވަސްވަރު ކުރެވިދާނެ ކަންކަމުގެތެރޭ ބަނޑުގެ ތިރީ ބައި އެސެންޝަލް އޮއިލްއިން މަސާޖުކުރެވިދާނެއެވެ. މިގޮތަށް މަސާޖުކުރުމަށް ކާށި ތެޔޮ، ލެވެންޑަ ތެޔޮ، ފިނިފެންމާ ތެޔޮ، އިނގުރު ތެޔޮ ނުވަތަ ކުދީނާ ފަތުގެ ތެޔޮ ބޭނުންކުރެވިދާނެއެވެ.
ޕީރިއަޑް ކްރޭމްޕްއަށް ލުޔެއް ހޯދަން ބޭނުންނަމަ ބެލެންސްޑް ޑައިޓެއް ޚިޔާރު ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން އޮމެގާ – 3 ފެޓީ އެސިޑްސް، މޭވާ، ތަރުކާރީ، އެކި ވައްތަރުގެ ބަދަން، ޕްރޮޓީންސް އަދި ހޯލް ގްރެއިން ކެއުމުގައި ހިމަނާލެވިދާނެއެވެ.
އެކި ވައްތަރުގެ ހާބަލް ސަޔަކީ ވެސް ޕީރިއަޑް ވުމުން އަންނަ ތަދަށް ލުޔެއް ހޯދައިދޭ ބުއިންތައް ކަމަށް ޑރ. މޭގަން ވަނީ ފާހަގަކޮށްފައެވެ.
އޭގެތެރޭގައި ކެމޮމައިލް، ރެޑް ރާސްބަރީ އަދި ދަވިއްގަނދު ސައި ހިމެނެއެވެ. ގޭގައި ކުރެވޭ މިފަދަ ފަރުވާއިން ޕީރިއަޑް ކްރޭމްޕްސްއާ ގުޅިގެން އަންނަ ވޭނަށް ލުޔެއް ނުލިބޭނަމަ ވީހާވެސް އަވަހަކަށް ސިއްހީ މާހިރެއްގެ އެހީތެރިކަން ހޯދުމަށް ސަމާލުކަންދިނުމަށް ޑރ.މޭގަން ވަނީ ލަފާދީފައެވެ.