ދިވެހި ފުޓުބޯޅައިގެ ވާހަކަ ދައްކާނަމަ ކޮންމެ މީހެއްގެ ދުލުކުރިއަށް މިހާރު އަންނާނީ އެ އިދާރާގެ ކޮރަޕްޝަންގެ ވާހަކަތާއި ދަރަނީގެ ވާހަކަތަކެވެ. ޝަރީއަތުގައިވާ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތަކެވެ. އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ހިޔާނާތުގެ ވާހަކަތާއި ދިވެހި ފުޓުބޯޅައަށް ވެފައިވާ ހިޔާނާތުގެ ވާހަކައެވެ. މި ވާހަކަތަކަށް އަވަސް މުސްތަގުބަލެއްގައި ނިމުމެއް ނެތެވެ. އަންނަ އޮތް ޖީލަށް ވެސް މިކަމުގެ އަސަރު ކުރާވަރަށް ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު އޮތީ ގޯސްކޮށެވެ.
ދެން އޮތީ ކުޅުންތެރިންގެ ވާހަކައެވެ. ދިވެހި ފުޓުބޯޅައިގެ މުސްތަގްބަލް އައިސީޔޫގައި އޮތް ނަމަވެސް އެ ކުޅުންތެރިން ދައްކަނީ ތައުރީފު ހައްގު ހިތްވަރެކެވެ. އަންނަ އޮތް ޖީލު ސަލާމާތްކުރުމަށް ކުރީގެ ދިވެހި ކުޅުންތެރިން، އަދި މިހާރު ކޯޗުންނާއި ޓެކްނިކަލް މަގާމުތަކުގައި ތިބި ގިނަ މީހުން އެކި ގޮތްގޮތަށް ދަނީ މަސައްކަތްކުރަމުންނެވެ. އިދާރީ ގޮތުން ދިވެހި ފުޓުބޯޅަ އައިސީޔޫގައި އޮތް ނަމަވެސް އާ ޖީލެއް ބިނާކުރަން ކުރާ މަސައްކަތުގެ ފޮނިމީރުކަން މަޑުމަޑުން ފެންނަން ފަށައިފިއެވެ.
މި ދައްކަނީ ދާދިފަހުން ނިމުނު އެފްއޭއެމް ލީގު ކަޕުގައި ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ހަތަރު ލަނޑު ޖަހައި، ލަނޑު ލިސްޓުގެ އެއްވަނަ ހޯދި އުމުރުން 16 އަަހަރުގެ މުޙައްމަދު އިލާން އިމްރާންގެ ވާހަކައެވެ.
އޭނާ އެ މުބާރާތް ނިންމާލީ ފައިނަލުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިގެންނެވެ. ދެވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރިތާ ފަސް މިނިޓް ތެރޭ، މެޗުގެ 70ވަަނަ މިނިޓްގައި އިލާން ވަނީ މާޒިޔާއަށް ތިންވަނަ ލަނޑު ޖަހައިދީފައެވެ. ތިންވަނަ ލަނޑު ޖެހިތާ ފަސް މިނިޓް ފަހުން އިލާން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ވެސް ޖަހާފައެވެ.
އިލާންގެ ކާމިޔާބީގެ ފެށުން

އިސްކަންދަރުގެ ޖާރޒީގައި އިލާން-- ފޮޓޯ: އެފްއޭއެމް
އުމުރުން އެންމެ ހަތަރު އަހަރުގައި ފުޓުބޯޅައިގެ ހަޔާތް ފެށި އިލާންގެ ކާމިޔާބީގެ ދަތުރުގައި މިހާތަނަށް ގިނަ ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. ކުލަބު ލެވެލްއިން ފެށިގެން ގައުމީ ޓީމާ ހަމަޔަށް އޭނާ މިހާތަނަށް ހޯދި ކާމިޔާބީތަކަކީ ދިވެހި ފުޓުބޯޅައިގައި މިހާތަނަށް ފާހަގަކޮށްލަންޖެހޭ ބޮޑު ކާމިޔާބީތަކެކެވެ. ފުރަތަމަ 2023 ވަނަ އަހަރުގެ ސްކޫލުތަކުގެ ފުޓުބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގައި 38 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީއެވެ. ޖުމްލަ 10 ހެޓްރިކް މި މުބާރާތުގައި އިލާން ހެދިއެވެ.
