މީސްމީޑިއާގައި ހަރަކާތްތެރި ނޫން މީހުންގެ ނަފުސާނީ ސިފަތައް އެނގޭތަ؟

މީސްމީޑިއާގައި ހަރަކާތްތެރި ނުވާ ރަހުމަތްތެރިޔާ އަކީ މީސްމީޑިއާގައި - ބުއްދީގެ ގޮތުން - އެންމެ ހަރަކާތްތެރި މީހާ ކަމަށް ވެދާނެ -- ފޮޓޯ / ޑީއެމްނިއުސް.ކޮމް

ތިޔައީ މީސްމީޑިއާ ބޭނުން ކުރާ ފަރާތެއް ނަމަ މި ކަހަލަ ރައްޓެއްސަކު ނޫނީ ރައްޓެހިންތަކެއް ތިބޭނެ ކަން ޔަގީނެވެ. ނޫނީ ވިއްޔާ ތިޔައީ އެ މީހާ ކަމަށް ވެސް ވެދާނެއެވެ. ޕޯސްޓެއް ނުކުރެއެވެ. ސްޓޭޓަސް އަދާހަމައެއް (އަޕްޑޭޓެއް) ނުކުރެއެވެ. ފޮޓޯގަނޑެއްހާ ހިސާބު ވެސް ނުލައެވެ. ސްޓޯރީއެއް ނެތެވެ. ކުރުކޮށް ބުނާ ނަމަ އެކައްޗެއް ވެސް ނެތެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ އެ މީހުން އަބަދު ވެސް މީސްމީޑިއާ ހާވާ ބަލާނެއެވެ. ރައްޓެހިންގެ ތެރެއިން ޗުއްޓީގައި ހުރީ ކާކު ކަމާއި، ވަޒީފާ އަށް ވަނީ ކާކު ކޮން ވަޒީފާ އަކަށް ކަމާއި ވަޒީފާއިން ވަކިވީ ކާކު ކަމާއި، ދަރިއަކު ލިބުނީ ކާކަށް ކަމާއި، އަދި ކައިވެނި ކުރީ ކާކު ކަމާ މިހެން ގޮސް މީސްމީޑިއާ އަށް ރައްޓެހިން ލާ ހުރިހާ އެއްޗެއްހެން އެ މީހުން ބަލާނެއެވެ. ނަމަވެސް އެއްޗެއް ނުބުނެ ހިމޭން ކަމާ އެކު ސްކްރޯލް ކޮށްލަކޮށްލާ އެ މީހުން ތިބެއެވެ.

މީސްމީޑިއާގައި ހަރަކާތްތެރި ކަމެއް ނުފެނުނަސް، ނަފުސާނީ ޢިލްމު ބުނާ ގޮތުގައި އެ ފަދަ މީހުންގެ ކިބައިގައި ގިނަ ފަހަރަށް ވަކި ޚާއްސަ ސިފަތަކެއް ހުރެއެވެ. އަދި މީގެ ތެރޭގައި ވަރަށް ހައިރާން ކުރަނިވި ސިފަތައް ވެސް ހުރެއެވެ. ތިރީގައި އެ ވަނީ، ދުވަހަކު މީސްމީޑިއާގައި ޕޯސްޓެއް ނުކުރާ ނަމަވެސް އަބަދުވެސް އެހެން މީހުންގެ ފޯސްޓުތައް ބަލާ މީހުންގެ ނަފުސާނީ ބައެއް ސިފައެވެ.

އެއީ ވަރަށް ބޮޑަށް ވިސްނާ ބައެއް

އޮންލައިންގައި މެދު ނުކެނޑި ޚިޔާލު ފާޅު ކުރުމުގެ ބަދަލުގައި އެ މީހުން އިސްކަން ދެނީ ބެލުމާއި ފިކުރު ކުރުމާއި ތަޙުލީލު ކުރުމަށެވެ. އަމިއްލަ ނަފުސު އެހެން މީހުންނަށް ދެއްކުމަށް ވުރެ، އެހެން މީހުން ދެނެގަތުމަށް އެ މީހުން އިސްކަން ދެއެވެ. ނަފުސާނީ ޢިލްމުގައި މި އަށް ކިޔަނީ ހައި ޕްރައިވެޓް ސެލްފް-ކޮންސިއަސްނަސް އެވެ (ސޮސްނިއުކް، އޮސްޓަޕެންކޯ، 2019).

