އަވައްޓެރި އިންޑިއާގެ ކެރެލާ ސްޓޭޓަށް ބޯކޮށް ވާރޭވެހި ތިން މީހުން މަރުވެއްޖެއެވެ.
މަރުވި ތިން މީހުންނަކީ އަލަޕޫޒީގެ މަގުމަތީގައި ހުރި ފިހާރައެއް ވެއްޓި މަރުވި 18 އަހަރުގެ އަންހެން ކުއްޖަކާ ފެންބޮޑުވެ ގެނބިގެން މަރުވި 62 އަހަރުގެ އަންހެނަކާއި، ކޯލަމްގައި ގައިމައްޗަށް ގަހެއް ވެއްޓި މަރުވި 55 އަހަރުގެ މީހެކެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރޭލު ދަނގަޑުތަކުގެ މައްޗަށް ގަސްތައް ވެއްޓި ރޭލު ދަތުރުތަކަށް ވަނީ ބުރޫއަރާފައެވެ.
ހޯމަ ދުވަހު ހުޅަނގު ދެކުނަށް މޫސުން ގޯސްވެފައިވާއިރު، އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ކޮޒިކޯޑޭގެ އުރޫމީއަށެވެ. ކަންނޫރުގެ އައްޔަންކުންނޫއާއި ވަޔަނާޑް، ކަންނޫރު އަދި ޝެނީގެ ސަރަހައްދުތަކަށް ވެސް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ގިނަ އަދަކަށް ވަނީ ވާރޭވެހިފައެވެ.
އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ)އިން ވަނީ ކެރެލާއަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ކޮޒިކޯޑް، ވަޔަނާޑް، އަދި ކަންނޫރަށް ރެޑް އެލާޓް ނެރެފައެވެ. ތުރިސޫރު، މަލައްޕޫރަމް، އަދި ކަސަރަގޯޑް އަށް އޮރެންޖް އެލާޓް ނެރެފައިވާއިރު، ތިރުވަންތަޕޫރަމް، ކޮލަމް، ޕަތަނަމްތިއްޓާ، އަލައްޕުޒާ، ކޮއްޓަޔަމް، އެރްނާކުލަމް، އިދުއްކީ، އަދި ޕަލައްކާޑަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ވަޔަނާޑް، ކަންނޫރު، ކޮޒިކޯޑޭ އަދި ކޮއްޓަޔަމްގެ ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ.
ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެތީ މި މަހުގެ 30 ނިޔަލަށް މަސްވެރިން މަހަށް ނުފުރުމަށް އިލްތިމާސްކޮށްފައިވާއިރު، މިރޭގެ ނިޔަލަށް ރާޅު ބޮޑުވާނެ ކަމަށް ވެސް އައިއެމްޑީން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން، މިއަދު ބޭ އޮފް ބެންގާލްގެ އުތުރުން ލޯ ޕްރެޝާ އޭރިއާއެއް އުފެދިދާނެ ކަމަށާއި ޖޫން މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މުޅި ކެރެލާ ސްޓޭޓަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް އައިއެމްޑީން ލަފާކުރެއެވެ.
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ދިވެހިރާއްޖޭހެ މޫސުމާބެހޭ އިދާރާ (މެޓު) އޮފީހުން އިއްޔެ ވަނީ ބުނެފައެވެ.