މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހއ. އަތޮޅުން ވ. އަތޮޅަށް ނެރުނު ރީނދޫ ސަމާލު ދަމަހައްޓައިފިއެވެ.
ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށް އެ އަތޮޅުތަކަށް މިއަދު ރީނދޫ ސަމާލު ނެރުނީ 14:30 އިން 18:30ގެ ނިޔަލަށެވެ.
ނަމަވެސް، އޭގެފަހުން އެ ސަމާލު މެޓުން ވަނީ ދަމަހައްޓާފައެވެ. މިރޭ 23:30ގެ ނިޔަލަށް ދަމަހައްޓައި، މެޓުން ސަމާލު ނެރެފައިވާ އެ އަތޮޅުތަކަށް ކަނޑުތައް ވަރަށް ގަދަވެ، ވައި ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
މުޅި ރާއްޖެއަށް މިހާރު ހުޅަނގު މޫސުން ފެށިފައިވާއިރު، އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަކުރަމުންނެވެ. އެގޮތުން، ގދ. މަޑަވެއްޔާއި އެއަތޮޅު ހޯނޑެއްދޫއަށް ވަނީ އުދައަރައި، ބައެއް ގެތަކަށް ވަނީ ފެން ވަދެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މޫސުން ގޯސްއިރު ދަތުރުކުރާ ފަރާތްތަކުން ދަތުރުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އަބަދުވެސް އިލްތިމާސްކުރެއެވެ.