ކަނޑުމަގުން ދަތުރުކުރަމުން ދިޔަ ކޮންޓެއިނަރު ބޯޓެއް ކޮންޓްރޯލުން ނެއްޓި، އެއްގަމަށް އަރައި ގެއެއްގެ ގޯތިތެރެއަށް ތެރެއަށް ވަތް އިރުވެސް އެގޭގެ ވެރިމީހާ ނިދާފައިވާ އޮތް ވާހަކައެއް ވައިރަލް ވެއްޖެއެވެ.
ނޯވޭގެ ތުރޮންދިއަމް ފިޔޯޑު ސަރަހައްދުގެ ބިނެސެޓްގައި ދިރިއުޅޭ މީހެއް ކަމަށްވާ ޔޯހާން ހެލްބާގު މިދިޔަ ބުރާސްފަތި ދުވަހު ދުވާލު ގަޑީގައި ނިދާފައި އޮއްވައި އޭނާގެ ގޯތި ހިމެނޭ ސަރަހައްދަށް ވަނީ ކޮންޓެއިނަރު ބޯޓެއް ވަދެފައެވެ.

އަތިރިމަތީގެ ސަރަހައްދުގައި ހުންނަ މި ގޯތިތެރެއަށް ބޯޓު ވަދެފައިވަނީ އެއްގަމަށް ބޯޓު އުރުމަށްފަހު ކޮންޓްރޯލު ނުވެގެންނެވެ. ބޯޓު ގޯތިތެރެއަށް ވަތް އިރުވެސް ޔޯހާން އޮތީ ނިދާފައެވެ. އޭނާއަށް އެކަން އެނގުނީވެސް އޭނާގެ އަވަށްޓެރިއެއް އޭނާއަށް ގުޅައި އެވާހަކަ ބުނި ފަހުންނެވެ. ވާހަކަ އެނގުމާއެކު ޔޯހާން ކުޑަދޮރުން ބޯދިއްކޮށްލައި ބެލި އިރު ބޭރުން ގެ ކައިރީގައި އޮތީ 443 ފޫޓުގެ ބޯޓެކެވެ.
ނޯވޭގެ ނޫހެއް ކަމަށްވާ ޓީވީ2 އަށް މައުލޫމާތު ދެމުން ޔޯހާން ބުނެފައިވަނީ ބޯޓު އެހެން ތަނެއްގައި ޖެހުނު ނަމަ، ގޭގެ މައްޗަށް ވެއްޓުމުގެ ބޮޑު ފުރުސަތެއް އޮތް ކަމަށެވެ. ނަމަވެސް އެ ބޯޓު ޖެހުނު ތަނުގެ ގޮތުން އިތުރަށް ކުރިއަށް ގޮސްފައި ނުވާ ކަމަށް އޭނާ މައުލޫމާތުދެއެވެ.
އެންސީއެލް ނަމަކަށް ކިޔާ ޝިޕިން ކުންފުންޏެއްގެ މި ބޯޓު އެއްގަމަށް އުރުނު އިރު މި ބޯޓުގައި 16 މީހުން ތިއްބެވެ. އެ ކުންފުނިން ބުނިގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވެއެވެ. އަދި އެކަމާ ޝުކުރު ކުރާ ކަމަށްވެސް ކުންފުނިން ބުނެއެވެ.
އެ ބޯޓު އުރުމަށް މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައި ނުވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް އެ މައްސަލަ ބަލަމުން ގެންދާ ކަމަށްވެސް އެންސީއެލްއިން ވަނީ ބުނެފައެވެ.