އިންޑިއާ ބޭރަށް ފެތުނު ބޯޓުން ލީކުވާ ތެލުގެ އަސަރު ރާއްޖެއަށް ކުރުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

ކޮޗީ ބޭރަށް އަޑިއަށް ދިޔަ އެމްއެސްސީ އެލްސާ ތިނެއް ----

އިންޑިއާގެ ކޮޗީ ބޭރަށް އިއްޔެ އަޑިއަށް ދިޔަ ކާގޯ ބޯޓުން ކަނޑަށް އެޅުނު ތެލާއި ނުރައްކާތެރި ތަކެތީގެ އަސަރު ރާއްޖެއަށް ކުރުމުގެ ފުރުސަތު ކުޑަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، 'އެމްއެސްސީ އެލްސާ ތިނެއް' ކޮޗީގެ ހުޅަނދު ދެކުނުން 28 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ދިޔައީ 640 ކޮންޓެއިނަރާއެކުގައެވެ. އޭގެތެރޭގައި ނުރައްކާތެރި ކާގޯ ހުރި 13 ކޮންޓެއިނަރާއި ކެލްސިއަމް ކާބައިޑް ހުރި 12 ކޮންޓެއިނަރު ހިމެނެއެވެ.

އެ ބޯޓުގައި 84 ޓަނު ޑީސަލާއި 367 ޓަނު ތެޔޮ ހުރި ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން، އެ ބޯޓުން ތެޔޮ ލީކުވާތީ އެކަން ކޮންޓްރޯލް ކުރުމަށް އިންޑިއާގެ ކޯސްޓުގާޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފުން މިއަދު ބުނީ، އެ ބޯޓު އަޑިއަށް ދިޔަ ހާދިސާ ސަރަހައްދީ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ)ތަކާ ގުޅިގެން އެމްއެންޑީއެފް ކޯސްޓުގާޑުން ވަރަށް ގާތުން ބަލަމުން އަންން ކަމަށެވެ. އަދި، މިދުވަސްވަރުގެ މޫސުމާ އޮއިވަރު އިރުދެކުނަށް ހުރުމުގެ ސަބަބުން އެ ބޯޓުން ކަނޑަށް އެޅިފައިވާ ތެލުގެ އަސަރު ރާއްޖެއަށް ކުރުމުގެ ފުރުސަތު ކުޑަކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ ނޫސްތަކުގައިވާ ގޮތުން، އެހީތެރިކަން ބޭނުންވެގެން އެ ބޯޓުން މިދިޔަ ހޮނިހިރު ދުވަހު އަންގާފައި ވަނީ އިންޑިއާގެ ވިޒިންޖަމްއާއި ކޮންޗިއާ ދެމެދު ދަތުރުކުރަމުންނެވެ.

އެ ބޯޓު އަޑިއަށް ދިޔައިރު، 24 މީހުން ބޯޓުގައި ތިއްބެވެ. އެ އެންމެން މިހާރު ވަނީ ސަލާމަތްކޮށްފައެވެ. އެ ބޯޓުގައި ހުރި ބައެއް ކޮންޓެއިނާތައް އިންޑިއާގެ އައްސޭރި ފަށުގެ ބައެއް ހިސާބުތަކަށް ލައްގާފައިވާތީ އެ ތަކެތީގައި އަތް ނުލުމަށް އެގައުމުގެ ސަރުކާރުން ވަނީ އަންގާފައެެވެ.

comment ކޮމެންޓް