ޣައްޒާ ހަނގުރާމަ ހުއްޓާލަން އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އެއްބަސްވެއްޖެ

ޖަބަލިއާއަށް އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ އާންމުން އެހެން ސަރަހަދުތަކަށް ދަތުރު ކުރަނީ -- ފޮޓޯ/އޭޕީއޭ

ޣައްޒާ ހަނގުރާމަ މެދުކަނޑާލުމާ ގުޅޭގޮތުން އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ހަމާސްއިން އެއްބަސްވާ ކަމަށް އެ ޖަމާއަތުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައިވާ މަންދޫބު ސްޓީވް ވިކްޓޮފްގެ އާ ހުށަހެޅުމަކީ ދެ ފަހަރެއްގެ މަތިން އިސްރާއީލުގެ 10 ރަހީނުން މިނިވަންކުރާ ނަމަ 70 ދުވަހަށް ހަމަލާތައް ހުއްޓާލުމުގެ ހުށަހެޅުމެވެ. އަދި، ދިގު މުއްދަތަކަށް ޖަލު ހުކުމް ތަންފީޒު ކުރަމުންދާ އެތައް ސަތޭކަ ބަޔަކު ހިމެނޭ ގޮތަށް އިސްރާއީލުން ފަލަސްތީނުގެ ގިނަ އަދަދެއްގެ ގައިދީން ދޫކޮށްލާނެ ކަމަށް ވެސް އެ ހުށަހެޅުމުގައި ބުނެފައިވެއެވެ.

ފުރަތަމަ މަރުހަލާގައި އިސްރާއީލުގެ އަސީރުންގެ ފަސް މީހަކު މިނިވަންކުރާއިރު، އަނެއް ފަސް މީހުން މިނިވަން ކުރާނީ 70ވަނަ ދުވަހު އެވެ.

އެކަމާ ގުޅިގެން އިސްރާއީލުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މާރިޗު 18ވަނަ ދުވަހު އިސްރާއީލުން ވަނީ ހަމާސްއާ އެކު ޖެނުއަރީ މަހު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަމަލީ ގޮތުން އުވާލައި، ޣައްޒާގައި ކުރިއަށް ގެންދިޔަ އަސްކަރީ އޮޕަރޭޝަން އަލުން ފަށާފައެވެ.

ހަމާސްއިން ހަމަލާތައް ދޭން ފެށީ އޭގެ އެއް ދުވަސް ފަހުންނެވެ.

ހަމާސްއިން ބުނަނީ ގައިދީން މިނިވަންކޮށް އިސްރާއީލު ސިފައިން ދާއިމީކޮށް ޣައްޒާއިން ފައިބައިފިނަމަ، ހަނގުރާމަ ހުއްޓާލާނެ ކަމަށެވެ.

ނަމަވެސް، ހަނގުރާމަ ނިމޭނީ ހަމާސް ބަލިކޮށް، ވުޖޫދުން ނައްތާލުމަށް ފަހު ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.

އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 54،000 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ކާބޯތަކެތި ހިމެނޭހެން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވާފައި އޮތުމުގެ ސަބަބުން ބަނޑުހައިހޫނުކަންމަތީގައާއި ސިއްޙީ ފަރުވާ ނުލިބި މަރުވާ މީހުންގެ އަދަދު ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

comment ކޮމެންޓް