އެއީ ޒާތީ ސިއްރުތަކާ މެދު ފަރުވާތެރި ވާ ބައެއް

އެއީ ކޮންމެހެން ހުރިހާ ކަމެއް ސިއްރު ކުރުމެއްނޫނެވެ. ނަމަވެސް އެ މީހުން ފަރުވާތެރި ވެފައި އެންމެ ރަނގަޅު ގޮތް އިޚުތިޔާރު ކުރަނީއެވެ. މި ބާވަތުގެ މީހުން ވަރަށް ވަރުގަދަ އިންތަކެއް ހިފަހައްޓައެވެ. ކޮންމެ ކެއުމެއް، އިހުސާސެއް، ކަމަކާ މެދު ދެކޭ ގޮތެއް މީސްމީޑިއާގައި ހިއްސާ ނުކުރުމަކީ އެ މީހުން ހިއްސާ ކުރާނެ އެއްޗެއް ނުވަތަ ކަމެއް ނެތުމެއް ނޫނެވެ. އެކަމަކު – "އެ ތަނުގައި" ހިއްސާ ކުރަން އެ މީހުން ބޭނުން ނުވަނީއެވެ. އެ މީހުން ދެކޭ ގޮތުގައި، ހަގީގީ ގުޅުންތަކަކީ އެކަކު އަނެކަކާ ބައްދަލު ވެގެން ކުރިއަށް ގެންދެވޭ ވަކި ޚާއްސަ ކަމެކެވެ. އެއީ މުޅި ދުނިޔެ އަށް އާއްމު ކޮށް އިޝްތިހާރު ކުރެވޭ ކަމެއް ނޫނެވެ (ކޭމްބެލް، ސަމަންތާ، އެވެން، 2016).

އެއީ އަމިއްލަ ނަފުސާ އެހެން މީހުންނާ އަޅައި ކިޔާ ބައެއް

މީސްމީޑިއާގައި ހަނު ތިއްބަސް ބައެއް މީހުންނަކީ އެމީހުންގެ އަމިއްލަ ދިރިއުޅުމާ އެހެން މީހުންގެ ދިރިއުޅުމާ އަޅާ ކިޔާ ބަޔަކަށް ވެދާނެއެވެ. މިއީ ފައިދާ އާއި ގެއްލުން ވެސް ހިމެނޭ ކަމެކެވެ. މިސާލަކަށް، އެހެން މީހުންގެ ފަރާތުން ފެންނަ ކަންތައްތަކަށް ބަލައިގެން އަމިއްލަ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެންނަ ނަމަ އެއީ ފައިދާ އެކެވެ. ނަމަވެސް އެހެން މީހުންނަކީ ތިމާ އަށް ވުރެ މާ މޮޅު މާ ކާމިޔާބު ބައެއް ކަމަށް ދެކި އެކަމާ ހިތާމަ ކުރުން ނުވަތަ ހަސަދަވެރި ވާނަމަ އެއީ ގެއްލުމެކެވެ (ޒާން، 2024).

