މިދިޔަ މާޗް މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވާފައި އޮތުމަށްފަހު، ކިރިޔާ ފުދޭ ވަރަށް ކާނާ ފޯރުކޮށްދިނުމަށް ހުއްދަ ދިން ފަހުން ޣައްޒާއަށް 90 ޓްރަކްގެ އެހީ ވަދެފައިވާ ކަމަށް އދ ން ބުނެފިއެވެ.
ހަނޑުލާއި ތުއްތު ކުދިންގެ ކާނާ އަދި ބޭސްފަރުވާގެ ސާމާނު ހިމެނޭ އެ އެހީގެ ޓްރަކްތައް ބުދަ ދުވަހުގެ ރޭ ކަރީމް ސަލީމް ހުރަސްކޮށް، ގުދަންތަކަށް ގެންދިއުމަށްފަހު މިހާރު ވަނީ އާންމުންނަށް ބަހާފައެވެ.
އެހީ ވެއްދުމުގެ ހުއްދަ މިދިޔަ އާދީއްތަ ދުވަހު ދިން ނަމަވެސް، އެހީ އާންމުންނަށް ބަހާފައި ވަނީ އޭގެ ތިން ދުވަސް ފަހުންނެވެ. އދ އިން ބުނީ އެހީ ބެހުން ލަސްވެފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން އެހީ ވެއްދުމަށް ހުއްދަ ދީފައިވާ ހަމައެކަނި މަގުގައި ސަލާމަތީ ކަންކަން ނެތުމުންނެވެ.
އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުނީ ކަރީމް ސަލީމް މެދުވެރިކޮށް އިތުރު 100 ލޮރީ ވެއްދުމަށް ބުދަ ދުވަހު ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ޣައްޒާގެ އާންމުންނަށް ބޭނުންވާ ވަރަށް ވުރެ މާބޮޑަށްވެސް މަދު އަދަދެއް ކަމަށް އދ ން ބުނެއެވެ.
ހަނގުރާމައިގެ ކުރިން ކޮންމެ ދުވަހަކު އެވްރެޖްކޮށް 500 ވަރަކަށް ލޮރީ އެ ސަރަހައްދަށް ވަންނަ ކަމަށް އދ ން ބުނެއެވެ.
ކާބޯތަކެތި ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި ޣައްޒާގެ 2.1 މިލިއަން މީހުންގެ މެދުގައި އިންތިހާއަށް ބަނޑުހައިހޫނުކަން އާންމުވެފައިވާ ކަމަށް އެހީ ދޭ ޖަމާއަތްތަކުން ބުނެއެވެ.
ފަލަސްތީނު އޮތޯރިޓީގެ ސިއްޚަތާބެހޭ ވަޒީރު މަޖީދު އަބޫ ރަމަޟާން ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފާއިތުވި ދެތިން ދުވަހު ބަނޑުހައިހޫނުކަމުގައި 29 ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން މަރުވެފައިވާ ކަމަށެވެ.

ޣައްޒާގެ ބޭކަރީއެއް. ޣައްޒާ ވެއްދި އެހީއަކީ ފުދޭ ވަރަށްވުރެ މަދު މިންވަރެއް ކަމަށް އދ ން ބުނޭ. ފޮޓޯ/ރޮއިޓާސް
ކުރިއަށް އޮތް މަސްތަކުގައި ބައި މިލިއަން މީހުންނަށް ބަނޑުހައިހޫނުކަމުގެ މައްސަލަ ކުރިމަތިވާނެ ކަމަށް އދ ން ވެސް ވަނީ ބުނެފައެވެ.
ކާބޯތަކެތި ފޯރުކޮށްދިން ނަމަވެސް އިސްރާއީލުން ވަނީ ގައްޒާއަށް ދޭ ހަމަލާތައް ފާއިތުވެދިޔަ ދެ ހަފުތާގައިވެސް ވަރުގަދަކޮށްފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 107 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްޚަތާބެހޭ ވުޒާރާއިން ބުނެއެވެ.
އިސްރާއީލުން ދޭ ހަމަލާތަކުގައި މާޗް މަހުން ފެށިގެން ގާތްގަނޑަކަށް 600،000 މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ލަފާކުރެވޭ ކަމަށާއި އޭގެ ތެރޭގައި ފާއިތުވި ހަފްތާގެ ތެރޭގައި ގެދޮރު ދޫކުރަން މަޖުބޫރުވި 161،000 މީހުން ހިމެނޭ ކަމަށްވެސް އދ ން ބުނެއެވެ.
ނަސްލު ނައްތާލުމުގެ މަގްސަދުގައި އިސްރާއީލުން ޣައްޒާގައި ހިންގާ ލޭއޮހުރުވުމުގައި 16،500 ކުޑަކުދިން ހިމެނޭހެން މިހާތަނަށް 53،762 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.