ކުއްލިއަކަށް އެމްޑީޕީއަށް ސޮއިކުރި އަލީއަށް ދިން 40 މިލިއަން ރުފިޔާއާއެކު އާސަންދައަށް ބޮޑު ގެއްލުމެއް

އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރުން: އޭނާގެ ކުންފުންޏަށް ދިން ފައިސާގެ ސަބަބުން އާސަންދައަށް ބޮޑު ގެއްލުމެއް-- ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދަށް، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހަ ބުރީގެ ހޮސްޕިޓަލެއް އެޅުމަށް ދިން އެޑްވާންސް ފައިސާއާ ގުޅިގެން އާސަންދަ ކުންފުންޏަށް 40 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައިވާކަން އޮޑިޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި, ޑިސެމްބަރު 29، 2016ގައި އަލީ ހަމީދުގެ ކުންފުނި، ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް އާސަންދަ ކުންފުނިން, ހަ ބުރީގެ ހޮސްޕިޓަލް އިމާރާތެއް އެޅުމަށް އެންމެ ފުރަތަމަ ހަވާލުކުރީ 61 މިލިއަން ރުފިޔާއަށެވެ. ނަމަވެސް އެ ފަހުން އާސަންދައަށް ކުރިމަތިވި ބަޖެޓުގެ މައްސަލަތަކާ ގުޅިގެން އެ ޕްރޮޖެކްޓު މަޑުޖައްސާލަން އެންގިއެވެ.

https://www.sun.mv/175730

އެ ފަހުން މިދިޔަ ސަރުކާރުގައި ގެއްލުމުގެ ބަދަލުގައި އިތުރު 44 މިލިއަން އެޑްވާންސް ފައިސާގެ ގޮތުގައި އެ ކުންފުންޏަށް އާސަންދައިން ދިނެވެ. އެއީ ޖެނުއަރީ 25, 2023 ވަނަ އަހަރުއެވެ.

އޭނާ ވަނީ އެ އަހަރުގެ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހު, އޭނާ މަޖިލީހުގެ ގޮނޑިއަށް އިންތިޚާބުވި ޖުމްހޫރީ ޕާޓީ ދޫކޮށް އެމްޑީޕީއަށް ސޮއި ކުރައްވައިފައެވެ. އެ ރަސްމިއްޔާތު ބާއްވާފައި ވަނީ އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ދިރިއުޅުއްވި މުލިއާގޭގައެވެ.

ސޮއިކުރެއްވިއިރު އަރިހުގައި ތިއްބެވީ ސޯލިހާއި އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އޭރު އެމްޑީޕީގެ އިސް މަޖިލިސް މެންބަރުންގެ އިތުރުން އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

އެ ދުވަސްވަރަކީ އެމްޑީޕީ ދެބައިވެ, ސޯލިހާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ގުޅުން އެންމެ ގޯސްވި ދުވަސްވަރެވެ. ފަހުން އެމްޑީޕީން 12 މެންބަރުން ވަކިވެ ވަނީ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް ހަދައިފައެވެ. އެހެންކަމުން މެންބަރު އަލީ ހަމީދުވީ އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރަށް މުހިންމު މެންބަރަކަށެވެ.

ނަމަވެސް އޭނާ ފަހުން ވަނީ އެމްޑީޕީއަށް އެ އަހަރު އޮތް ރިޔާސީ އިންތިޚާބު ނާކާމިޔާބުވުމުން, އިންތިޚާބު ކާމިޔާބު ކުރި, މިހާރު ވެރިކަން ކުުރާ ޕީއެންސީއަށް ސޮއިކުރި 13 މެންބަރުންގެ ތެރޭގައި ވެސް ހިމެނިފައެވެ.

https://www.sun.mv/186680

އޮޑިޓް އޮފީހުން ނެރުނު އާސަންދަ ކުންފުނީގެ މިދިޔަ އަހަރުގެ ފައިނޭންޝަލް ސްޓެޓްސްގައިވާ ގޮތުން އެ ފަހަރު އެޑްވާންސް ފައިސާގެ ގޮތުގައި ދިން ޖުމްލަ ފައިސާގެ އަދަދަކީ 44،288،116 ރުފިޔާއެވެ.

އޭރު އެޑްވާންސްގެ ގޮތުގައި އެ ފައިސާ ދީފައި ވަނީ އިކޮނޮމިކް ކައުންސިލާ ވެސް މަޝްވަރާކޮށްފައެވެ.

ބަދަލާއެކު އަލުން އެ ޕްރޮޖެކްޓު ހަވާލުރީ ހުޅުމާލޭގައި 10 ބުރީ އިމާރާތުގެ ހޮސްޕިޓަލެއް އެޅުމަށެވެ.

ނަމަވެސް ޕްރޮޖެކްޓުގެ އެއްވެސް މަސައްކަތެއް ނުހިނގައެވެ. އެ މައްސަލަ މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސް ބެލިއެވެ.

https://www.sun.mv/200723

އޮޑިޓް އޮފީހުގެ ތަފާސްހިސާބުތަކުގައި އަލީ ހަމީދަށް އެންމެ ފުރަތަމަ ދިން އެޑްވާންސް ފައިސާ ވަނީ އުނިކޮށްފައެވެ.

އާސަންދަ ކުންފުންޏަށް މިދިޔަ އަހަރު ވަނީ އެ މައްސަލައިގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިފައެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގު އަވަސް ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ މިދިޔަ ޑިސެމްބަރު މަހުގައި ފުލުހުންނަށް އަމުރު ކޮށްފައެވެ.

comment ކޮމެންޓް