އިންޑިއާގެ ޕޫނޭގެ ޒޮމާޓޯ ބްރާންޗްގައި ޑެލިވަރީ މަސައްކަތްކުރާ ހާއްސަ އެހީއަށް ބޭނުންވާ މީހަކު އޭނާގެ ކަސްޓަމަރަށް ޚިދުމަތް ދިނުމުގައި އަމަލުކުރިގޮތާ ގުޅިގެން އިންޓަނެޓުގައި ގިނަ ބަޔަކު ޒޮމާޓޯގެ ހިންގުންތެރިންނަށް ތައުރީފުކުރަން ފަށައިފިއެވެ.
ޕޫނޭގައި ދިރިއުޅޭ ޝްރިޕަލް ގާނދީ ނަމަކަށް ކިޔާ މީހަކު ސަބްވޭއިން އޭނާގެ މެންދުރުގެ ކެއުން ޒޮމާޓޯ މެދުވެރިކޮށް އޯޑަރުކުރިއިރު އެ އޯޑަރުގެ ސަބަބުން އޭނާއަށް ރަނގަޅު ފިލާވަޅެއް އެ ދުވަހު ދަސްވާނެ ކަމަކަށް އުއްމީދެއް ނުކުރެއެވެ.
"އަހަންނަށް ސަބްވޭގެ އޯޑަރު ލިބުނުއިރު އެ ޕާރުސަލް ބަލާފައި އެނގޭ އޯޑަރުދިން ބައެއް ތަކެތި މަދުކަން" ގާނދީ ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

ޒޮމާޓޯގެ ސީއީއޯ ދީޕިންދަރު ގޮޔާލް -- ފޮޓޯ/ފޭސްބުކް
އެވަގުތު އޭނާ ޒޮމާޓޯއިން އޯޑަރު ޑެލިވަރީ ކޮށްދިން މީހާއަށް ގުޅާލުމަށްފަހު ބައެއް ތަކެތި މަދުކަން އެންގި ކަމަށް ގާނދީ ވަނީ ބުނެފައެވެ. ނަމަވެސް ޒޮމާޓޯއިން ގާނދީއަށް އޯޑަރު ހަވާލުކޮށްދިން ޑެލިވަރީ މުވައްޒަފު ބުނީ އެކަން ސަބްވޭ ރެސްޓޯރެންޓަށް ނުވަތަ ޒޮމާޓޯއަށް އެންގުމަށެވެ.
ޒޮމާޓޯއިން ޑެލިވަރީ ކުރުމުގެ ޒިންމާ ހަވާލުކުރާ މުވައްޒަފުންނަކީ ރެސްޓޯރެންޓުތަކުން މުސާރަ ދޭ ބަޔަކަށް ނުވެފައި، އެއީ ޒޮމާޓޯއިން މުސާރަ ދޭ މުވައްޒަފުން ކަމަށްވާތީ އަނބުރާ ރެސްޓޯރެންޓަށް ދެވޭނީ ޒޮމާޓޯ ކުންފުނިން ސީދާ އެ މުވައްޒަފުންނަށް އެކަން އެންގުމުންނެވެ.
ގާނދީ އެކަން ސަބްވޭއަށް އެންގުމުން ސަބްވޭ ރެސްޓޯރެންޓުން އެކަމަށް މައާފަށް އެދި މަދުވި ތަކެއްޗާ އެކު ޒޮމާޓޯގެ ޑެލިވަރީ މުވައްޒަފަށް ވެސް އޭގެ ބަދަލު ދޭން އެދުނު ކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް ޒޮމާޓޯގެ ޑެލިވަރީ މުވައްޒަފަށް ލިބޭ ގެއްލުމުގެ ބަދަލަށްވުރެ އޭނާއަށް މުހިއްމުވީ ކަސްޓަމަރުގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެވުން ކަމަށާއި އެއްވެސް އިތުރު އަގެއް ނުނަގާ އޭނާ ވަނީ ސަބްވޭއިން ހެދި ގޯސް ރަނގަޅުކޮށް އަލުން ތަކެތި ގާނދީއަށް ގެނެސްދީފައި ކަމަށް ސޯޝަލް މީޑިއާގައި ވަނީ ބުނެފައެވެ.
