ޣައްޒާ (25 މެއި 2025) : ޣައްޒާގެ ނާސިރު ހޮސްޕިޓަލްގައި މަސައްކަތްކުރާ ފަލަސްތީނުގެ އަންހެން ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރު، ޢަލާ އައްނައްޖާރުގެ ނުވަ ދަރިން، އިސްރާއީލުން، ޝަހީދުކޮށްލައިފިއެވެ.
ހިޓްލަރުގެ ދުވަސްވަރު ނާޒީ ޖަރުމަނުން ހިންގާފައިވާފަދަ މި ޖަރީމާ އިސްރާއީލުން ހިންގީ ޣައްޒާގެ ޚާން ޔޫނުސްގައި ހުންނަ ޑޮކްޓަރު އައްނައްޖާރުގެ ގެއަށް ފައިޓާޖެޓްތަކުން ބޮން އަޅައިގެންނެވެ. މި ގަތުލުއާންމުގައި ޑޮކްޓަރު އައްނައްޖާރުގެ ގެ ވަނީ އެއްކޮށް ފުނޑުފުނޑުކޮށް ބިމާ ހަމަކޮށްލާފައެވެ. މި ހަމަލާގައި ޑރ. ނައްޖާރުގެ ފިރިމީހާ ވެސް ވަނީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ.
އޭނާއަށް ލިބިފައިވާ ޒަޚަމުތަކުގެ ތެރޭގައި ބޮލުގެ ނާށިގަނޑު ފަޅައިގެން ދިޔުމާއި، މެޔާއި ބޮލަށް އަނިޔާވުން ހިމެނެއެވެ. އޭނާއަށް މިހާރު ފަރުވާދެނީ ޣައްޒާގެ ނާސިރު ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އެ ހޮސްޕިޓަލުގެ އެއްބައި އިސްރާއީލުން ވަނީ ބޮންއަޅައި ފުނޑާލާފައެވެ. އެ ހޮސްޕިޓަލުގައި ބޭހާއި ސިއްހީ ސާމާނު މަދުކަމުން އޭނާގެ ފުރާނަ ސަލާމަތް ކުރެވޭނެކަމުގެ އުންމީދު ކުޑަކަމަށް ރިޕޯޓްތައް ބުނެއެވެ.
ޔަހޫދީ ސިފައިން ޑޮކްޓަރު އައްނައްޖާރުގެ ގެއަށް ދިން ބޮމުގެ ހަމަލާތަކުން ސަލާމަތްވީ އޭނާގެ 11 އަހަރުގެ ފިރިހެން ދަރިފުޅު އެކަންޏެވެ. އޭނާއަށް ވެސް ބޮޑެތި ޒަޚަމްތަކެއްވަނީ ލިބިފައެވެ. ފަރުވާދެނީ އައިސީޔޫ ގައެވެ. ޑޮކްޓަރު އައްނައްޖާރުގެ ކުދިންގެ އުމުރު އުޅެނީ 12 އަހަރާއި ހަތްހަމާ ދެމެދުގައެވެ. މީގެތެރޭގައި އެއްމާބަނޑު ކުދިންވެސް ހިމެނެއެވެ.
މި ޚަބަރު ލިބުނުއިރު ޑޮކްޓަރު އައްނައްޖާރު އުޅުއްވީ ޣައްޒާގެ ނާސިރު ހޮސްޕިޓަލުގެ ޑިއުޓީގައެވެ. އޭނާއަކީ ކުޑަކުދިންގެ ބަލިތަކާބެހޭ ޑޮކްޓަރެކެވެ. މި ޚަބަރާއެކު އޭނާ ޚަބަރު ހުސްވެގެން ވެއްޓުނުކަމަށްވެއެވެ. އިސްރާއީލުގެ މި އަނިޔާވެރި ނާޒީ ސްޓައިލްގެ ބާބެރިކް ޖަރީމާއާ ދެކޮޅަށް އިންސާނީ ހައްގުތަކުގެ ނަމުގައި އަޑުފަތުރާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޔޫރަޕާއި އެމެރިކާއަކީ އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގުމަށް ބޭނުންވާ ހަތިޔާރު އިސްރާއީލަށް ފޯރުކޮށްދޭ އަދި ބައިނަލްއަގްވާމީ ޕްރެޝަރުތަކުން އިސްރާއީލު ހިމާޔަތް ކޮށްދޭ އިސްރާއީލުގެ މަދަދު ގާރެވެ. ޔަހޫދީ ޓެރަރިޒަމްގެ ސްޕޮންސާ ކުރަނީވެސް އެމެރިކާއާއި ޔޫރަޕުންނެވެ.
ޣައްޒާގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ހަމާސް ޖަމާއަތުން ވަނީ މިއީ ޣައްޒާގެ ނަސްލު ނައްތާލުމަށް ހިންގާ ގަތުލުއާންމުގެ ތެރޭގައި ހިމެނޭ ވޭންދެނިވި ގަތުލުއާންމެއްކަމަށް ސިފަކޮށްފައެވެ.
ޣައްޒާގެ ސިއްހަތާބެހޭ އިދާރާ ބުނާގޮތުން އިސްރާއީލުވަނީ 500 އަށް ވުރެ އާއިލާ އެއްކޮށް (މައިން ބަފައިންނާއި ދަރިން އަދި ކާފަމާމަ ހިމެނޭގޮތަށް) ނައްތާލާފައެވެ. އިސްރާއީލުން ހިންގާ ގަތުލުއާންމުތަކުގައި މިހާތަނަށް 80,000 އަށް ވުރެން ގިނަ ކުޑަ ކުދިންވަނީ ޔަތީމް ކޮށްލާފައެވެ. މި ކުދިންގެ މައިން ބަފައިންނާއި އާއިލާގެ އެ ނޫން މީހުން ވެސް ވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތައް ހާސް ކުއްޖެއްގެ އަތްފައިވަނީ ބުރިކޮށްލާފައެވެ.
އިސްރާއީލު ވާތު ފިޔައިގެ ފިކުރުގެ ނޫހެއްކަމަށްވާ "ހާއާރެޓްސް" ބުނާގޮތުން އިސްރާއީލުގެ އަސްކަރީ ކޮމާންޑުން ވަނީ ޣައްޒާގެ ކުޑަކުދިންގެ މެރުމަށާއި އަތްފައި ބުރިވާގޮތަށާއި ކުޑަކުދިންގެ ޖީލުތައް އެއްކޮށް ނައްތާލުމަށް އަމާޒުކޮށްގެން ހަމަލާތައް ކުރިޔަށް ގެންދިޔުމަށް ސިފައިންނަށް އިރުޝާދު ދީފައެވެ.
އެ ނޫސް ކުރިން ބުނެފައިވާ ގޮތުގައި ޣައްޒާގެ ހޮސްޕިޓަލްތަށް ފުނޑާލީވެސް ޔަހޫދީ ސިފައިންގެ ކޮމާންޑުން ސިފައިންނަށް ދިން އިރުޝާދުގެ ދަށުންނެވެ. އދ. ން ވަނީ ޑރ. ނައްޖާރުގެ ގެއަށް ހަމަލާދީ ޔަހޫދީން ހިންގި ގަތުލުއާންމު ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ފަލަސްތީނަށް އދ. ން ކަނޑައަޅާފައިވާ ޚާއްސަ ރެޕަޓުއާ ފްރޮންޗިސްކާ އަލްބަނީޒް ވަނީ މިއީ އިސްރާއީލުން ގަސްދުގައި ހިންގި ހިތްފަޅައިގެން ދާ ބިރުވެރި ގަތުލު އާންމެއްކަމަށް ސިފަކުރައްވާފައެވެ.