ކުރިއަށް އޮތް ފަސް ދުވަހު ކަނޑުތައް ގަދަވެ، އުދައަރާނެކަމަށް ލަފާކުރެވޭ: މެޓް

ވިއްސާރަވެ ކަނޑުގަދަވުން: ކުރިއަށް އޮތް ފަސް ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވެ، އުދައަރާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ފަސް ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓު އޮފީހުން މިއަދު ބުނެފިއެވެ.

ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ހުޅަނގު މޫސުން މިހާރު ވަނީ ފެށިފައެވެ. ހުޅަނގުމޫސުމުގައި އާންމުކޮށް ރާއްޖެއަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވެއެވެ.

ދެކުނުގެ އަތޮޅުތަކަށް މިމަހު ހަތެއްގައި ހުޅަނގު މޫސުން ފެށުނުއިރު، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައި ވަނީ މިމަހު 12ގައެވެ. އަދި، ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މިދިޔަ ބުދަ ދުވަހެވެ.

އެގޮތުން، ނޮވެންބަރުގެ މަހުގެ ނިޔަލަށް ދެމިގެންދާ މި މޫސުމުގެ ބާރުގަވެ، ކުރިއަށް އޮތް ފަސް ދުވަހު މެދުރާއްޖެތެރެއާ އުތުރުގެ ބައެއް އަތޮޅުތަކަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

އެ އަތޮޅުތަކަށް ކަނޑުތައް ގަދަވެ، އުދައަރާނެ ކަމަށާއި ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.

އެހެންވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

މިދިޔަ ހަފުތާގައި ވެސް ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ވަރަށް ގޯސްވެ ރީނދޫ ސަމާލު ނެރުނެވެ.

comment ކޮމެންޓް