ހުޅުމާލޭ އާ މާސްޓާޕްލޭން: ރައީސްގެ ތަސައްވުރަކީ ފައިނޭންޝަލް ކެޕިޓަލެއް ގޮތަށް ތަރައްގީކުރުން

ހުޅުމާލޭގެ އާ މާސްޓާ ޕްލޭން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ: ރައީސްގެ ތަސައްވުރަކީ ފައިނޭންޝަލް ކެޕިޓަލެއް ގޮތަށް ހުޅުމާލެ ތަރައްގީކުރުން -- ފޮޓޯ/ ރައީސް އޮފީސް

ބޮޑެތި ބަދަލުތަކަކާއެކު މިއަދު އިފްތިތާހުކުރި ހުޅުމާލޭގެ އާ މާސްޓާޕްލޭނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ، 'ފައިނޭންޝަލް ކެޕިޓަލެއް'ގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރުން ކަމަށާއި، އެއީ އެ މަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށް މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ އާ މާސްޓާ ޕްލޭން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ މާސްޓާޕްލޭނަކީ ހަގީގަތުގައި ހުޅުމާލޭގައި ސަރުކާރުން ކުރިއަށްގެންދަން ގަސްތުކުރާ ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި، ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވައްސާއި، ފައިނޭންޝަލް ސެންޓަރާ އެކު ގުޅިލާމެހިގެން އިންޓަގްރޭޓެޑް ގޮތެއްގައި ތަރައްގީ ގެނައުމަށް މަގުފަހިވެގެންދާ މާސްޓާޕްލޭނެއް ކަމަށެވެ.

އަދި އެއީ ދުރު ރާސްތާއަށް ވިސްނައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ޔަގީންކުރެވޭނެ މާސްޓާޕްލޭނެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހުޅުމާލޭގެ އާ މާސްޓާ ޕްލޭން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު -- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން އެ މަނިކުފާނުގެ އެދިވަޑައިގަތުމަކީ އެ މާސްޓާޕްލޭން ހަގީގަތަކަށް ހެދުމުގައި ހުރިހާ އެންމެންގެ ވިސްނުން އެއްގޮތްކޮށް، ބުރަ މަސައްކަތްތަކެއް ކުރިއަށް ގެންދެވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފައިނޭންޝަލް ކެޕިޓަލެއް ގޮތުގައި ހުޅުމާލެ ތަރައްގީކުރުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ.

ގްރޭޓާ މާލެ ސަރަހައްދުގައި ފައިނޭންޝަލް ކެޕިޓަލެއް ގޮތުގައި މި ހުޅުމާލެ ބައްޓަންކުރުމަށް ވަރަށް ބޮޑަށް މި މާސްޓާޕްލޭންގެ ތެރެއިން މަގުފަހިވެގެންދާނެ. މާލޭގައި ވެރިކަމުގެ އެޑްމިނިސްޓްރޭޓިވް ސީޓް ގާއިމުވެފައިވާ ގޮތަށް އެއަށް ކޮމްޕްލިމެންޓްކުރަން ފައިނޭންޝަލް ސީޓަކީ ހުޅުމާލެ ކަމުގައި ހެދުމަކީ އަޅުގަނޑު އެންމެ ބޭނުންވާ، ގުޅިލާ މެހިފައިވާ ދެމެހެއްޓެނިވި ތަރައްގީއަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ މީގެ ކުރިން އިފްތިތާހުކުރި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަކީ އެކަން ހަގީގަތަކަށް ހެދުމުގައި 'ޓްރާންސްފޮމެޓިވް' ބަދަލެއް އަންނާނެ ވަރަށް މުހިންމު މަސައްކަތަކަށް ވާނެ ކަމަށެވެ.

