ދާދިފަހުން އިންޑިއާގެ ބަތަލާ ދީޕިކާ ޕަދުކޯން ދޫކޮށްލި، ސަންދީޕް ރެޑީ ވަންގާގެ ފިލްމު "ސްޕްރިޓް"ގެ ބަތަލާގެ ރޯލަށް ތުރިޕްތީ ދިމްރީ ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބަތަލާ ދީޕިކާ ޕަދުކޯން ސަންދީޕްގެ ފިލްމު "ސްޕްރިޓް" ދޫކޮށްލީ ފިލްމަށް ބަތަލާ ހުށަހެޅި ފީއާ ގުޅިގެން ދެ ފަރާތުގެ މެދުގައި އެއްބަސްވުމަކަށް ނާދެވުމުންނެވެ. ދީޕިކާ މި ފިލްމު ދޫކޮށްލިއިރު ސަންދީޕް ވަނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސްވަންދެން ދީޕިކާއާ އެކު ފިލްމު އުފައްދަން ގަސްތުކޮށް "ސްޕްރިޓް"ގެ މަސައްކަތް ހުއްޓާލާފައެވެ.
ދީޕިކާ "ސްޕްރިޓް" ދޫކޮށްލީ ވަރަށް އަންޕްރޮފެޝަނަލްކޮށް ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ބަތަލާއަށް ފާޑުވެސް ކިޔާފައެވެ.

ތުރިޕްތީ ފިލްމު "އެނިމަލް"ގެ މަންޒަރެއްގައި ރަންބީރު ކަޕޫރާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
"ސްޕްރިޓް"އިން ފުރުސަތު ލިބުމާ ގުޅިގެން ތުރިޕްތީ ބުނެފައި ވަނީ ސަންދީޕް ފަދަ ތަޖުރިބާހުރި ޑައިރެކްޓަރަކާ އެކު އިތުރު ފިލްމަކުން ފުރުސަތު ލިބުނުކަން އަދިވެސް ގަބޫލުކުރަން ދަތި ކަމަށެވެ.
ފިލްމު "އެނިމަލް"ގެ ކާމިޔާބީއަށްފަހު އަނެއްކާވެސް ބޮޑު ބަޖެޓަކުން އުފައްދާ ފިލްމަކުން ތުރިޕްތީއަށް ދިން ފުރުސަތާ އެކު ބަތަލާއަށް އިތުބާރު ކުރީތީ ސަންދީޕަށް ޝުކުރު އަދާކުރާ ކަމަށް ތުރިޕްތީ ވަނީ ބުނެފައެވެ.
ފިލްމު "ސްޕްރިޓް"އަށް ސޮއިކުރިކަން ތުރިޕްތީ ވަނީ ސޯޝަލްމީޑިއާ މެދުވެރިކޮށް އިއުލާނުކޮށްފައެވެ. މިއީ އެކްޓަރު ޕްރަބާސްއާ އެކު ތުރިޕްތީ ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. ފިލްމު "އެނިމަލް"އިން ލިބުނު މަގުބޫލުކަމާ އެކު ބޮލީވުޑްގައި ތުރިޕްތީގެ ޑިމާންޑު ބޮޑުވުމާ ގުޅިގެން ބަތަލާ ވަނީ ފިލްމު ކުޅެދޭ އަގުވެސް ބޮޑުކޮށްފައެވެ.
ރިޕޯޓުތައް ބުނާގޮތުން މީގެކުރިން 47،000 އެމެރިކާ ޑޮލަރަށް ފިލްމު ކުޅެދޭ ބަތަލާ ފަހުން ފިލްމު ކުޅެދޭ އަގަކީ 1.2 މިލިއަން އެމެރިކާ ޑޮލަރެވެ.
ނަމަވެސް "ސްޕްރިޓް"އަށް ތުރިޕްތީ ހުށަހެޅި ފީގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ. ތުރިޕްތީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ބޫލް ބުލައްޔާ 3"އިންނެވެ.