މާލޭގެ ބާޒާރުން ވެސް ވަރަށް ގިނައިން ލިބެން ހުންނަ މޭވާއެއް ކަމަށްވާ ކިވީއަކީ އޭގައި ނުހަނު ގިނަގުނަ ސިއްހީ ފައިދާތަކެއް އެކުލެވޭ މޭވާއެކެވެ.
ކާލަން ފަސޭހަ އަނގަޔަށް މީރު މި މޭވާ އަކީ މިހާރު ދިވެހިންގެ ތެރޭ ވެސް ވަރަށް މަގުބޫލު މޭވާއަކަށް ވާއިރު މިއީ ވަރަށް ގިނަ ކެއުންތަކުގައި ހިމަނާ މޭވާއެކެވެ.
ކޮންމެ ދުވަހެއްގެ ހެނދުނުގެ ނާސްތާގައި ކިވީއެއް ހިމަނާލުމަކީ އެއިން ހަށިގަނޑަށް ހައިރާންކުރުވަނިވި ފައިދާތަކެއް ލިބި ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމެއް ކަމަށް ރެޖިސްޓަޑް ޑައިޓީޝަން/ނިއުޓްރިޝަން އެކްސްޕާޓް/ފުޑް އެކްޓިވިސްޓް އަދި ލިޔުންތެރިޔާ ސާޑް މީކްސް ވަނީ ބުނެފައެވެ.
ކިވީއިން ހަށިގަނޑަށް ލިބިދޭ ފައިދާތަކާ ގުޅޭގޮތުން ސާޑް މީކްސް ލިޔެފައިވާ ލިޔުމެއްގައި ބުނެފައި ވަނީ، މި މޭވާ އަކީ އޮރެންޖާ ދާދި އެއްވަރަށް ވިޓަމިން ސީގެ މާއްދާއިން މުއްސަނދި މޭވާއެއް ކަމަށެވެ. ކިވީގައި އެކުލެވޭ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ހަށިގަނޑުގެ އިމިއުން ސިސްޓަމް ވަރުގަދަކޮށް މޫސުމީ އިންފެކްޝަންތަކުން ހަށިގަނޑު ސަލާމަތްކޮށްދިނުމަށް އެހީތެރިވެއެވެ.
ކިވީގައި އެކުލެވޭ އެކްޓިނިޑިން އެންޒައިމްގެ ސަބަބުން މިއީ ކާނާ ހަޖަމުކޮށްދިނުމަށް ވެސް އެހީތެރިވެދޭ މޭވާއެކެވެ. ހަމައެއާއެކު ކެއުމަށްފަހު ބައެއް މީހުންނަށް ދިމާވާ ބަނޑުހަރުވުމުގެ މައްސަލަ އަދި ބަނޑު ފުއްޕުމުގެ މައްސަލަތަކުން ވެސް ދުރުކޮށްދިނުމަށް އެހީވެދެއެވެ.

ކިވީ އަކީ ހެނދުނުގެ ނާސްތާގައި ކޮންމެ ދުވަހަކުވެސް ހިމަނާލުން މުހިއްމު މޭވާއެއް ކަމަށް ޑައިޓީޝަނުން ބުނޭ--ފޮޓޯ/ޕިންޓްރެސްޓް
ކިވީގައި އެކުލެވޭ ވިޓަމިން ސީ އާއި ވިޓަމިން އީގެ ސަބަބުން ހަމުގެ ދުޅަހެޔޮކަން އިތުރުކޮށްދީ ހަންގަނޑު ޒުވާންކަންމަތީ ބެހެއްޓުމަށް އެހީތެރިވެދެއެވެ. ހަމައެއާއެކު މި މޭވާގައި އެކުލެވޭ ޕޮޓޭސިއަމްގެ ސަބަބުން ހިތުގެ ދުޅަހެޔޮކަން ދަމަހައްޓަން އެހީވެ ލޭމައްޗަށް ދިއުމުން ދުރުކޮށްދެއެވެ.
ކިވީ އަކީ އޭގައި ހަކުރުގެ މިންވަރު ވަރަށް މަދުން އެކުލެވޭ މޭވާއެއް ކަމުން މިއީ ބަރުދަން ލުއިކުރުމަށް މަސައްކަތްކުރާ މީހުންގެ ކެއުމުގައި ހިމަނާލުން ވަރަށް މުހިއްމު މޭވާއެއް ކަމަށް ސާޑް މީކްސް ވަނީ ފާހަގަކޮށްފައެވެ. މި މޭވާގައި ފައިބާ މަތީ މިންވަރަކަށް ހިމެނޭތީ ކާހިތްވާ މިންވަރު މަދުކޮށްދޭ ކަމަށް ސާޑް މީކްސް ވަނީ ބުނެފައެވެ.
ކިވީއިން ލިބިދޭ އިތުރު ސިއްހީ ފައިދާތަކުގެތެރޭ ލޭގެ ހަކުރު އެއްވަރެއްގައި ބެހެއްޓުމަށް އެހީވެދީ އިންފްލެމޭޝަންއާ ދެކޮޅަށް މަސައްކަތްކުރުމަށް އެހީވެއެވެ.
މީގެއިތުރުން ނިދުމުގެ ދުޅަހެޔޮކަން އިތުރުކޮށްދީ ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމުގައި ކިވީ އަކީ މުހިއްމު ދައުރެއް ކުޅޭ މޭވާއެކެވެ.