''ދަސްތަކް''އިން މަޝްހޫރުވި އެކްޓަރު މުކުލް ދޭވް މަރުވެއްޖެ

ރޭގެ ވަގުތެއްގައި މަރުވި އިންޑިއާގެ އެކްޓަރު މުކުލް ދޭވް--ފޮޓޯ/އެންޑީޓީވީ

ފިލްމު "ދަސްތަކް"އިން 1996 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި އެކްޓަރު މުކުލް ދޭވް މަރުވެއްޖެއެވެ.

މުކުލްގެ މަރާ ގުޅޭގޮތުން އާއިލާއިން ރަސްމީކޮށް މީޑިއާގައި ވަކި އެއްޗެއް މިހާތަނަށް ބުނެފައި ނުވާއިރު އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ އެކްޓަރު މަރުވީ ސިއްހީ ހާލު ދެރަވެ އައިސީޔޫގައި ފަރުވާ ދެމުން އަންނަތާ ދުވަސްކޮޅެއް ފަހުން ކަމަށެވެ.

ރޭގެ ވަގުތެއްގައި މުކުލް މަރުވިކަން އެނގުމާ އެކު އޭނާއާ އެކު މަސައްކަތް ކޮށްފައިވާ ވަރަށް ގިނަ ފިލްމީ ތަރިން އަންނަނީ ސޯޝަލް މީޑިއާގައި ތައުޒިޔާގެ މެސެޖުތައް ފޮނުވައި ހިތާމަ ފާޅުކުރަމުންނެވެ.

މުކުލްއާއެކު ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާ ދީޕްޝިކާ ބުނެފައި ވަނީ މުކުލްއާއެކު މަސައްކަތްކުރި ގިނަ ފިލްމީތަރިން ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި އެ މީހުން އަބަދުވެސް އެކަކު އަނެކަކުގެ ހާލާ ގުޅޭގޮތުން ވާހަކަ ދައްކާ ކަމަށެވެ.

މުކުލް ބޮލީވުޑަށް ތައާަރަފުވި ފިލްމު "ދަސްތަކް"ގެ މަންޒަރެއްގައި: އިންޑިއާއަށް މިސް ޔުނިވާސްގެ ތާޖު ހާސިލުކޮށްދިން ބަތަލާ ސުޝްމިތާ ސެން ވެސް ފިލްމު އިންޑަސްޓްރީއަށް ތައާރަފުވީ މި ފިލްމުން-- ފޮޓޯ/ފިލްމުފެއަ

ނަމަވެސް މިހާތަނަށް މުކުލްގެ ފަރާތުން ސިއްހީ ހާލަތާ ގުޅޭގޮތުން އެއްވެސް ކަހަލަ ވާހަކަތަކެއް ދެކެވިފައި ނުވާ ކަމަށާއި އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ކަހަލަ ވާހަކައެއް ވެސް ދެކެވިފައި ނުވާ ކަމަށެވެ. އެހެންވެ އެކްޓަރުގެ ކުއްލި މަރާ އެކު މުކުލްގެ ރަހްމަތްތެރިންނަށް ވެސް އެކަން ގަބޫލުކުރަން ދަތިވި ކަމަށް ދީޕްޝިކާ ވަނީ ބުނެފައެވެ.

ޢުމުރުން 54 އަހަރުގައި މުކުލް މަރުވިއިރު ބެލުންތެރިންނަށް އެކްޓަރު އެންމެފަހުން ފެނިފައި ވަނީ 2022 ވަނަ އަހަރު ރިލީޒްކުރި ފިލްމު "އަންތު ދި އެންޑް"އިންނެވެ. ބޮލީވުޑްގެ ބައެއް ފިލްމުތަކުގެ ވިލެންގެ ރޯލް ކުޅެފައިވާ ރާހުލް ދޭވްގެ ކޮއްކޮ މުކުލްގެ ކެރިއަރުގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެތެރޭ "ޔަމްލާ ޕަގްލާ ދިވާނާ"، "ސަން އޮފް ސަރުދާރު"، "އާރް...ރާޖްކުމާރު" އަދި "ޖެއި ހޯ" ހިމެނެއެވެ.

ފިލްމުތަކުގައި މަސައްކަތް ކުރުމުގެ އިތުރުން ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތަކުގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރު "ސަން އޮފް ސަރުދާރު 2"ގެ ރޯލަކުން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މި ފިލްމު ރިލިޒްކުރާނެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.

comment ކޮމެންޓް