މި ފަހަރުގެ ޢީދު ބަންދާ ގުޅިގެން ކަލަންޑަރުގައިވާ ދުވަސްތައް ފިޔަވާ އިތުރު ދުވަހެއް ބަންދުނުކުރާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
މިއަދަކީ މި އަހަރުގެ ޙައްޖު މަހުގެ ފުރަތަމަ ދުވަހެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙައްޖު ދުވަހަށް ވާނީ ކަލަންޑަރުގައި ވާގޮތަށް އަންނަ ހަފުތާގެ ބުރާސްފަތި ދުވަސްކަމަށްވުމުން މިހާރު ބަންދުކުރަން ނިންމާފައިވާ ދުވަސްތައް ފިޔަވާ އިތުރު ދުވަހެއް ބަންދުނުވާނެ ކަމަށެވެ.
އެހެންވެ، ކަލަންޑަރުގައި ވާގޮތަށް އަންނަ މަހުގެ 10ވާ އަންގާރަ ދުވަހު ސަރުކާރު އޮފީސްތައް ހުޅުވޭނެއެވެ.
އެހެންވެ، ޢީދަށް ސަރުކާރު ބަންދު ވާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ޖެހިގެން އަންނަ ހަފުތާގެ އަންގާރަ ދުވަހާ ހަމައަށެވެ. އެއީ، އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހަށެވެ. އެއީ، ފަސް ދުވަހުގެ ބަންދެކެވެ.
އާންމު ގޮތެއްގައި ޢީދު ބަންދު ހަފުތާގެ މެދުން ނިމޭ ނަމަ އެ ހަފުތާގެ ބާކީ ބައި ސަރުކާރުން ބަންދު ކުރެއެވެ.
އެހެންވެ، މި ފަހަރު ވެސް ގިނަ ބަޔަކު މީސްމީޑިއާގައި ވެސް އައީ ސަރުކާރުން މި ޢީދުގެ ބޮޑުބައި ބަންދުކުރާނެ ކަމަށް ބުނަމުންނެވެ. ބޮޑު ޢީދު ބަންދަކީ ގިނަ ބަޔަކު ރާއްޖެތެރޭ އެކި ރަށްރަށަށް ދަތުރުކުރާ ދުވަސްވަރެކެވެ.
ސަރުކާރުން ވަނީ މި ފަހަރު ގައުމީ ފެންވަރުގައި ތިން ރަށެއްގައި ޢީދު ފާހަގަކުރަން ނިންމައިފައެވެ. އެ ރަށްތަކަކީ، ތިލަދުންމަތީ އުތުރުބުރީ ކެލާ, މާލެ އަތޮޅު ގުރައިދޫ, އަދި ހައްދުންމަތީ ގަމެވެ.