ހއ. ހޯރަފުށީގައި ރޭ ބޭއްވި މަޑުލު މުހައްމަދު ވަހީދުގެ ތައުބީނުގެ ޖަލްސާގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް، ވަޙީދުގެ ކުރު ވާހަކަތަކުންނާއި އޭނާގެ ދިރިއުޅުއްވުމުން ނަންގަވައިދެއްވި ގިނަ ފިލާވަޅުތަކެއް ހިއްސާކުރައްވައިފިއެވެ.
ދިވެހި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މަޑުލު ވަހީދު އަވަހާރަވީ އޭޕްރީލް 14 ގައެވެ.
ވަޙީދުގެ ހަނދާނުގައި ރޭ ހޯރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. އަޝްރަފް ވަނީ ވަހީދުގެ ހަޔާތްޕުޅާއި އަދި ކުރުވާހަކަތަކުން ނަންގަވައިދެއްވި ފިލާވަޅުތައް ވަރަށް ތަފުސީލީ ގޮތެއްގައި ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ވަހީދު އެނގިވަޑައިގަތުމުގެ ކުރިން އެނގިވަޑައިގަތީ ވަހީދުގެ މަސައްކަތްޕުޅުތައް ކަމަށެވެ.
އެ ގޮތުން، އަޝްރަފް ކިޔަވައިދިނުމުގެ ތަމުރީނުތައް ނިންމައި، ސައިންސް އެޑިއުކޭޝަން ސެންޓަރުގައި އަދަބިއްޔާތު ކިޔަވައިދެއްވަން އުޅުއްވިއިރު ޖެހިވަޑައިގަތީ ވަހީދުގެ ކުރުވާހަކަތަކަށް ފާޑުވިދާޅުވާށެވެ.

މަޑުލު ވަހީދުގެ އާއިލާއާ އެކު އަޝްރަފް: އޭނާ ވިދާޅުވީ ވަހީދަކީ ބައްޕައެއް ފަދަ ބޭފުޅެއް ކަމަށް --
"އެހެންވީމާ ވަހީދު އެނގުމުގެ ކުރިން އަޅުގަނޑަށް އެނގުނީ ވަހީދުގެ އަދަބީ މަސައްކަތްތައް،" އޭނާ ކިޔައިދެއްވިއެވެ.
"ވަހީދުގެ ވާހަކަތައް ކިޔައިލީމާ ވަހީދުގެ އަދަބިއްޔާތުގެ އިސްކޮޅާއި ވަހީދުގެ ވިސްނުންފުޅު ގެންގުޅުއްވާފައި ހުރި ގޮތްތަކާއި މި ކަންކަކަމުގެ މައްޗަށް އަޅުގަނޑު އަމިއްލަ ސުވާލުތައް އުފައްދައި، ދަރިވަރުންނާ އެ ހިއްސާކޮށް، އެ ކުދިންގެ ހަޔާތަށް ގެންނަންވީ ބަދަލުތައް ކިޔަވައިދިނުމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރި މީހެއް އަޅުގަނޑަކީ،"
އަޝްރަފް ވިދާޅުވީ، އޭނާއާ މަޑުލު ވަހީދު އެންމެ ފުރަތަމަ ބައްދަލުވީ އެމްއީއެސްގައި އޮތް އަދަބީ ޖަލްސާއަކުން ކަމަށެވެ. އެކަމަކު، އޭރު ގާތް ގުޅުމެއް އަދި ނޯންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަހީދާއި އަޝްރަފްގެ ގުޅުން ބަދަހިވީ ޑރ. އަޝްރަފް ޑިގްރީއަށް ކިޔަވާ ވިދާޅުވިއިރު މުދައްރިސެއްގެ ގޮތުގައި ވަހީދު ވަޑައިގެންނެވި ހިސާބުންނެވެ.
