މި އަހަރުގެ ހައްޖު މޫސުމުގައި ސައޫދީގައި ހައްޖުވެރިންނަށް ރައްކާތެރިކަމާއި ފަސޭހަ ކަށަވަރުކުރަން, އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި ގިނަކަންކަން ރާވާފައިވާކަމަށް ސައޫދީ ހައްޖާއި އުމްރާ އާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ވަނީ ގިނަ އަދަދެއްގެ ހައްޖުވެރިން އެއްތަނަކަށް އެއްވެ އުޅުން ބެލެހެއްޓުމާއި، ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަދި އަޅުކަން އަދާކުރުމުގައި ފަސޭހަ ތަޖުރިބާއެއް ހޯދައިދިނުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނުން ގުނާލެވޭ އަދަދަކަށް މުސްލިމުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ތައްޔާރުވަމުން އަންނައިރު، ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުނީ، މީހުން ކޮންޓްރޯލްކުރުމާއި، ހަރަކާތްތައް މޮނިޓަރކުރުމާއި، ތޮއްޖެހުން ކުޑަކުރުމަށްޓަކައި، ހައްޖުގެ މުހިންމު ސަރަޙައްދުތަކުގައި އޭއައި ނިޒާމުތައް ގާއިމުކުރެވޭނެ ކަމަށެވެ.
ހައްޖާއި އުމްރާ އާ ބެހޭ ވުޒާރާއިން، ސައުދީ ޑޭޓާ އެންޑް އޭއައި އޮތޯރިޓީ (އެސްޑީއޭއައިއޭ) އާ ގުޅިގެން، މައްކާ، މިނާ، ޢަރަފާތު، އަދި މުޒްދަލިފާ ފަދަ ތަންތަނުގައި ރިއަލް-ޓައިމް ފޭޝަލް ރެކޮގްނިޝަން (މީހުންގެ މޫނުތައް ވަގުތުން ދެނެގަތުން)، ކުރިއަށް ލަފާކުރާ އެނަލިޓިކްސް، ޒީރަކު ސާވޭލަންސް، އަދި އޮޓޮމޭޓެޑް އެލާޓް ސިސްޓަމްތައް ބޭނުންކުރާނެއެވެ.
މި އޭއައި ނިޒާމުތަކުން، އެތައް ހާސް ކެމެރާތަކާއި، ސެންސަރުތަކާއި، މީހުންގެ ހަރަކާތްތައް ދެނެގަންނަ ޓްރެކަރުތަކުން ލިބޭ ލައިވް ޑޭޓާ އެނަލައިޒްކޮށް، މީހުން ގިނަވެ ތޮއްޖެހޭނެ ސަރަޙައްދުތައް، އެފަދަ ހާލަތެއް މެދުވެރިވުމުގެ ކުރިން ދެނެގަންނާނެއެވެ. މީގެ ސަބަބުން، ހައްޖުވެރިންނަށް އެހިތެރިވުމުގައި ހަރަކާތްތެރިވާ ޓީމުތަކަށް މީހުން ހިނގާ މިސްރާބު ބަދަލުކުރުމަށާއި، ވަދެ ނިކުމެވޭ ދޮރުތައް ބެލެހެއްޓުމަށާއި، އަދި ޚާއްޞަކޮށް ޠަވާފުކުރުން އަދި ޢަރަފާތު ބިމުގައި މަޑުކުރުން ފަދަ އެންމެ ގިނަބަޔަކު އެއްފަހަރާ ބައިވެރިވާ އަޅުކަންތަކުގައި، ދިމާވާ ދަތިތައް ކުޑަކޮށް، ނުރައްކާތެރިކަން މަދުކުރުމަށް އެހީތެރިވެދޭނެއެވެ.
މީގެ އިތުރުން، ގެއްލޭ މީހުން ހޯދުމަށް ފޭޝަލް ރެކޮގްނިޝަން ބޭނުންކުރުމާއި، އިމަޖެންސީ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމުގެ ކަންކަން ހަމަޖެއްސުމާއި، އަދި ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ހައްޖުވެރިންނަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައިވެސް އޭއައިގެ އެހީތެރިކަން ލިބިގެންދާނެއެވެ.
މި ކުރިއެރުންތަކަކީ، ސައުދީ އަރަބިއްޔާގެ "ވިޝަން 2030" ގެ ދަށުން، ހައްޖުގެ ތަޖުރިބާ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރަނގަޅުކޮށް، ހައްޖުގެ ރޫޙާނީ އަސަރުތައް ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށް ސައޫދީގެ އޮފިޝަލުން ވިދާޅުވެއެވެ.
"އޭއައިގެ ބޭނުން ހިފުމަކީ އިންސާނީ ބެލެހެއްޓުން ނައްތާލުމެއް ނޫން، އެކަމަކު އެކަން އިތުރަށް ހަރުދަނާ ކުރުން، އަޅުގަނޑުމެންގެ އަމާޒަކީ ކުރިމަތިވެދާނެ ގޮންޖެހުންތައް، އެކަންކަން ފެށުމުގެ ކުރިން ޑޭޓާ ބޭނުންކޮށްގެން ދެނެގަނެ، ޙައްލުކުރުން." ސައޫދީ ހައްޖާއި އުމްރާ އާ ބެހޭ ވުޒާރާގެ ތަރުޖަމާނަކު އެކްސްގައި ވިދާޅުވިއެވެ.
މިއަހަރުގެ ހައްޖު ދުވަސްވަރު ސައޫދީގައި އާދަޔާ ޚިލާފަށް ހޫނުގަދަވެ، ހައްޖުވެރިންގެ އަދަދު ދެ މިލިއަނަށްވުރެ އިތުރުވާނެކަމަށް ބެލެވޭއިރު، ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފަސޭހައިން ދަތުރުފަތުރުކޮށް އުޅުމުގައި އޭއައި އަކީ ވަރަށް މުހިންމު ބައެއް ކަމުގައި ވެގެންދާނެއެވެ.