ފްރާންސްގެ ފަސްޓް ލޭޑީ ބްރިޖިޓް މެކްރޮން އެ ކަމަނާގެ ފިރިކަލުން އަދި ފްރާންސްގެ ރައީސް އިމެނުއަލް މެކްރޮން ކޮއްޕާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.
އާދީއްތަ ދުވަހު މެކްރޮންގެ ދެކަނބަލުން ވިއެޓްނާމްގެ ހަނޯއީއަށް ވަޑައިގެންނެވިއިރު، ދަ އެސޯސިއޭޓެޑް ޕްރެސް އިން ނަގާފައިވާ ވީޑިއޯއިން ފުރަތަމަ ފެންނަނީ ޖައްސާފައި އޮތް ބޯޓުގެ ދޮރުހުޅުވާލިއިރު، ރައީސް މެކްރޮން ދޮރުކައިރީގައި ހުންނަވައި ކޮންމެވެސް މީހަކާ ވާހަކަފުޅު ދައްކަވާ މަންޒަރެވެ.
އޭގެފަހުން ފެންނަނީ ބްރިޖިޓް އޭނާގެ އެއް އަތުން މެކްރޮން ކޮއްޕާލައި އަނެއް އަތުން އަނގަފުޅު މަތީގައި އަތް އަޅުއްވައިފައިވާ ތަނެވެ. ނަމަވެސް ފަހުން ކެމެރާ ހުރިކަން އެނގި މެކްރޮން ހިނިތުންވެވަޑައިގަންނަވައެވެ.
އޭގެ ފަހުން ނަގާފައިވާ ވީޑިއޯތަކުގައި ވިއެޓްނާމަށް ފައިބައިވަޑައިގަންނަވާ މަންޒަރުތައް ފެނިފައިވާއިރު، ދެމަފިރިން ފައިބައިވަޑައިގެންފައި ވަނީ ދެ ފަރާތުގައި ތިއްބަވައިގެންނެވެ.
ވީޑިއޯ އާންމުވުމާއެކު މީޑިއާތަކުން ވަނީ އެކަން ރިޕޯޓުކޮށްފައެވެ.
ނަމަވެސް މެކްރޮން ފަހުން ވިދާޅުވި ގޮތުގައި އެއީ މަޖަލަކަށް ކޮށްލި ކަމެކެވެ.
"އަސްލު ބުނާނަމަ، އަހަރެންގެ އަންހެނުން އަހަންނާ ސަމާސާ ކޮށްލީ."
ބްރިޖިޓްއާއި މެކްރޮން ފުރަތަމަ ބައްދަލުވީ ހައި ސްކޫލަކުންނެވެ. ބްރިޖިޓްއަކީ ސްކޫލްގެ ޓީޗަރަކެވެ. މެކްރޮން އަކީ ދަރިވަރެކެވެ. އޭރު ބްރިޖިޓްއަކީ ކައިވެނިކޮށްގެން އުޅޭ ތިން ކުދިންގެ މަންމައެކެވެ.
ހައި ސްކޫލްގެ އެންމެ ފަހު އަހަރަށް ޕެރިހަށް ބަދަލުވި ނަމަވެސް ބްރިޖިޓް އާއި ކައިވެނި ބައްލަވައިގަންނަވާނެ ކަމަށް މެކްރޮން ވައުދުވެވަޑައިގަތެވެ. މެކްރޮންއާ ކައިވެނިބައްލަވައިގަތުމަށް ބްރިޖިޓް ވަނީ ކައިވެނި ރޫޅާލައި، ފްރާންސަށް ބަދަލުވެފައެވެ. ދެމަފިރިން ކައިވެނި ބައްލަވައިގަތީ 2007 ވަނަ އަހަރުއެވެ.