"އެހެން ހުއްޓާ ދިވެހިބަހުގެ އެކެޑެމީގެ މި މަގާމާ ހަވާލުވެފައި އަޅުގަނޑަށް ވަރަށް އުނދަގޫވި، މަޑުލު ވަހީދު ކިޔާފައި ވާހަކަދައްކަން ވެސް. އެއީ، އަޅުގަނޑަށް އެއަށްވުރެ މާ ގާތް، މާ އޯގާވެރި، ބައްޕައެއް ފަދަ ބޭފުޅަކަށްވީ. އެހެންވީމާ މަޑުލު ވަހީދެއް ނޫން އަޅުގަނޑަށް އެއީ، އަޅުގަނޑަށް އެއީ މުދައްރިސް ފެށުނީއްސުރެ،" އަޝްރަފް ވިދާޅުވިއެވެ.

ވަހީދުގެ ތައުބީނު ޖަލްސާގައި އަޝްރަފް: އޭނާ ވަނީ ވަހީދު ނަންގަވައިދެއްވި ގިނަ ފިލާވަޅުތަކެއް ހިއްސާކުރައްވާފައި -- ފޮޓޯ/ ހޯރަފުށި ކައުންސިލް
ވަހީދުގެ މަސައްކަތު އަހުލާގާ ގުޅުވައި އަޝްރަފް ވިދާޅުވީ، ދިވެހިބަހުގެ އެކެޑަމީގައި އޭނާ ހޭދަކުރެއްވި ހަތަރު އަހަރެއްހާ ދުވަހު، ކޮންމެ ދުވަހަކު އޮފީހަށް ވަޑައިގަންނަވާއިރު ވެސް ވަހީދު އިންނަވާނީ އޮފީހުގައި ކަމަށެވެ. އެކަމަކު، ވަހީދު ހުންނެވި މުޝީރުކަމުގެ މަގާމަކީ ކޮންމެ ދުވަހަކު އޮފީހަށް ހާޒިރުވާންޖެހޭ މަގާމެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުން އަޅުގަނޑުމެންނަށް މަޝްވަރާދެއްވަން އައްޔަންކުރެއްވި ބޭފުޅާ އަޅުގަނޑުމެންނަށް ވުރެ ކުރިން އޮފީހަށް އެބަ ވަޑައިގަންނަވާ،" އޭނާ ވިދާޅުވިއެވެ.
"މުޝީރުން ތިއްބަވަނީ އެއް ގޮތަކަށް ވެސް ވަކި ގަޑިއަކަށް އޮފީހަށް ހާޒިރުވާންޖެހޭ ގޮތަކަށް ނޫން. އެއްޗެއްގައި ސޮއިކުރައްވަން ޖެހިވަޑައިގަންނަވާ ގޮތަކަށް ނޫން. އަޅުގަނޑުމެން ބޭނުންވެއްޖެ ހިނދެއްގައި ލަފައާއި އިރުޝާދު ދެއްވީމާ އެ ނިމުނީ،"
އަޝްރަފް ވިދާޅުވީ، ވަހީދުގެ އާއިލާގެ ފަރާތުން ފަހުން އެނގުނު ގޮތުގައި ހެނދުނު އޮފީސް ހުޅުވައި މީހާގެ ކުރިން އޮފީހަށް ވަޑައިގަންނަވަން ވަހީދު އަބަދު ވެސް ބޭނުންފުޅުވެއެވެ. އަދި، އާލާސްކަންފުޅާ އޮފީހަށް ވަޑައިނުގެންނެވުނަސް އެ ވާހަކަ ގުޅުއްވާފައި ހިއްސާ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޝްރަފް ސިފަކުރެއްވި ގޮތުގައި މަޑުލު ވަހީދަކީ ބަސް މަދު، ކުރުކޮށް ވާހަކަދައްކަވާ އޯގާތެރި ބޭފުޅެކެވެ.