ގޯސް ކޮށް އެއްޗެއް ބުނެވިދާނެތީ ހަނު ތިބުން

ރައްޓެހިންގެ ސްޓޯރީ އާއި ޕޯސްޓުތަކާ އަޅައި ނުލުން ނުވަތަ އަމިއްލަ ފީޑުގައި ވިޔަސް އެއްޗެއް ޕޯސްޓު ނުކުރުމުގެ މާނަ އަކީ އެހެން މީހުންނާ މެދު އޭނާ އަޅައި ނުލުމެއް ނޫނެވެ. ނަމަވެސް މީސްމީޑިއާގައި ޕޯސްޓު ކުރާ ކޮންމެ އެއްޗަކީ ވެސް އޭގެ ސަބަބުން ނަތީޖާތަކެއް ނުކުންނާނެ އެއްޗެއްކަން އެ މީހުން ދަނެއެވެ. އެހެން ކަމުން ޕޯސްޓު ކުރާ އެއްޗެއްގެ ސަބަބުން އަމިއްލަ ނަފުސަށް ކިލަނބު ކަމެއް އަތުވެދާނެ ކަމުގެ ބިރަށް ޓަކައި އެއްވެސް އެއްޗެއް ޕޯސްޓު ނުކޮށް އެ މީހުން ތިބެއެވެ. ގޯސް ސްޓޭޓްމަންޓެއް ނެރެވުމަށް ވުރެ އެއްވެސް އެއްޗެއް ނުބުނެ ހުރުން މާ ރަނގަޅު ކަމުގައި އެ މީހުން ދެކެއެވެ. މި ކަން ބޮޑަށް ފެންނާނީ ހައި ސެލްފް-މޮނިޓަރިން ގެ ސިފަ ހުންނަ މީހުންގެ ފަރާތުންނެވެ. އަދި މިއީ ސޯޝަލް އެންޒައިޓީ ހުންނަ މީހުންގެ ސިފައެއް ވެސް މެއެވެ (ސަހާ، ގުޕްތާ، މާކް، ކިސިމަން، ޗައުދުރީ، 2024).

އެހެން މީހުންނަށް ފާޅު ވާން ބޭނުން ނުވުން

އޮންލައިނަށް ހުޅުވިގެން ދިއުމަކީ ޢާޠިފީ (އިމޯޝަނަލް) އަދި ޖިސްމާނީ ގޮތުން ހައްސާސީ އެތައް ކަމަކަށް މީހާ ހުށަހެޅިގެން ދާ ކަމަކަށް ވާތީ އެ މީހުން ހަނު ތިބެއެވެ. މިއީ ކުރީގައި ކުރެވިފައި ވާ ހިތި ތަޖުރިބާއެއްގެ ސަބަބުން ވާ ކަމަކަށް ވެސް ވެދާނެއެވެ. އެއީ މިސާލަކަށް ސްޓްރެސް އަށް ހުށަހެޅުމާއި ބާކީ ވުން ފަދަ ހާލަތެއް ތަހަންމަލު ކުރަން ޖެހިފައި ވުމެވެ. އަމިއްލަ ކަންތައްތައް މީސްމީޑީއާގައި ހާމަ ކުރުމުގެ ބަދަލުގައި އެހެން މީހުން ހާމަ ކުރާ ކަންތައްތައް ބެލުމަށް މި މީހުން އިސްކަން ދެއެވެ (ޒަންގް، 2023).

އެމީހުން އެހެން މީހުން ޖަޖު ކުރޭ

މީސްމީޑިއާގައި މީހުން ޕޯސްޓު ކުރާ އެއްޗެއްސަށް ބަލައިގެން އެއީ ކޮން ކަހަލަ ބައެއްކަން އެ މީހުން ޖަޖު ކުރާނެއެވެ. އެންމެ ރަނގަޅު އެއްޗެތި ޖަހަނީ ކާކު ކަމާއި، އެންމެ ޕާފޯމަންސް ރަނގަޅީ ކާކު ކަމާއި އަދި ދަތި ކަމެއްގެ ތެރޭގައި އުޅެމުން ދަނީ ކާކުތޯ އާ މި ފަދަ އެތައް ކަމެއް އެ މީހުން ޖަޖު ކުރާނެއެވެ. މިއީ އޭގެ ޒާތުގައި ގޯސް ކަމެއް ނޫނެވެ. މިކަން ހިމެނެނީ އިންސާނުން އެ މީހުންނާ ގުޅުން ހުރި އެހެން މީހުން ވަޒަން ކުރުމުގެ ޠަބީޢީ ބައެއްގެ ގޮތުގައެވެ (އިމްރާން، ފައިޔާޒް، އަޚްތަރު، 2018).

ތިބާގެ ރަހުމަތްތެރިޔާ މީސްމިޑިއާގައި އެއްވެސް އެއްޗެއް ޕޯސްޓު ނުކުރުމުގެ މާނަ އަކީ އޭނާ ނެތުން ކަމަށް ނުބަލާށެވެ. އޭނާ ވެސް އުޅޭނެއެވެ. ތިބާ ޖަހާ އެއްޗެތި ބަލަން ވެސް ބަލާނެއެވެ. އަދި އޭނާ އަކީ ހަގީގަތުގައި މީސްމީޑިއާގައި - ބުއްދީގެ ގޮތުން - އެންމެ ހަރަކާތްތެރި މީހާ ކަމަށް ވެސް ވެދާނެއެވެ. އެ މީހުން މާ ބޮޑަށް ބަލާނެއެވެ. މާ ބޮޑަށް ވިސްނާނެއެވެ. އިހުސާސް ވަރުގަދަ ވާނެއެވެ (ވިލްކިންސް، އެލިޒަބަތު، ރޮއުސް، 2021).

އިސްވެ ބަޔާން ކުރި މައުލޫމާތަށް ބަލާ އިރު، މީސްމީޑިއާގައި މާ ބޮޑަށް އަނގަ ގަދަ ނުކޮށް ހަނު ތިބޭ މީހުންގެ ކިބައިގައި ރަނގަޅު ވިސްނުންތަކެއް އެބަ ހުއްޓެވެ. އަދި އެ ވިސްނުންތައް އިސްލާމްދީނުގެ އިރުޝާދު ތަކާ އެއްގޮތެވެ. އިސްލާމީ ނަޒަރުން ބަލާއިރު، މީސްމީޑިއާ ބޭނުން ކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެއް ވެއެވެ. އޭގެ ތެރޭގައި ލަދުވެތިކަމާއި، ތަވާޟުޢުވެރިކަމާއި އަދި ދޫ ރައްކާތެރި ކުރުން ފަދަ އިސްލާމީ ރީތި ސިފަތަކަށް ފަރުވާތެރިކަން ބެހެއްޓުން ހިމެނެއެވެ. ދެއްކުންތެރި ކަމާއި، މަލާމާތާއި ފުރައްސާރަ ކުރުމާއި، ހުތުރު އެއްޗެތި ކިޔުމާއި، އައުރަ ކަޝްފު ކޮށް މުޅި ދުނިޔެ އަށް އިޝްތިހާރު ކުރާ ތަނަކަށް މީސްމީޑިއާ ހަދައިގެން ނުވާނެއެވެ. މަޖާ ކޮށްލައި ދުނިޔެވީ ކޮންމެ ވެސް މަންފާއެއްގެ ބޭނުމުގައި މި ފަދަ ކަމެއް ކުރުމުން ފަހުން ކުރިމަތި ވާނޭ ގެއްލުމާ މެދު ވިސްނައި އެ ފަދަ ނުބައި ކަންތައްތަކާ ދުރުހެލި ވާން ޖެހޭނެއެވެ.

ހަމަ މިއާ އެކު، ޢިލްމު ލިބިގެން ވާ ހާލުގައި، ޙިކުމަތްތެރި ކަމާ އެކު ހެޔޮ ކަންތަކަށް ގޮވައިލައި ނުބައި ކަންތައް މަނާ ކުރުމާއި، ހެޔޮ ކަންތަކަށް މީހުން ހިތް ޖެއްސުން ފަދަ މަގުސަދުތަކުގައި މީސްމީޑިއާގެ ބޭނުން ވަރަށް ފުރިހަމަ އަށް ހިފި ދާނެއެވެ. ޓެކްނޮލޮޖީ އަށް އަންނަމުން ދާ ހަލުވި ކުރިއެރުމާ އެއްވަރަށް އަހުރެމެންގެ ވިސްނުން ވެސް ތަރައްގީ ކޮށް، އިސްލާމްދީނަށް ޚިދުމަތް ކުރުމުގައި ޓެކްނޮލޮޖީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން ޖެހޭނެއެވެ.

comment ކޮމެންޓް