ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރި 275 ހުށަހެޅުމަކަށް ރޭ އެވޯޑުދީފިއެވެ.
ތިން ސަތޭކައަށް ވުރެ ގިނަ ބައިވެރިން 14 ކެޓަގަރީއަކުންނާއި 82 ސަބް ގިންތިން މި މައުރަޒުގައި ބައިވެރިވިއިރު، އެންމެ ގިނަ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.
ރޭ އެ މައުރަޒުގައި ބައިވެރިވި މީހުންނަށް އިނާމު ދިނުމަށް ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އެކި ދާއިރާތަކުން އެއްވަނަ ހާސިލުކުރި މީހުންނާއި މުޅި މައުރަޒުން އެންމެ މަތިން މާސްކް ހޯފި ފަސް މީހުންނަށް ރަން ވަނަ ހަވާލުކޮށްދެއްވާފައެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ރަން ވަނަ ހާސިލުކުރި އަބުޑިއަށް އެވޯޑު ހަވާލުކޮށްދެއްވަނީ ---- ފޮޓޯ/ ރައީސް އޮފީސް
މުޅި މައުރަޒުން ރަން ވަނަ ހާސިލުކުރި ފަސް ބައިވެރިންނާއި ހުށަހެޅުންތައް:
- އަބުޑީ މޯލްޑިވްސްގެ 'ދެލާރި' އުފެއްދުން
- މޯލްޑިވްސް ޕޮލިޓެކްނިކްގެ 'ކޭކް ރަސްފަރި'
- އަލީ މާހިރު އުފެއްދި އިސްލާމީ މަރުކަޒުގެ ސްކޭލް މޮޑެލް
- ލުޖައިން ހަމީދު ހުށަހެޅި 'ސީ ބާޑް'
- މުޙައްމަދު މޫސާ ތައްޔާރުކޮށް، ހުށަހެޅި 'ޔޮޓު ދޯނި'
އެކި ދާއިރާތަކުން އެއްވަަނަ ހާސިލުކުރި ބައިވެރިން:
- އަމިއްލަ ފަރުދުންގެ ބައިން ލުޖައިން އަލީ ވަހީދު
- ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލް
- ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން އައްޑޫ ސިޓީ ކައުންސިލް
- ވިޔަފާރިތަކުގެ ދާއިރާއިން ސިޑީސް ކިޗަން ޕްރައިވެޓް ލިމިޓެޑް
- ތަޢުލީމުދޭ މަޒުކަޒުތަކުގެ ދާއިރާއިން މޯލްޑިވްސް ޕޮލިޓެކްނިކް
- ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން ފާތުމަތު ޝަފަޤް
- ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާއިން ވިމެން އޮންޓަޕްރަނިއާސް އެސޯސިއޭޝަން މޯލްޑިވްސް
- މުޅި މަޢުރަޒުން އެއްވަނަ ވަނަ ސިޓީ/ރަށް، އައްޑޫ ސިޓީ، ހިތަދޫ
- ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ދާއިރާއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
މާދަމާ ފަށާ، މިމައުރަޒުގައި 3،000އަށްވުރެ ގިނަ ހުށަހެޅުންތައް ބައިވެރިކޮށްފައިވާއިރު، އެންމެ ގިނަ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ ބ. ތުޅާދޫންނެވެ.
އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުން ބައިނަލްއަގުވާމީ ބާޒާރުގައި ވިޔަފާރި ހިންގޭނެ ނިޒާމެއް ގާއިމުވުން ކަމަށެވެ.
އެ މައުރަޒަށް ތައްޔާރުވުމުގައި ހަރަކާތްތެރިވި ހުރިހާ އެންމެނަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.