ހުޅުމާލެ -- ފޮޓޯ/ ޔޫއެންޑީޕީ

ހުޅުމާލެ އާ މާސްޓާޕްލޭންގައި ހިމެނޭ ބަދަލުތައް

މި މާސްޓަރ ޕްލޭންގައި ހުޅުމާލޭގެ ބަނދަރުގެ ގޮތުގައި މިހާރު ބޭނުންކުރާ 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުމަށް ވަނީ ކަނޑައަޅާފައެވެ. ބަނދަރު ބޮޑުކުރާއިރު އެތަނުގައި ޒަމާނީ، ބޮޑު ފެރީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ސްކޫލްތަކާއި، މިސްކިތްތަކާއި، އޮފީސް އިމާރާތްތަކާއި، އެނޫންވެސް ޚިދުމަތްތަކަށް ޚާއްސަ ބިންތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ބިންތައް އެލޮކޭޓްކޮށްފައިވާ ގޮތަށް ބަލާއިރު:

  • ރެޒިޑެންޝަލް ބޭނުންތަކަށް: 29.84 އިންސައްތަ
  • ސްކޫލްތަކާއި މިސްކިތްތަކާއި އިދާރާތަކަށް: 10.41 އިންސައްތަ
  • ކޮމާޝަލް ބޭނުންތަކަށް: 5.56 އިންސައްތަ
  • އޮފީސް ޖާގައާއި އެހެނިހެން ބޭނުންތަކަށް: 3.64 އިންސައްތަ
  • ގްރީން ސްޕޭސް، ސްޕޯޓްސް އެންޑް ރެކްރިއޭޝަން: 30.62 އިންސައްތަ
  • އިންޑަސްޓްރިއަލް މަސައްކަތްތަކަށް: 5.76 އިންސައްތަ
  • މިކްސްޑް ރެސިޑެންޝަލް ކޮމާޝަލް ޒޯން: 1.44 އިންސައްތަ

ހަމައެއާއެކު ހުޅުމާލޭ ދެވަނަ އަދި ތިންވަނަ ފިޔަވަހި ޖުމްލަ 11 ކަނެކްޝަނަކުން ގުޅާލާ ފަސޭހައިން ދަތުރުފަތުރުކުރެވޭނެ ނިޒާމްތައް ވަނީ ކަނޑައަޅައިފައެވެ.

ވަކިން ޚާއްސަކޮށް އިސްލާމީ މަރުކަޒެއް ގާއިމުކުރުމަށް ކަނޑައަޅާފައިވާއިރު، އެތަން ތަރައްގީކުރަނީ ހިތްފަސޭހަ ޕާކަކާއެކުއެވެ. އަދި ތަފާތު މައުރަޒުތަކާއި އިވެންޓުތައް ބޭއްވުމަށް ޚާއްސަކޮށް، ޕްލާޒާ އެންޑް އެކްސްޕޯ އޭރިއާއެއް 300،000 އަކަފޫޓުގެ ބިމެއްގައި ގާއިމުކުރުމަށް ވެސް މާސްޓާޕްލޭންގައި ވަނީ ކަނޑައަޅައިފައެވެ.

މީގެ އިތުރުން ސެންޓްރަލް ޕާކުގައި ފުޓްބޯޅަ ދަނޑަކާއި، ސްޕޯޓްސް ކޯޓުތަކުގެ އިތުރުން ބާބަކިއު އޭރިއާއާއި ރަސްމިއްޔާތުތައް ބޭއްވޭ ގޮތަށް ޖާގަ ކަނޑައަޅާފައިވެއެވެ. ހަމައެއާއެކު ކަލްޗަރަލް އެންޑް ހެރިޓޭޖް ސެންޓަރެއް ގާއިމުކުރުމަށް ވެސް މާސްޓާޕްލޭންގައި ވަނީ ހިމަނައިފައެވެ.

އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭގެ ކުރީގެ މާސްޓާޕްލޭންގައި އިނީ 131،000 ވަޒީފާ ހިމަނައިފައެވެ. ނަމަވެސް މިހާރު ގެނެވުނު ބަދަލާއެކު 93،000 ވަޒީފާ އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް ވަނީ 224،000 އަށް އިތުރުކޮށްފައި ކަމަށް އެޗްޑީސީން ބުންޏެވެ.

comment ކޮމެންޓް