ޒޮމާޓޯއިން ގާނދީގެ މެންދުރު ކެއުން ޑެލިވަރީކޮށްދިން މީހާގެ ވަނަވަރު ހާމަނުކޮށް އޭނާ ބުނީ ސަބްވޭގެ މުވައްޒަފެއްގެ އަތުން ހެދުނު ގޯހަކަށް، ބަދަލުގެ ގޮތުގައި ފައިސާ އޭނާ ބޭނުންނުވާ ކަމަށް އެ މީހާ ބުނެފައިވާ ކަމަށެވެ.
ފަހުން އެނގުނު ގޮތުގައި ޒޮމާޓޯއިން ގާނދީއަށް ކެއުން ޑެލިވަކޮށްދިން މުވައްޒަފަކީ ކުރިން ކޮންސްޓްރަކްޝަން ސައިޓެއްގައި ސުޕަވައިޒަރެއްގެ ވަޒީފާ އަދާކުރި މީހެކެވެ. އޭރު އޭނާއަށް މަހު މުސާރައިގެ ގޮތުގައި މަހަކު 1.25 ލައްކަ ރުޕީސް ލިބުނު ކަމަށާއި ނަމަވެސް ދިމާވި ކާރު އެކްސިޑެންޓެއްގައި އޭނާގެ ވައަތު ފަޅި އެއްކޮށް ވާގި ނެތުމުގެ ސަބަބުން އެ ވަޒީފާ އޭނާއަށް ގެއްލުނީ ކަމަށް ގާނދީ ވަނީ ބުނެފައެވެ.
ނަމަވެސް ޒޮމާޓޯއިން އެ މީހާ ބަލައިގަތް ކަމަށާއި އޭނާގެ އާއިލާ ހާލުގައި ނުޖެހި ދިރިއުޅުމުގައި ކުރިއަށްދެވިދާނެ ކަމުގެ އުއްމީދު އާކޮށްދިނީ ޒޮމާޓޯ ކުންފުނިން ކަމަށް އެމީހާ ވަނީ ގާނދީ ގާތުގައި ބުނެފައެވެ.
ޒޮމާޓޯއިން ލިބޭ އާމްދަނީގެ އެހީގައި އެ މީހާގެ އުއްމީދަކީ އޭނާގެ އަންހެން ދަރިފުޅު ޑޮކްޓަރަކަށް ހެދުން ކަމަށާއި ދަރިފުޅުގެ އެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމުގައި އެންމެ ބޮޑު އެހީއެއް ވެދެނީ ޒޮމާޓޯއިން ކަމަށް އެމީހާ ވަނީ ބުނެފައެވެ. އެހެންކަމުން ޒޮމާޓޯގެ ނަމަށް ހުތުރުވާނެ އެއްވެސް ކަހަލަ ކަމެއް ވިޔަނުދޭން އޭނާ ހުރި އަޒުމް ކަނޑައަޅައިގެން ކަމަށް ގާނދީ ވަނީ ބުނެފައެވެ.
މިއީ ގާނދީއަށް އެ ދުވަހު ލިބުނު ވަރަށް ބޮޑު އިބްރަތެއް ކަމަށާއި ދިރިއުޅުމުގައި ލިބޭ ކިތަންމެ ކުޑަކުޑަ އާމްދަނީއަކުން ވެސް ފުދިގެން އުފާވެރިކަމާ އެކު ދިރިއުޅެވިދާނެ ކަން ޒޮމާޓޯގެ ޑެލިވަރީ މުވައްޒަފު އެ ދުވަހު އޭނާއަށް އިހުސާސްކޮށްދިން ކަމަށް ގާނދީ ވަނީ ބުނެފައެވެ.
ހާއްސަ އެހީއަށް ބޭނުންވާ އެފަދަ މީހުން ޒޮމާޓޯއިން ބަލައިގަނެ އެ މީހުންނަށް އެހީތެރިވެދޭތީ ގާނދީ ވަނީ ޒޮމާޓޯގެ ފައުންޑަރު ދީޕިންދަރު ގޯޔަލްއަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އިންޑިއާގެ ތަފާތު ހިސާބުތަކުން ދައްކާގޮތުގައި ޒޮމާޓޯ ކުންފުނީގައި ހަމައެކަނި ޑެލިވަރީ ޕާޓްނަރުންގެ ގޮތުގައި ދެ ލައްކަ މުވައްޒަފުން ހަރަކާތްތެރިވެއެވެ.