ތަޖުރިބާކާރު ކޯޗު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)ގެ އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ)އިން އެންމެ ފުރަތަމަ ތަމްރީންވި އިލާން އިންޓަސްކޫލުގެ ކާމިޔާބީއަށް ފަހު ޔޫއޭއީގެ ޗެމްޕިއަން އަލް އައިންއިން ފުޓްބޯޅައިގެ ޒުވާން ތަރިންނަށް އަމާޒުކޮށްގެން ބާއްވާ އިންޓަނޭޝަނަލް ޗެލެންޖް ކަޕުން ވެސް ފުރުސަތު ލިބިފައެވެ. އަދި، ކުލަބް ވެލެންސިއާގެ ޔޫތު ޓީމުގައި ވެސް ތަފާތު ދައްކާފައިވެއެވެ. އުމުރުން 15 އަހަރުގައި ގައުމީ ސީނިއާ ޓީމުގެ ސްކޮޑުން ވެސް ޖާގަ ހޯދިއެވެ.
އެކަމަކު، އޭނާ ކްލަބް ލެވެލްގައި ސީނިއާ ކެރިއަރު ފެށީ ޖެހިގެން އައި 2023 ވަނަ އަހަރެވެ. އެ ފަހަރު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ ޓީމަށް ކުޅެ އޭނާ ވަނީ ލީގުގައި ގޯލެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރިކޯޑް ވެސް ހަދައިފައެވެ. އިލާން މާޒިޔާއަށް ބަދަލުވީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ސޮބާހް އާއެކު އިލާން---
އިލާންގެ ކެރިއަރު ފެށިގެން މިހާ ހިސާބަށް އައިއިރު އެންމެ ކައިރިން މަސައްކަތްކުރި އެކަކަކީ ސޮބާހް މުޙައްމަދެވެ. އެފްއޭއެމް ލީގު ކަޕުގެ ފައިނަލުގައި އިލާން ޖެހި ދެ ގޯލާއެކު އެންމެ ބޮޑު އުފަލެއް ލިބުނު އެކަކަށް ސޮބާހް ވާނެއެވެ. ސޮބާހް ދިޔައީ އިލާންގެ އެންމެ ޅަ އުމުރުން ފެށިގެން އޭނާގެ ހުނަރުވެރިކަމުގެ ވާހަކަ އެކި ޕްލެޓްފޯމުތަކުގައި ދައްކަމުންނެވެ. ތަފާތު ދައްކާނެ ކުޅުންތެރިއެއްގެ ގޮތުގައި އޭރުވެސް ސޮބާހް ދިޔައީ ދިވެހި ރައްޔިތުންނަށް ޔަގީންކޮށްދެމުންނެވެ.
ދިވެހި ފުޓުބޯޅަ މިހާރު އޮތް ހާލަތުގެ ވާހަކައާއި މުސްތަގްބަލުގެ ވާހަކައާ އެކު ސޯޝަލް މީޑިއާގައި ސޮބާހް ވަނީ ކަންބޮޑުވުންތަކާ އެކު ބޮޑު ސުވާލެއް އުފައްދާފައެވެ. މި ސުވާލު އަމާޒުކޮށް ޓެގު ކޮށްފައިވަނީ މައުރޫފް އަހްމަދު (މާއްޓޭ) އަށެވެ.
"މިހާރު އުފެދޭ ސުވާލަކީ އޭނާ ގައުމީ ޓީމަށް ހޮވާނެ ބާވައެވެ؟ ޒުވާނުންގެ ކުޅުންތެރިން އުފެއްދުމާއި ހުނަރުވެރި ކުޅުންތެރިން ސްކައުޓުކޮށް، ދުރުރާސްތާ ސްޓްރެޓެޖީތައް އެކުލަވާލުމުގައި އެކަށީގެންވާ، ސިސްޓަމެޓިކް މެތަޑެއް ތަންފީޒުކުރުމަށް އަޅުގަނޑު އަބަދުވެސް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. ނަމަވެސް އެކަކުވެސް ސަމާލުކަމެއް ނުދޭކަން އެނގެއެވެ. މިހާރު އެންމެން ވެސް ތިބީ ހައިރާންވެފައެވެ. އެއީ ހަމައެކަނި އިލާން އެކަންޏެއް ނޫނެވެ. މި ޖީލުގައި ހުނަރުވެރި އެތައް ޒުވާނުން ކުޅުންތެރިން އެބަތިއްބެވެ. އެ މީހުންނަށް ބޭނުންވަނީ އެ މީހުންގެ ޤާބިލުކަން ދައްކާލުމުގެ ފުރުސަތެވެ،"
މި ބޮޑު ސުވާލާ އެކު ދިވެހި ކޯޗުންނާއި ތަޖުރިބާކާރުން ވެސް ވަނީ ގިނަ ޝުއޫރުތަކެއް ފާޅުކޮށްފައެވެ. އޭގެ ތެރެއިން ތަޖުރިބާކާރު ކޯޗު މުޙައްމަދު ނިޒާމް ވަނީ ގައުމީ ސްކޮޑުގައި އިލާން ހިމެނުމަށް ތާއިދުކުރާ ކަމަށް ބުނެފައެވެ. ނަމަވެސް، ވިސްނަންޖެހޭ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.
