ޑުރަގުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ 3 މީހަކު ހައްޔަރުކޮށްފި

އޮޕަރޭޝަނެއް ހިންގައި، މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ތިން ބިދޭސީން --- ފޮޓޯ/ ފުލުހުން

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރި ކުރާކަމަށް އެ މުއައްސަސާގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އޮޕަރޭޝަނެއް ހިންގައިފައެވެ.

އެ އޮޕަރޭޝަނުގައި ގަލޮޅުގެ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު، އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 350.92 ގުރާމު ހުރި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ބަންގްލަދޭޝްއަށް ނިސްބަތްވާ ތިން މީހުން ކަމަށްވާ، 29 އަހަރުގެ އެމްޑީ މެހެދި ހަސަނާއި 47 އަހަރުގެ އަބު ތަލެބާއި 41 އަހަރުގެ އެމްޑީ ސަލާމް މިއާއެވެ.

އެ މީހުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ، 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގެ އެކި އިޖުތިމާއީ މައްސަލަތަކާ ގުޅިފައިވާ މައްސަލައެކެވެ. މި މައްސަލަ ހައްލު ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެ ގޮތުން މަސްތުވާތަކެތި ވިއްކާ މީހުން ދެނެގަނެ، އެ ތަކެތި ރާއްޖެ އެތެރެކުރާ މީހުން އަތުލައިގަންނަން މަސައްކަތް ކުރަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް