ދަރިފުޅު އަތިޔާ ފިލްމު ކުޅުން ހުއްޓާލައިފި ކަމަށް ސުނިލް ބުނެފި

އަތިޔާ ބައްޕަ ސުނިލް ޝެޓީއާ އެކު--ފޮޓޯ/މިޑްޑޭ

ބޮލީވުޑް އެކްޓަރު ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އަތިޔާ ޝެޓީ ފިލްމު އިންޑަސްޓްރީއާ ދުރުވެ، ފިލްމު ކުޅުން ހުއްޓާލާފައިވާ ކަމަށް ސުނިލް ބުނެފިއެވެ.

ދާދިފަހުން ޒޫމްއަށް ދިން އިންޓަވިއުއެއްގައި ސުނިލް ބުނެފައި ވަނީ ދަރިފުޅު އަތިޔާ ފިލްމު އިންޑަސްޓްރީ ދޫކޮށްލުމަށް ނިންމީ އަލަތު ދަރިފުޅު ލިބުމާ ގުޅިގެން ކަމަށެވެ. ދާދިފަހުން މަންމައަކަށްވި އަތިޔާއަށް މިހާރު ލިބިފައިވާ ރޯލަކީ ދިރިއުޅުމުގައި އަދާކުރަން ލިބޭނެ އެންމެ މުހިއްމު އަދި ޚާއްސަ ރޯލް ކަމަށް ސުނިލް ވަނީ ބުނެފައެވެ.

މިހާތަނަށް އެންމެ ތިން ފިލްމުން ބެލުންތެރިންނަށް ފެނުނު އަތިޔާ ފިލްމު ކުޅުން ހުއްޓާލުމާ ގުޅޭގޮތުން ބުނެފައި ވަނީ ފިލްމު އިންޑަސްޓްރީއަށް އެއްވެސް ޝައުގުވެރިކަމެއް މިހާރު ނެތް ކަމަށާއި ބޭނުންވަނީ ބޮލީވުޑާ ވީހާވެސް ދުރުގައި އުޅެން ކަމަށް ސުނިލް ގާތު ބުނެފައިވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އަތިޔާ ފިރިމީހާ ރާހުލްއާ އެކު--ފޮޓޯ/މިޑްޑޭ

އަތިޔާ އެންމެފަހުން ކުޅުނު 2019 ވަނަ އަހަރުގެ ފިލްމު "މޯޓީޗޫރް ޗަކްނާޗޫރު"އަށްފަހު އަތިޔާއަށް ވަރަށް ގިނަ ފިލްމީ ފުރުސަތުތަކެއް ލިބުނު ކަމަށާއި ނަމަވެސް އަތިޔާ ނިންމީ ފިލްމީ ދާއިރާއިން ދުރަށް ދިއުމަށް ކަމަށާއި އެ ނިންމުމަށް ސުނިލްގެ ދެމަފިރިން ވެސް އިޙުތިރާމުކުރި ކަމަށް މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު "ހީރޯ"އިން 2015ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި އަތިޔާ އަކީ އިންޑަސްޓްރީގައި މާބޮޑު މަގުބޫލުކަމެއް ލިބުނު ބަތަލާއެއް ނޫނެވެ.

އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިޔާ ކޭ އެލް ރާހުލްއާ ކައިވެނި ކުރުމަށްފަހު އަތިޔާ ފަހުން ފާހަގަކުރެވުނީ ވަރަށް ޕްރައިވެޓް ދިރިއުޅުމެއްގައި އުޅުމަށް ބޭނުންވި ބަތަލާއެއްގެ ގޮތުގައެވެ. އަތިޔާ އާއި ރާހުލްއަށް އަލަތު ދަރިފުޅު ލިބުނީ މިދިޔަ މާޗް މަހުގެ 24ގައެވެ. ސުނިލް ޝެޓީގެ އަލަތު ކާފަ ދަރިފުޅަށް ދީފައިވާ ނަމަކީ އެވާރާއެވެ.

ކައިވެންޏަށްފަހު އަމިއްލަ ދިރިއުޅުން ބިނާކުރުމަށް މިނިވަންކަމާ އެކު އަތިޔާ ކުރި މަސައްކަތާ އެކު ވިހެއުމާ ހަމައަށް ވެސް އަތިޔާ ފެނުނީ ވަރަށް ހިތްވަރުގަދަ މީހެއްގެ ގޮތުގައި ކަމަށާއި އެކަމާ ފަޚުރުވެރިވާ ކަމަށް ސުނިލް ވަނީ ބުނެފައެވެ.

comment ކޮމެންޓް