އެސްއޯއެފްގެ ދަރަނި ފައިސާ އަނބުރާ ހޯދަން ބެލިއިރު އެކައުންޓުގައި ފައިސާއެއް ނެތް

އެސްއޯއެފް ކުންފުނީގެ އިސް ތިން މީހުން: އެ މީހުންނާ ދެކޮޅަށް ދައުވާ ނުކުރުމަށް ވަނީ ނިންމާފައި ----

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ފަޅުތަކާއި ރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ޖަމާކުރި, ސްކޯސް އޮފް ފްލެއާ (އެސްއޯއެފް) ކުންފުނިން ޚިޔާނަތްތެރިވުމުން، އެ ފައިސާ ހޯދަން ބޭންކް އެކައުންޓް ބެލިއިރު އެ އެކައުންޓުގައި އެއްވެސް ފައިސާއެއް ނެތްކަން ހާމަވެއްޖެއެވެ.

ރާއްޖޭގައި ފަހު ތާރީޚެއްގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެ ޚިޔާނާތުގެ ފައިސާގެ ޖުމްލަ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މީގެ ކުރިން ބުނެފައިވެއެވެ.

އެ މައްސަލައިގައި ސެޕްޓެމްބަރު 17، 2017ގައި ސިވިލް ކޯޓުން ވަނީ އެސްއޯއެފުން އެމްއެމްޕީއާރުސީއަށް 10،708،271 ޑޮލަރު ދައްކަން ހުކުމްކޮށްފައެވެ.

އެއީ، ހަ މަސް ދުވަހަށް އެ ފައިސާ ބަހައިލައިގެން އެ ފައިސާ ކޯޓަށް ދެއްކުމަށެވެ. ނަމަަވެސް ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކައިފައިނުވާތީ، އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި އޮކްޓޫބަރު 2023ގައި ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފައިވާއިރު، އެ ހުކުމުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، އެސްއޯއެފަށް ތަކެތި ފޮނުވާނެ އެޑްރެހެއް ޔަގީން ނުވާތީ ދައުވާ ފޯމާއި ނޯޓިސް ފޮނުވޭ ގޮތް ނުވުން ހިމެނެއެވެ.

ހުކުމުގައިވާ ގޮތުން، އެ މައްސަލައާ ގުޅިގެން މަދަނީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް އެސްއޯއެފްގެ އާމްދަނީއާއި މުދަލާ ގުޅޭ މައުލޫމާތު ކޯޓުން ސާފުކޮށް ބެލި ބެލުމުން، އެ ކުންފުނީގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓެއްގައި އެއްވެސް ފައިސާއެއް ނެތް ކަމާއި އެސްއޯއެފްގެ ނަމުގައި އެއްވެސް ކުންފުންޏެއްގައި ހިއްސާއެއް ވެސް، އުޅަނދެއް ވެސް، ގޯއްޗެއް ނުވަތަ އިމާރާތެއް ވެސް ރަޖިސްޓްރީ ކޮށްފައި ނެތްކަން އެނގުނެވެ.

އެ މައްސަލަ ހިއްސާކޮށް، ޝަރީއަތުން ދެން އަޅައިދިނުމަށް އެދޭ ފިޔަވަޅު އަންގައިދިނުމަށް މިދިޔަ ފެބްރުވަރީ މަހުގެ ތިން ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އެމްއެމްޕީއާރުސީއަށް އެންގުމުން، އެ ކުންފުނިން މައުލޫމާތު ހުށަހެޅުމަށް ދެ މަހުގެ މުއްދަތަކަށް އެދުނު ނަމަވެސް، އޭގެ ފަހުން ކޯޓާ މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ސިވިލް ކޯޓު: ސިވިލް ކޯޓުގެ ހުކުމުގައި ވަނީ، އެސްއޯއެފްގެ ފައިސާއާއި މުދަލެއް ނެތުމުން، އެމްއެމްޕީއާރުސީން ހޯދަން އެދިފައިވާ ފައިސާ ހޯދޭނެ ގޮތެއް ނެތް ކަމަށް ބުނެފައި --

އެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން، އެސްއޯއެފްގެ ނަމުގައި އެއްވެސް މުދަލެއް ހުރިތޯއާއި އެ ފަރާތަށް އާމްދަނީ ލިބޭނެ އެއްވެސް ވަސީލަތެއް ހުރިތޯ ކޯޓުން ބެލި ބެލުމުން އެފަދަ މައުލޫމާތެއް ވެސް ލިބިފައިނުވާ ކަމަށް ހުކުމުގައިވެއެވެ. އެހެންވެ، އެމްއެމްޕީއާރުސީއަށް ފައިސާ ހޯދައި ދިނުމަށް މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެޅޭނެ އިތުރު ފިޔަވަޅެއް މިހިނދަށް ނެތް ކަމަށް ހުކުމުގައިވެއެވެ.

އެ މައްސަލައިގެ ހުކުމުގައި ވަނީ، އެސްއޯއެފްއިން އެމްއެމްޕީއާރުސީއަށް ދައްކަން ޖެހޭ ފައިސާ އެ ހުކުމާ އެއްގޮތަށް ދައްކައި ޚަލާސްކޮށްފައިނުވާކަން ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ. އަދި އެސްއޯއެފްގެ މާލީ ތަނަވަސް ކަމެއް ނުވަތަ އެ ކުންފުނީގެ ނަމުގައި އެއްވެސް މުދަލެއް ހުރިކަން އެނގޭ ނަމަ އެ ލިޔުމެއް ނުވަތަ އެ މައުލޫމާތަކާއެކު ކުރީގެ ހުކުމް ތަންފީޒު ކުރުމަށް އެދި އެ މައްސަލަ އަލުން ހުށަހެޅުމުގެ ހައްގު އެމްއެމްޕީއާރުސީއަށް ލިބިފައިވާ ކަމަށް ވެސް ކަނޑައަޅައިފައިވެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ ބެލުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް އެސެޓް ރިކަވަރީ ކޮމިޝަނެއް އުފެއްދެވިއެވެ. ނަމަވެސް އެ ކޮމިޝަން އުވާލިއިރު ވެސް، މިހާތަނަށް ވެސް އެ ޚިޔާނާތުގެ ފައިސާ ހޯދިފައި ނުވެއެވެ.

އެ ޚިޔާނާތެއް އެސްއޯއެފް މެދުވެރިކޮށް އެ ކުންފުނީގެ ތެރެއިން ހިނގި ނަމަވެސް، ރައީސް ޞާލިޙްގެ ސަރުކާރުގައި ވަނީ އެ ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރާން ނިންމައިފައެވެ. އެއީ މުހައްމަދު އައްލާމް ލަތީފް (މޮހޯ)އާއި މުހައްމަދު ހުސައިން (އޮއިއްޓެ)އާއި އަހުމަދު އިޝްފާހު އަލީއެވެ.

އެ މައްސަލައިގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމަކާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ޖުމްލަ 31 އަހަރުގެ ޖަލު ހުކުމްކުރިއެވެ.

https://sun.mv/184611

ޞާލިޙްގެ ވެރިކަމުގެ ފަހުކޮޅު އަދީބާއި ޒިޔަތަށް ވެސް ވަނީ މާފު ދެއްވައިފައެވެ. އޭރު ވެސް، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުން ހަދައިފައިވުމުން ދެ މީހުން ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވީ ގޭ ބަންދުގައެވެ.

އެމްއެމްޕީއާރުސީން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވުމުގެ ކުށުގައި ކުރީގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޔާމީންގެ ތާއިދާއެކު، އެ މަނިކުފާނު މިނިވަން ކުރައްވާނެ ކަމުގެ ވައުދާއެކުގައެވެ. އަދި އިންތިޚާބުވުމާއެކު ޔާމީން ގޭ ބަންދަށް ބަދަލުކުރެއްވި ނަމަވެސް، ވެރިކަމަށް ހަފުތާއެއް ނުވަނީސް ދެ ބޭފުޅުންގެ ގުޅުން ގޯސްވެ ޔާމީން ވަނީ އައު ސިޔާސީ ޕާޓީއަށް އުފައްދަވައިފައެވެ.

ޔާމީން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ކޮރަޕްޝަނުގެ ތުހުމަތުތައް ކުރައްވަމުންނެވެ.

comment ކޮމެންޓް