އިސްރާއީލުން ޣައްޒާގެ 77 ޕަސެންޓް ކޮންޓްރޯލް ކުރަނީ

ފަލަސްތީނުގެ އާންމުން ޣައްޒާގެ އުތުރުން ދެކުނަށް ދަތުރުކުރަނީ. ފޮޓޯ/އޭއެފްޕީ

ޣައްޒާގެ 77 ޕަސެންޓަށް ވުރެ ބޮޑު ސަރަހައްދެއް އިސްރާއީލުގެ ސިފައިން ކޮންޓްރޯލް ކުރަން މަސައްކަތްކުރާ ކަމަށް ފަލަސްތީނުގެ މީޑިއާ އޮފީހުން އާދީއްތަ ދުވަހު ބުނެފިއެވެ.

"ފީލްޑް ޑޭޓާއާއި އިތުރު ތަހުލީލުތަކުން ދައްކާ ގޮތުގައި އިސްރާއީލުގެ ހިސާރުކުރާ ބާރުތަކުން ޣައްޒާގެ ޖިއޮގްރަފިކް ސަރަހައްދުގެ ގާތްގަނޑަކަށް 77 ޕަސެންޓް ކޮންޓްރޯލް ކުރަން އެބަ މަސައްކަތް ކުރޭ" ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައިވެއެވެ.

"އިސްރާއީލު ސިފައިން ކޮންޓްރޯލް ހޯދަން މަސައްކަތް ކުރަނީ އެއްގަމު މަގުން ހަމަލާދީ، މީހުން ދިރިއުޅޭ ސަރަހައްދުތަކާއި މަދަނީ ސަރަހައްދުތަކުގައި ސިފައިން ބައިތިއްބައި ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ ސަރަހައްދުތަކާއި ބިންތަކަށް ވަދެވޭނެ ގޮތް ހުއްޓުވައި މަޖުބޫރުކޮށްގެން މީހުން ނެރެގެން."

ބުރާސްފަތި ދުވަހު އިސްރާއީލް ހަޔޮމް ނޫހުން ބުނެފައިވާ ގޮތުގައި ޣައްޒާ ސަރަހައްދުގައި ފުޅާކޮށްފައިވާ އަސްކަރީ ކެމްޕޭނުގެ ތެރެއިން ގާތްގަނޑަކަށް ތިން މަސް ދުވަހުގެ ތެރޭގައި ޣައްޒާގެ 70-75 ޕަސެންޓް ކޮންޓްރޯލް ކުރުމަށް ސިފައިން ވަނީ ރާވާފައެވެ.

މީޑިއާ އޮފީހުން ވަނީ އާންމުންނާއި އިމާރާތްތަކަށް ގެއްލުންދީ އިސްރާއީލުން ހިންގަމުންދާ ޖަރީމާގައި ގިނަ ބައެއްގެ ގެދޮރު ދޫކޮށްލަން މަޖުބޫރުކުރުމާއި، ނިޒާމީ ނަސްލު ނައްތާލުމާއި، ގަދަކަމުން އިސްތިއުމާރު ކުރުމުގެ ޕްލޭންތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

އަދި ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ޒިންމާ، އެ ޖަރީމާ ހިންގުމަށް އިސްރާއީލަށް ވާގިވެރިވާ އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އަދި ފަރަންސޭސިވިލާތުން ވެސް އުފުލަންޖެހޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.

ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލި ނަމަވެސް އެކަމަށް ދެކޮޅު ހަދައި 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތަކުގައި މިހާތަނަށް 53،900 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް