އަމީތާބް ބައްޗަން 25 އަހަރު ފަހުން 'ކޭބީސީ' ރިއަލިޓީ ޝޯ ދޫކޮށްލަނީ!

އިންޑިއާގެ އެކްޓަރު އަމީތާބް ބައްޗަން "ކޭބީސީ"ގެ އެޕިސޯޑެއްގައި--ފޮޓޯ/މިޑްޑޭ

އިންޑިއާގެ އެކްޓަރު އަމީތާބް ބައްޗަން ދިގު މުއްދަތެއް ވަންދެން ހުށަހަޅައިދެމުން އައި ސޮނީ ޓެލެވިޒަންގެ ރިއަލިޓީ ޝޯ "ކޭބީސީ"އިން ވަކިވާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝޯ 'ކޯން ބަނޭގާ ކްރޯޑްޕަތީ' (ކޭބީސީ) ހޯސްޓުކުރުމުގެ ޒިންމާތަކުން ދުރަށްޖެހިލަން އަމީތާބް ނިންމާފައިވުމާ ގުޅިގެން އެ ޗެނަލްއިން މި ޝޯގެ ހޯސްޓަކަށް ގެންނަން ނިންމާފައި ވަނީ ބޮލީވުޑް އެކްޓަރު ސަލްމާން ޚާން ކަމަށް އިންޑިއާގެ ވަރަށް ގިނަ މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސޮނީއިން އަންނަނީ މިކަމާ ގުޅިގެން ސަލްމާނާ އެކު ވަރަށް ސީރިއަސް މަޝްވަރާތަކެއް ކުރަމުންނެވެ.

ސަލްމާނަކީ ކުދި ކުދި ސްކްރީންތަކުގެ ކިންގް ކަމަށް ވެފައި އަމީތާބްގެ ހުސް ގޮނޑި ފުރާލެވޭނެ ހަމައެކަނި ފަރާތަކީ ސަލްމާން ކަމަށް ސޮނީއިން ގަބޫލުކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަމީތާބްއަށް ފަހު "ކޭބީސީ"ގެ ހޯސްޓަކަށް ސޮނީއިން ގެންނަން ނިންމާފައި ވަނީ އެކްޓަރު ސަލްމާން ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

އަމީތާބް (ކޭބީސީ) ދޫކޮށްލާ ސީދާ ސަބަބެއް އެއްވެސް މީޑިއާއަކުން މިހާތަނަށް ބަޔާންކޮށްފައި ނެތް ނަމަވެސް ކުޅަދާނަ އެކްޓަރު އަދި ޝޯ ހޯސްޓު (ކޭބީސީ)އިން ވަކިވުމަށް ނިންމީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަމީތާބް އެންމެފަހުން ހުށަހަޅައިދިން (ކޭބީސީ)ގެ 16 ވަނަ ސީޒަން ނިންމާލަމުން ބުނެފައި ވަނީ މި ޝޯ މެދުވެރިކޮށް އާއްމުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވުނު ކަމަށް އުއްމީދުކުރާ ކަމަށާއި 25 އަހަރުވަންދެން ކުރެވުނު މަސައްކަތް ކާމިޔާބުވުމުގެ އިހުސާސް ކުރެވޭނީ އޭރުން ކަމަށެވެ.

ޝޯ ނިންމާލުމަށްފަހު އަމިއްލަ ބްލޮގްގައި ލިޔުނު ވަދާޢީ މެސެޖުގައި އަމީތާބް ވަނީ ކުރިއަށް އޮތް ސީޒަންއާ އެކު ބެލުންތެރިންނާ ބައްދަލުކުރާނެ ކަމަށް ބުނެފައެވެ.

ސޮނީއިން 2000ވަނަ އަހަރުން ފެށިގެން ގެނެސްދޭން ފެށި "ކޯން ބަނޭގާ ކްރޯޑު ޕަތީ"ގެ ތިން ވަނަ ސީޒަން ހޯސްޓުކޮށްދީފައި ވަނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންއެވެ.

comment ކޮމެންޓް