ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި ކުޅުންތެރިންނާއެކު ދަނޑަށް އެރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޭ ފުރުސަތު، ކުޑަކުއްޖަކަށް ލިބިއްޖެއެވެ.
ބީއެމްއެލްގެ މާސްޓަކާޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއްގެ ދަށުން ވަނީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ވާދަކުރާ ދެ ޓީމުގެ ކުޅުންތެރިންނާ އެކު، މެޗު ފަށަން ދަނޑަށް އަރަން ފުރުސަތު ހުޅުވާލައިފައެވެ.
އެ ޕްރޮމޯޝަންގެ ދިވެހި ނަސީބުވެރިޔާ މިހާރު ވަނީ ހޮވައިފައެވެ.
ބީއެމްއެލްއިން ބުނީ އެ ޕްރޮމޯޝަނުގެ ނަސީބުވެރިޔަކަށް ހޮވުނީ ހއ. އުތީމު، އަސްރަފީގެ، ސާޢާދު އިބްރާހިމަށް ކަމަށެވެ.
އެހެންކަމުން ޖަރުމަނުގެ މިއުނިކުގެ އެލިއަންޒް އެރީނާގައި އޮންނަ ފައިނަލް މެޗުގެ ޕްލޭޔާ މެސްކޮޓްގެ ދަށުން، ޕީއެސްޖީ އާއި އިންޓާ މިލާންގެ ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތު ލިބުނީ ސާޢާދުގެ ދަރިފުޅު، ސުމައްޔާ ސަޢާދު އިބްރާހީމަށް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތު ލިބުނު ސުމައްޔާ -- ފޮޓޯ/ ބީއެމްއެލް
އެ ޕްރޮމޯޝަނުގެ އިނާމުގެ ގޮތުގައި ސާޢާދު އާއި ސުމައްޔާއަށް ހުރިހާ ޚަރަދަކާ އެކު މިއުނިކުގައި ހަތަރު ދުވަހުގެ ހުރުން ލިބޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
މީގެ ތެރޭގައި:
- މިއުނިކް ދެކޮޅު ޓިކެޓް
- ހަތަރު ދުވަހުގެ ހުރުން
- ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް
- ޕޮކެޓް މަނީ
- ވެލްކަމް ގިފްޓް
ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 31ވާ ހޮނިހިރު ދުވަހުގެ ރޭ 12:00 ގައެވެ.
މާސްޓަކާޑަކީ ޔޫއެފާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެކެވެ. ބީއެމްއެލްއަކީ ރާއްޖޭގައި މާސްޓާ ކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. އެ ބޭންކުން އަންނަނީ ރާއްޖޭގައި މާސްޓާ ކާޑާއި ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.