އިންޑިއާގެ ކުރީގެ ރައީސް ޑރ. ޢަބްދުލް ކަލާމްގެ ވާހަކަ ކިޔައިދޭ ފީޗަ ފިލްމެއް އުފައްދަނީ

އިންޑިއާގެ ކުރީގެ ރައީސް ޑރ.އޭޕީޖޭ ޢަބްދުލް ކަލާމް--ފޮޓޯ/ފޭސްބުކް

އިންޑިއާގެ ކުރީގެ ރައީސް އަދި ސައިންޓިސްޓް ޑރ. އޭޕީޖޭ ޢަބްދުލް ކަލާމްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ބައޮގްރަފިކަލް ފީޗަ ފިލްމު މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލުގައި އިއުލާނުކޮށްފިއެވެ.

މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އެކްޓަރު އަޖޭ ދޭވްގަން ލީޑް ރޯލް ކުޅުނު ފިލްމު "ތަންހާޖީ: ދަ އަންސަންގް ވޯރިއަ"ގެ ޑައިރެކްޓަރު އޯމް ރައުތުއެވެ.

އޯމް ރައުތުއަކީ އިންޑިއާގެ ނެޝަނަލް އެވޯޑު ވެސް ހާސިލުކޮށްފައިވާ ފިލްމު ޑައިރެކްޓަރެކެވެ. މި ފިލްމުގައި ޑރ. ޢަބްދުލް ކަލާމްގެ ރޯލްއިން ފެންނާނީ ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ މަޝްހޫރު ތެލުގޫ އެކްޓަރު ދަނުޝްއެވެ. ފްރާންސްގައި ކުރިއަށްދާ ކާންސް ފިލްމު ފެސްޓިވަލުގައި މި ފިލްމު އިއުލާނުކުރިއިރު ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް ވަނީ އާއްމުކޮށްފައެވެ.

ޑރ.އޭޕީޖޭ ޢަބްދުލް ކަލާމްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ބައޮގްރަފިކަލް ފީޗަ ފިލްމުގެ ޕޯސްޓަރު އަދި ފިލްމުގެ ލީޑް އެކްޓަރު ދަނުޝް--ފޮޓޯ/ހިންދުސްތާންޓައިމްސް

ފިލްމު "ދަ ކަޝްމީރު ފައިލްސް"ގެ ޕްރޮޑިއުސަރު އަބިޝެކް އަގަރްވާލް ޕްރޮޑިއުސްކުރާ މި ފިލްމު ގެނެސްދޭނީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ބުޝަން ކުމާރުގެ ޓީ-ސީރީސް ބެނާގެ ދަށުންނެވެ. ވަރަށް ވަރުގަދަ ޕްރޮޑަކްޝަން ޓީމަކާ އެކު ގެނެސްދޭ މި ފީޗަ ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކުރާނީ އަސްކަރީ ފިލްމު "ޕަރަމަނޫ" އަދި "މައިދާން"ގެ ލިޔުންތެރިޔާ ސައިވީން ޤުއާދްރަސްއެވެ.

'މިސައިލް މޭން އޮފް އިންޑިއާ'ގެ ނަމުން ގިނަ ބަޔަކު މުޚާތަބު ކުރާ ޑރ.ޢަބްދުލް ކަލާމް އަކީ އިންޑިއާގެ ތާރީޚުގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ އަދި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް ޝަހުސިއްޔަތެވެ. ކުޅަދާނަ ސައިންޓިސްޓަކަށް ވުމުގެ އިތުރުން ޑރ.ކަލާމް ފާހަގަކުރެވުނީ ރައްޔިތުންގެ ލޯބި ހޯދި ރައްޔިތުންގެ ރައީސެއްގެ ގޮތުގައެވެ.

ޗެންނާއީގެ ޔުނިވަސިޓީއެއްގައި ޕްރޮފެސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައި، ޅެންވެރިކަމުގެ ދާއިރާއަށް KAއްސަ ޝައުގުވެރިކަމެއް ބެހެއްޓެވި ޑރ.ކަލާމް އިންޑިއާގެ ރައީސްގެ މަގާމު ހޯއްދެވިގޮތް މި ފިލްމުން ވަރަށް ރަނގަޅަށް ގެނެސްދޭނެ ކަމަށް ޓީ-ސީރީސްއިން ވަނީ ބުނެފައެވެ.

ޢުމުރުފުޅުން 83 އަހަރުގައި ޑރ.ކަލާމް އަވަހާރަވީ 2015ވަނަ އަހަރެވެ. ޑރ.ކަލާމް އިންޑިއާގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައި ވަނީ 2002އިން 2007ވަނަ އަހަރަށެވެ.

comment ކޮމެންޓް