މާޒިޔާގެ ޓާގެޓަކީ ތަށި، އޮޑިއަކީ މުބާރާތުގެ އެންމެ ވަރުގަދަ ޓީމު: ސަމޫހް

ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކެޕްޓަން ސަމޫހު-- ސަން ފޮޓޯ: މާނިއު މުޙައްމަދު

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވާދަކުރާ ކޮންމެ މުބާރާތަކަށް ވެސް ނުކުންނާނީ ތަށި ހޯދުމުގެ ޓާގެޓްގައި ކަމަށާއި އޮޑިއަކީ މި މުބާރާތުގައި ކުޅޭ އެންމެ ވަރުގަދަ އެއް ޓީމު ކަމަށް މާޒިޔާގެ ކެޕްޓަން ސަމޫހް އަލީ (ސަމުއްޓޭ) ބުނެފިއެވެ.

އެފްއޭއެމް ލީގު ކަޕްގެ ފައިނަލުގައި މިރޭ މާޒިޔާއާއި އޮޑި ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ސަމޫހް ބުނީ، މާޒިޔާއިން ކޮންމެ މުބާރާތަކާވެސް ކުރިމަތިލަނީ ތައްޓަށް ޓާގެޓްކޮށްގެން ކަމަށެވެ. އަދި، މި މުބާރާތުގެ ފައިނަލަށް މުޅި ޓީމު ވެސް އޮތީ ވަރަށް ބޮޑަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ވެސް ބުންޏެވެ.

މުބާރާތުގެ ފައިނަލުން މާޒިޔާ ޖާގަ ހޯދީ ސެމީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގައި މާޒިޔާއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ޓީމަށް ކުރިމަތިވީ ނިންމާނުލެވުމުގެ މައްސަލައެވެ.

އެ ކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ސަމޫހު ބުނީ، މުބާރާތުގެ ލީގު ބުރުގައި ބައެއް މެޗުތަކުގައި މާޒިޔާގެ ބައެއް ކުޅުންތެރިންނަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް ފައިނަލް މެޗުގައި ހުރިހާ ކުޅުންތެރިން ވެސް ނުކުންނާނީ މެޗު ކާމިޔާބުކުރަން ކުރަންހުރި ހުރިހާ ކަމެއް ކުރުމުގެ އަޒުމުގައި ކަމަށެވެ.

ލީގު ކަޕުގެ ސެމީން މާޒިޔާ ޖާގަ ހޯދީ ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް އެއްވަނަ ޓީމުގެ ގޮތުގައެވެ. ލީގު ބުރުގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މުބާރާތުގެ ފައިނަލުގައި މާޒިޔާއާއި އޮޑި ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގައެވެ.

comment ކޮމެންޓް