"އެކަމަށް އަޅުގަނޑުގެ ޖަވާބަކީ ސީނިއާ ސްކޮޑުގައި އޭނާ ހިމަނަންވީ، އެކަމަކު ހަމައެކަނި ސްޓްރެޓެޖިކް އެޕްރޯޗަކާ އެކު. ނޫނީ ގޯސް ވިސްނުމަކުން އޭނާގެ ދިގު ކެރިއަރު ލިމިޓް ވެދާނެ" ނިޒާމް ބުންޏެވެ.
މާއްޓޭގެ ރިޕްލައިގައި އޭނާ ވަނީ ރާއްޖޭގައި ހުނަރުވެރި، އަދި ވަރަށް ހިތްވަރުގަދަ ޒުވާން ޖީލެއް އޮތްކަމަށް ބުނެފައެވެ. މިއީ ޒުވާނުންގެ އެކަޑަމީތަކުން، ޚާއްސަކޮށް ރާއްޖޭގައި މޮޅު ޒުވާން ކޯޗުންގެ ޚާއްސަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރަމުން މާއްޓޭ ވަނީ މިކަން ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށް އޮތް ގޮންޖެހުން އޮތްކަން ފާހަގަކޮށްފައެވެ. އަދި، ހަމަހަމަ ޕްލެޓްފޯމެއް އޮތުމުގެ މުހިއްމުކަން ފާހަގަކޮށްފައެވެ.
"މި ކުދިންނަށް ކުޅެ، ކުރިއެރުވުމަށް ހަމަޖެހިފައިވާ ޕްލެޓްފޯމެއް ހޯދައިދިނުމަށް ވަރުގަދަ އަދި ވާދަވެރި ކްލަބް ލީގެއް ބޭނުންވޭ! މި ކުއްޖާ އިލާންއާއި އޭނާގެ ޖީލުގެ އެހެން ޒުވާން ކުޅުންތެރިން ތިބީ ހަޔާތުގެ ވަރަށް ނާޒުކު މަރުހަލާއެއްގައި! ވަރަށް އަވަހަށް އެކުދިން ބޮޑެތިވެ، އަމިއްލައަށް ނިންމުންތައް ނިންމޭވަރަށް މުސްކުޅިވާނެ! ބޮޑެތި މީހުންގެ ހައިސިއްޔަތުން އެމީހުންގެ ކެރިއަރާއި ކުރިއަށްއޮތް ދިރިއުޅުމާމެދު ވިސްނަން ފަށާނެ! މިއަދު މިކުދިންނަކީ ސްކޫލް ނިޒާމުގެ ތެރެއިން އަންނަ ކުދިން! އެމީހުންނަށް އާމްދަނީ ހޯދޭނެ ހަމަހަމަ ޕްލެޓްފޯމެއް އޮތުމަށް ކުޅިވަރާއި މަސައްކަތުގެ ތެރެއިން އިޚްތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ!" މާއްޓޭ ލިޔެފައިވެއެވެ.
އެއާއެކު ދެން އޮތީ ދިވެހި ފުޓުބޯޅައިގެ މުސްތަގުބަލާ އެކު އުފެދޭ ސުވާލެވެ. ހުނަރުވެރިން އެބަތިއްބެވެ. ބޭނުންވަނީ ހަރުދަނާ ޕްލޭނަކާއެކު ކުރިއަށްދެވޭނެ، ނަޒާހަތްތެރި، އިހުލާސްތެރި ލީޑަޝިޕެކެވެ.