ހާވާޑް ޔުނިވާސީޓީން ބީދޭސީ ދަރިވަރުންނަށް ފުރުސަތު ދިނުން މަނާކޮށްފި

ހާވާޑް ޔުނިވާސިޓީގެ ބިޒްނަސް ކެމްޕަސް. ފޮޓޯ/ރޮއިޓާސް

އެމެރިކާގެ ހާވާޑް ޔުނިވާސިޓީން ބިދޭސީ ދަރިވަރުންނަށް ފުރުސަތު ދިނުން އެ ގައުމުން ސަރުކާރުން މަނާކޮށްފިއެވެ.

އަދި މިހާރު އެ ޔުނިވާސިޓީގައި ކިޔަވަމުންދާ ބިދޭސީ ދަރިވަރުން އެހެން ސްކޫލްތަކަށް ބަދަލުވާން ދަނީ މަޖުބޫރުކުރަމުންނެވެ.

ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯއެމް ވަނީ 2025-2026 ވަނަ އަހަރުގެ ސްކޫލް އަހަރަށް އަމަލުކުރަން ފަށާ ހާވާޑް ޔުނިވާސިޓީގެ ސްޓޫޑެންޓް އެންޑް އެކްސްޗޭންޖް ވިޒިޓާ ޕްރޮގްރާމް ސެޓްފިކެޓް ނިންމާލުމަށް އެ ޑިޕާޓްމަންޓަށް އަމުރުކޮށްފައެވެ.

"ހާވަޑް ޔުނިވާސިޓީގެ ސްޓޫޑަންޓް އެންޑް އެކްސްޗޭންޖް ވިޒިޓާ އިންފޮމޭޝަން ސިސްޓަމް (އެސް.އީ.ވީ.އައި.އެސް)ގެ ސެޓްފިކެޓް މި ވަގުތުން ފެށިގެން ބާތިލުކޮށްފިން." އެމެރިކާގައި ކިޔެވުމަށް ބޭރުގެ ދަރިވަރުންނަށް ހުއްދަދޭ ޕްރައިމަރީ ސިސްޓަމަށް ހަވާލާދެއްވައި ނޯއެމް ލީގް އިންސްޓިޓިއުޝަނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

ނޯއެމް ތުހުމަތު ކުރެއްވި ގޮތުގައި އެ ޔުނިވާސިޓީއަކީ އަނިޔާވެރިކަމާއި ޔަހޫދީންނާ ދެކޮޅު ފިކުރު އުފެއްދުމާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ގުޅުން އޮންނަ ޔުނިވާސިޓީ އެކެވެ.

އެކަމާ ގުޅިގެން ހާވާޑުން ބުނީ އެ ޔުނިވާސިޓީގެ އެތައް ދަރިވަރުންނަށް އަސަރުކުރާނެ އެ ފިޔަވަޅަކީ ގާނޫނާ ހިލާފު ފިޔަވަޅެއް ކަމަށެވެ.

އެ ޔުނިވަސިޓީގައި މިހާރު ވެސް 25 ޕަސެންޓަށް ވުރެ ބޮޑު އަދަދަކަށް ބިދޭސީ ދަރިވަރުން އެތަބިއްބެވެ. ދަރިވަރުންގެ އަތުން އަހަރަކު އެތައް ހާސް ޑޮލަރެއް ޓިއުޝަން ފީގެ ގޮތުގައި ނަގަމުން އަންނައިރު، މިއީ ޔުނިވަސިޓީއަށް ލިބޭނެ މާލީ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. ސަރުކާރުން މިހާރުވެސް އެ ޔުނިވަސިޓީގެ 2.2 ބިލިއަން ޑޮލަރުގެ ފަންޑު ވަނީ ހިފަހައްޓާފައެވެ.

ޔުނިވާސިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024-2025 ވަނަ އަހަރުގެ ސްކޫލް އަހަރު ހާވާޑްގައި ގާތްގަނޑަކަށް 6،800 ބިދޭސީ ދަރިވަރުން ދަރިވަރުން ކިޔަވަން ފަށާފައިވެއެވެ. މިއީ ޖުމްލަ ދަރިވަރުންގެ %27 އެވެ.

ޔުނިވާސިޓީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު ތައުލީމު ހާސިލުކުރަން ފެށި ބިދޭސީ ދަރިވަރުންގެ ތެރެއިން އެންމެ ގިނައީ ޗައިނާގެ ދަރިވަރުންނެވެ. އެއަށްފަހު ކެނެޑާ، އިންޑިއާ، ދެކުނު ކޮރެއާ، އިނގިރޭސިވިލާތް، ޖަރުމަންވިލާތް، އޮސްޓްރޭލިއާ، ސިންގަޕޫރު އަދި ޖަޕާނުގެ ދަރިވަރުންނެވެ.

ޔަހޫދީންނާ ދެކޮޅު ފިކުރުތައް ހުއްޓުވަން އަޅާ ފިޔަވަޅުތަކަށް އެ ޔުނިވާސިޓީން އެއްބާރުލުން ނުދޭ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވެސް ވަނީ ޔުނިވާސިޓީއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް