ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ.
ބީއެމްއެލްއިން އަމާޒު ހިފާފައި ވަނީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަށެވެ.
އެގޮތުން ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މ. އަތޮޅުގެ ހަތް ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ޚިދުމަތް ފަށައި، އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް މިވަނީ ގާއިމުކޮށްފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ރައްޔިތުން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އެގޮތުން ބޭންކުގެ ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް މުހިންމު މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވާހަކަދައްކަވަނީ: ބޭންކް އޮފް މޯލްޑިވްސްއިން މ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި -- ފޮޓޯ/ ބީއެމްއެލް
"މ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައ،ި ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފަސޭހައިން އަސާސީ ބޭންކިން ޚިދުމަތެއް ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް އަޅުގަނޑުމެންގެ ކަނޑައަޅާފައިވާ ލަނޑުދަނޑިއާ އިތުރަށް ގާތަށް ޖެހިލެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ބީއެމްއެލްގެ ގްލޯބަލް ކާޑު ނެޓްވޯކް އަދި ޕޭމަންޓް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން ފަސޭހަ އަދި ރައްކާތެރި ބޭންކިން ޚިދުމަތް ފޯރުކޮށްދ،ީ ކަސްޓަމަރުން ޚިދުމަތް ހޯދުމުގައި އިތުރުވަމުންދާ އެކި ބޭނުންތައް ފުއްދުމަށް އީޖާދީ ގޮތްތަކެއް ހޯދަމުން ދާނެ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އަތޮޅުތެރޭގައި ބަހައްޓާފައިވާ އޭޓީއެމްތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި އޭޓީއެމް މެދުވެރިކޮށް ބޭންކަށް 1.45 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަދަދުތަކުން މިއީ ކަސްޓަމަރުންނަށް ކިހާ މުހިންމު ޚިދުމަތެއްކަން ހާމަވޭ،" ޝަރީފް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި: މ. އަތޮޅުގެ ހަތް ރަށެއްގައި އެ ޚިދުމަތް ވަނީ ފަށައިފައި -- ފޮޓޯ/ ބީއެމްއެލް
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 121 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 179 އޭޓީއެމްގެ އިތުރުން އޭޖެންޓު ބޭންކިން ޚިދުމަތް ބީއެމްއެލްއިން ދަނީ ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު އެ ކުންފުނީގެ އަމާޒަކީ އާންމު ފަރުދުންނާއި، ވިޔަފާރިތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބީއެމްއެލްއިން މިފަހުން ވަނީ ނ. އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް އޭޓީއެމް ގާއިމުކޮށްފައެވެ.