އެފްއޭއެމް ލީގު ކަޕުގެ ފައިނަލުގައި އޮޑި ސްޕޯޓްސް ކުލަބު 4-0ގެ ނަތީޖާއަކުން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޗެމްޕިއަންކަން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އެ ޓީމަށް މޮޅެއް ނުހޯދުނީ ލީގު ބުރުގައި އޮޑި އަތުން 1-1ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ތަފާތަކަށް ފެނުނީ ބަދަލަކަށް ކުޅެން އެރި 16 އަހަރުގެ މުހައްމަދު އިލާން އިމްރާނެވެ. އޭނާ ވަނީ މި މެޗުގައި ކުޅެންއަރާ މާޒިޔާއަށް ދެ ލަނޑު ޖަހަައިދީފައެވެ.

އެފްއޭއެމް ލީގު ކަޕް 2025 ގެ ފައިނަލް މެޗުގައި މާޒިޔާ އާއި އޮޑި ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ
މެޗު ފަށައިގެން މާޒިޔާއިން ކުރިޔަށްޖެހި ކުޅުމުގެ ނަތީޖާއެއްގެ ގޮތުން ފަސް ވަނަ މިނިޓްގައި އެ ޓީމުން ލީޑު ނެގިއެވެ. މިއީ އޭރިއާބޭރުން އިބްރާހިމް އައިސަމް ގޯލުގެ މަތީކަނަށް އަމާޒުކޮށް ކާމިޔާބުކުރި ލަނޑެކެވެ.
މާޒިޔާއިން ލީޑު ފުޅާކުރީ މެޗުގެ 28ވަނަ މިނިޓުގައެވެ. މާޒިޔާގެ އައިހަމް އަހުމަދު އެ ޓީމުގެ ހަސަން ރާއިފް އަހުމަދަށް ދިން ބޯޅަ އޭނާ ގޯލުގެ ތެރެއަށް ވައްދާލީ ތިރިތިރިން ބާރަށެވެ.
ދެވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރިތާ ފަސް މިނިޓް ތެރޭ، މެޗުގެ 70ވަަނަ މިނިޓްގައި އިލާން ވަނީ މާޒިޔާއަށް ތިންވަނަ ލަނޑު ޖަހައިދީފަ އެވެ. އޭރިއާބޭރުން ލިބުނު ފުރުސަތުގައި ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު، އިލާން ފޮނުވާލި ބޯޅަ ގޯލަށް ވަނީ، އޮޑީގެ ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) އަތްމަތިން ގޮހެވެ.

އެފްއޭއެމް ލީގު ކަޕް 2025 ގެ ފައިނަލް މެޗުގައި މާޒިޔާ އާއި އޮޑި ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ
މެޗުގައި ދެން ފެނުނީ އިލާންގެ ޖާދުލެވެ.
ތިންވަނަ ލަނޑު ޖެހިތާ ފަސް މިނިޓް ފަހުން އިލާން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ވެސް ޖަހާފައެވެ. މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިިދިން ހުރަހަކަށް އަރައި އިލާން މި ލަނޑު ކާމިޔާބުކުރިއިރު، އިލާން މުބާރާތް ނިންމާލީ ލަނޑު ލިސްޓުގެ އެއްވަނަ ހޯދައިގެންނެވެ. އޭނާ ޖަހާފައި ވަނީ ޖުމުލަ ަހތަރު ލަނޑެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އައިހަމް އަހްމަދު ހޯދިއިރު، އެންމެ މޮޅު ކީޕަރަކީ ޓީސީއަށް ކުޅުނު ސްރީ ލަންކާ ގައުމީ ޓީމުގެ ކީޕަރު ސުޖަން ޕެރޭރާއެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ މަހިބަދޫއެވެ.

އެފްއޭއެމް ލީގު ކަޕް 2025 ގެ ފައިނަލް މެޗުގައި މާޒިޔާ އާއި އޮޑި ބައްދަލުކުރި މެޗުގެ ތެރެއިން ފެއާޕްލޭ ޓީމު މަހިބަދޫއަށް އިނާމުދެނީ-- ސަން ފޮޓޯ
މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ ފަސް ކުލަބެއް ވާދަކުރިއެވެ. އެއީ ޗެމްޕިއަން މާޒިޔާގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބާއި ދެވަނަ ހޯދި އޮޑި ސްޕޯޓްސްގެ އިތުރުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބެވެ.
މި މުބާރާތަކީ އަންނަ އޮގަސްޓް މަހު ފަށަން މަަސައްކަތް ކުރާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ޕްރީ ސީޒަން މުބާރާތެއްގެ ގޮތަށް ކުއްލިގޮތަކަށް ރާވައިގެން ބާއްވަން ނިންމި މުބާރާތެކެވެ.