އޭޝިއާގެ އެންމެ މަގުބޫލު އަދި ވާދަވެރިކަން ބޮޑު ޝަންގްހާއީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގެ ޖޫރީ މެމްބަރެއްގެ ގޮތުގައި އިންޑިއާގެ ފިލްމު ޑައިރެކްޓަރު ކިރަން ރާއޯ ހިމެނިފައިވާކަން އެ ފެސްޓިވަލްގެ ހިންގުންތެރިން އިއުލާނުކޮށްފިއެވެ.
ކިރަން އަކީ ފިލްމު ޑައިރެކްޓަރެއްގެ އިތުރުން ފިލްމު ޕްރޮޑިއުސްކޮށް، ބައެއް ފިލްމުތަކުގެ ސްކްރީންޕްލޭ ވެސް ލިޔެ ތައްޔާރުކުރާ ލިޔުންތެރިއެކެވެ. ކިރަން ރާއޯ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމު "ލާޕަތާ ލޭޑީސް"އަށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނުއިރު މި ފިލްމު ވަނީ މި އަހަރުގެ އެކަޑެމީ އެވޯޑުގެ އެންމެ މޮޅު ފީޗާ ފިލްމު ކެޓަގަރީން ވާދަކުރުމަށް އިންޑިއާއިން ނޮމިނޭޓްކޮށްފައެވެ.
ޝަންގްހާއީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގެ ޖޫރީ މެމްބަރުންގެ ގޮތުގައި އާއްމުކޮށް ހޮވާ ފަރާތްތަކަކީ ޕްރޮފެޝަނަލްކޮށް ފިލްމު އުފެއްދުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރާ ފަންނާނުންނެވެ.

ކިރަން ފިލްމު "ލާޕަތާ ލޭޑީސް"ގެ ކާސްޓާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ކަރަންއާ އެކު މި ފެސްޓިވަލުގެ ޖޫރީ މެމްބަރުންގެތެރޭ އާޖެންޓީނާ، ގްރީކް އަދި ޗައިނާގެ ފިލްމު އުފެއްދުންތެރިންގެ އިތުރުން ޗައިނާގެ މަޝްހޫރު ފިލްމީ ތަރިން ވެސް ހިމެނެއެވެ. ޝަންގްހާއީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގެ ޖޫރީ މެމްބަރެއްގެ ގޮތުގައި ހޮވުމާ ގުޅިގެން ކިރަން ބުނެފައި ވަނީ، އިންޓަނޭޝަން ސިނަމާތަކުގެ ވާހަކަތައް ކިޔައިދޭ ފެސްޓިވަލެއްގެ ޖޫރީ މެމްބަރުންގެތެރޭ ހިމެނުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަޚުރެއް ކަމަށެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގެ ޖޫނިއާ ޖޫރީ މެމްބަރުންނާ އެކު ފިލްމު އިންޑަސްޓްރީގެ ވާހަކަތަކާއި ތަޖުރިބާތައް ހިއްސާ ކުރުމަށް ލިބުނު މި ފުރުސަތަކީ އިންޑިއާގެ ސިނަމާ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ރަމްޒުކޮށްދިނުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ކިރަން ވަނީ ބުނެފައެވެ.
މި އަހަރުގެ ޝަންގްހާއީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ކުރިއަށްދާނީ އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން 22އާ ހަމައަށް ޗައިނާގެ ޝަންގްހާއީގައެވެ.