ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕުގެ ކޮލިފިކޭޝަނުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އޮސްޓްރޭލިއާގައި ކުޅޭގޮތަށް ނިންމައިފިއެވެ.
ފުޓްބޯޅަ ފެޑެރޭޝަން ޓިމޯ ލެސްޓޭ (އެފްއެފްޓީއެލް) އިން މިކަން ރަސްމީކޮށް އިޢުލާނުކޮށްފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި ސީނިއާ ގައުމީ ޓީމުން އޮސްޓްރޭލިއާގައި ކުޅޭ ފުރަތަމަ މެޗެވެ. މި މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 10 ގައެވެ.
މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ޑާވިންގައި ހުންނަ ޓެރިޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގައެވެ. މިއީ 10،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. ނަމަވެސް މިއީ ރަސްމީ ފުޓުބޯޅަ މެޗުތައް ކުޅުމަށް އެހާ ގިނައިން ބޭނުންކުރާ ސްޓޭޑިއަމެއް ނޫނެވެ.
ރާއްޖެއާއި ޓިމޯ ލެސްޓޭ މެޗަކީ އަވޭ މެޗެކެވެ. އެހެން ނަމަވެސް ޓިމޯ ލެސްޓޭގައި ފީފާގެ މިންގަނޑުތަކަށް ފެތޭ ސްޓޭޑިއަމެއް މިވަގުތު ނެތެވެ. އެ ގައުމުގައި ފީފާ ފެންވަރުގެ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ،
ކޮލިފައިންގައި ރާއްޖޭން ކުޅެން ހަމަޖެހިފައިވާ ހަ މެޗުގެ ތެރެއިން ފުރަތަމަ ތިން މެޗު ކުޅޭނީ ރަށުން ބޭރުގައެވެ. މިދިޔަ މާރިޗް މަހު، ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ފިލިޕީންސް އަތުން 4-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.
ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ ދެވަނަ މެޗަށްފަހު ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު ރަށުންބޭރުގައި ނިކުންނާނީ ތަޖިކިސްތާނާ ދެކޮޅަށެވެ.
ކޮލިފައިންގައި ރާއްޖޭގައި ކުޅުމަށް ހަމަޖެހިފައިވާ ހޯމް މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި އަންނަ އޮކްޓޫބަރު 14 ގައި ތަޖިކިސްތާނާ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ނޮވެންބަރު 18 ވަނަ ދުވަހު ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އަންނަ އަހަރުގެ މާރިޗް މަހުގެ 31 ގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭނެއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ 24 ޓީމު ވަނީ ހަ ގްރޫޕަކަށް ބަހާލައިފައެވެ. އޭޝިއަން ކަޕަށް ކޮލިފައިވަނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ ހޯދާ ޓީމު އެކަންޏެވެ.
ކޯޗު އަލީ ސުޒެއިންގެ އިރުޝާދުގެ ދަށުން ޓިމޯ ލެސްޓޭ މެޗަށް ތައްޔާރުވުމުގެ ގޮތުން، އަންނަ މަހުގެ ކުރީކޮޅު ސިންގަޕޫރާ ދެކޮޅަށް ރާއްޖެއިން އެކުވެރިކަމުގެ މެޗެއް ކުޅުމަށް ވަނީ ނިންމާފައެވެ.