ޔޫރޭނިއަމް މުއްސަނދިކުރުން ހުއްޓުވާނަމަ ނިއުކްލިއާ އެއްބަސްވުމަކަށް ނުދެވޭނެ: އީރާން

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ. ފޮޓޯ/ރޮއިޓާސް

އެމެރިކާއިން ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓުވާނަމަ، ނިއުކްލިއާ އެއްބަސްވުމަކަށް ނުދެވޭނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެއެވެ.

އައްބާސް އެގޮތަށް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އާ ނިއުކްލިއާ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތަކުގެ ފަސް ވަނަ ބުރު އިޓާލީވިލާތުގައި މިއަދު ފެށުމަށް ހަމަޖެހިފައިވަނިކޮށެވެ.

ޔުރޭނިއަމް މުއްސަނދިކުރުމުގެ މައުޞޫއަކީ އެމެރިކާއާއި އީރާނުގެ މަޝްވަރާތަކުގައި މައިގަނޑު ބައެކެވެ. އެމެރިކާއިން ބޭނުން ވަނީ ޔުރޭނިއަމް މުއްސަނދިކުރުން އީރާނުން ދާއިމީ ގޮތެއްގައި ނިންމާލުމެވެ. ނަމަވެސް އީރާނުން ބުނަނީ އެކަން ކުރިއަށްގެންދެވޭނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ރަނގަޅު އެއްބަސްވުމަކާމެދު އީރާނާ މަޝްވަރާކޮށްފައި ކަމަށް ވައިޓް ހައުސްއިން މީގެ ކުރިން ބުނެފައިވެއެވެ.

ޓްރަމްޕް ގަބޫލުފުޅުކުރައްވާ ގޮތުގައި މި އެއްބަސްވުން ވަރަށް ޕޮޒިޓިވްކޮށް ވެސް ނުވަތަ ނެގެޓިވްކޮށްވެސް ނިމިދާނެއެވެ.

އެމެރިކާގެ ރައީސްކަމުގެ ފުރަތަމަ ދައުރުގައި ޓްރަމްޕް ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ބަދަލުގައި އީރާންގެ ނިއުކްލިއާ ހަރަކާތްތަކަށް ހަރުކަށި ފިޔަވަޅުތަކެއް ކަނޑައަޅައި، 2015 ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބާރުތަކާ ދެމެދު ވެވުނު އެއްބަސްވުމުން އެމެރިކާ ވަކިކުރުމަށް ނިންމަވާފައެވެ.

އެއްބަސްވުމުން އެމެރިކާ ވަކިވި ފަހުން ނިއުކްލިއާ މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ލިބިފައެއްނުވެއެވެ.

comment ކޮމެންޓް