"މޫނަށް ކަނދުރާއަކަށް ނުބަލާނަން"؛ ގޭންގު ކުށްތަކަށް ހަރުކަށި އަދަބު ލިބޭ ބިލު ތަސްދީގުކުރައްވައިފި

ރައީސް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ގާނޫނު ތަންފީޒުކޮށް، ގޭންގުތައް ހުއްޓުވުމުގައި "މޫނަށް، ކަނދުރާއަކަށް" ނުބައްލަވާނެ ކަމަށް ވިދާޅުވެ، ގޭންގު ކުށްތަކަށް ހަރުކަށި އަދަބު ލިބޭ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލު މަޖިލީހުން ފާސްކުރީ މި މަހުގެ 15ވަނަ ދުވަހެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބިލު ތަސްދީގުކުރެއްވީ، ތަންފީޒީ އިދާރާތަކުގެ އިސްވެރިންގެ ހާޒިރުގައެވެ.

ބިލު ތަސްދީގު ކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން ގޭންގުތަކުގެ މައްސަލަ ހައްލުނުވެ އޮތީ ސިޔާސީ ފަރާތްތަކުން އެ ކަން ކުރަން ބޭނުންނުވުމުން ކަމަށެވެ. އަދި އަމިއްލަ މަސްލަހަތަށް ގޭންގުތަަކުގެ އެދުންތަކަށް "ދީލައިލާތީ" ކަމަށެވެ.

ނަމަވެސް މި ސަރުކާރުން މި ގާނޫނު ތަންފީޒުކުރުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށާއި، މޫނަކަށް ކަނދުރާއަކަށް ނުބަލައި ތަންފީޒުކުރާނެ ކަމަށް ވިދާޅުވިއެވެ.

އަދި މިއީ ''ނަމެއްގައި ކުރާ ކަމެއް ނޫންކަމަށާއި، ހަގީގީ މާނައިގައި ކުރާ ކަމެއް" ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ބިލުގެ ބައެއް މުހިންމު ތަފްސީލް

މި ބިލުގައި ބުނެފައިވާ ގޮތުގައި މި ގާނޫނު އުފެއްދުމުގެ ބޭނުމަކީ:

  • ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތަށް ކުށުގެ ގޮތުގައި ކަނޑައެޅޭ އަމަލުތަކަށް އަދަބު ކަނޑައެޅުން.
  • އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކާމެދު އެކަށީގެންވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޚާއްސަ ބާރުތަކެއް ދިނުން.
  • ކުށްކުރާ ފަރާތްތައް ކުށުގެ ވެށިން ރައްކާތެރިކޮށް، ހެޔޮގޮތުގައި މުޖުތަމައުއަށް ރުޖޫއަވުމަށް މަގުފަހިކޮށްދިނުމަށް ޚާއްސަ ފިޔަވަޅުތައް އެޅުމުގެ އުސޫލުތައް ކަނޑައެޅުން.
  • ކުށްކުރާ ފަރާތްތައް އުޅޭ ނޫޅޭގޮތް މޮނިޓާކޮށް ފިޔަވަޅު އެޅޭނެ ޚާއްސަ އުސޫލުތައް ކަނޑައެޅުން.

މި ގާނޫނާއެކު ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ވަރަށް ބޮޑެތި ބާރުތައް ލިބިދީފައިވެއެވެ. އޭގެ ތެރެއިން ބައެއް ކަން ކަމަކީ:

  • ކޯޓު އަމުރަކާ ނުލައި ވެސް އަމިއްލަ ތަންތަނަށް ވަދެ، ތުހުމަތުކުރާ މީހާ ހައްޔަރުކުރުމުގެ ބާރު އަދި ބަލައި ފާސްކުރުމުގެ ބާރު
  • ބޮޑެތި ކުށްކުރާ މީހުން ކަފާލާތުގެ ދަށުން ދޫނުކުރުމުގެ ބާރު
  • ބޮޑު ކުށެއްގެ ތުހުމަތުކުރާ މީހާ ހައްޔަރުކުރުމަށްފަހު އެ ވަގުތުން ފެށިގެން 48 ގަޑިއިރާ ހަމައަށް، ވަކީލަކާއެކު އެކަހެރިކޮށް ބައްދަލުވާން ފުރުސަތު ނުދިނުން.

މީގެ އިތުރުން ހަރުކަށި އަދަބުތައް ވެސް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި 10 އަހަރުން ފެށިގެން މަތީގެ ޖަލު ހުކުމާއި، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ހިމެނެއެވެ.

comment ކޮމެންޓް