މަޑުލު ވަހީދުގެ ތައުބީނުގެ ޖަލްސާގެ ތެރެެއިން: އެ ޖަލްސާ ރޭ ބޭއްވީ ހޯރަފުށީގައި -- ފޮޓޯ/ ހޯރަފުށީ ކައުންސިލް
މީގެ އިތުރުން، މަޑުލު ވަހީދު ލިޔުއްވާފައިވާ ކުރުވާހަކަތަކުން ވެސް ނަންގަވައިދެއްވަނީ މި ފަދަ އެތައް ފިލާވަޅެއް ކަމަށް އަޝްރަފް ވިދާޅުވިއެވެ. އެ ގޮތުން، މަޑުލު ވަހީދުގެ ކޮންމެ ވާހަކައަކުން، އަދި ކޮންމެ ކުރުވާހަކައެއްގެ ކޮންމެ ނަމަކުން އެކަނި ވެސް އެތައް ފިލާވަޅެއް ނަންގަވައިދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ނަންގަވާ، މާދަމާ އަތުވެއްޖެ ނަމަ.. ދިވެހި މާހައުލު، ދިވެހީންގެ ދިރިއުޅުން ހުރި ގޮތް، ދިވެހި ސްކޫލުތަކުގެ ޓީޗަރުންގެ ގުޅުން އޮތްގޮތް، ވަރަށް ސާފުކޮށް ފެންނަން އޮތީ،" އެ ފަދަ އެއް ފިލާވަޅު ހިއްސާކުރައްވަމުން އަޝްރަފް ކިޔައިދެއްވިއެވެ.
އޭނާ ވިދާޅުވީ، ވަހީދުގެ ކޮންމެ ވާހަކައެއްގެ ކޮންމެ ހާދިސާއަކުން ވެސް އިޖުތިމާއީ ފެށީގެ ނިމިދިޔަ ހަޔާތުގެ ސަފުހާތައް ބިއްލޫރިގަނޑެއްހެން ދައްކުވައިދޭ ކަމަށެވެ. އަދި، ވާހަކަތަކުގައި ބޭނުންކޮށްފައިވާ ޝަހުސިއްޔަތުތަކުން ވެސް އެތައް މެސެޖެއް ދެއްވާފައިވާ ކަމަށް އަޝްރަފް ވިދާޅުވިއެވެ.
"ބަސް ދޫކޮށްލައިގެން ތިމާއަކީ މާ މޮޅު މީހަކަށް ވާނެ ކަމަށް ހީކޮށްގެން މަސައްކަތްކުރާ އެއްވެސް މީހަކަށް މި ރާއްޖޭގެ ގައުމިއްޔަތެއް، މި ރާއްޖޭގެ އިންސާނިއްޔާތެއް، މި ރާއްޖޭގެ މައިވަންތަކަމެއް، މި ރާއްޖޭގެ ބަފާވަންތަކަމުގެ ކުލުނެއް ނުވިސްނޭނެ. މި ކަންކަން ވިސްނޭނީ މި ފަދަ ފޮތްތަކުގައި ހުރި ދިވެހި ބަސްކޮށާރާއި، ދިވެހި ވެއްޓާއި، ދިވެހިއްޔަތޭ މި ކިޔާ ހުރިހާ އެއްޗެއް އެނގިގެން،" އޭނާ ވިދާޅުވިއެވެ.
"ވަހީދުގެ އެންމެ ވާހަކައެއް ކިޔާލިޔަސް ފުދޭނެ. އެންމެ ވާހަކައެއްގެ ނަން އެކަނި އަޅުގަނޑުމެންނަށް ބުރަދަނަކަށްވޭ،"
މަޑުލު ވަހީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތުގެ ރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ވަހީދު އަވަހާރަވީއިރު ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 46 އަހަރަށްވުރެ ދިގު މުއްދަތެއް ވަނީ ވެފައެވެ. ވަހީދަކީ ލިޔުންތެރިކަމުގައި ދެމިހުންނެވި ބޭފުޅެކެވެ.
ރީތި ގިނަ ވާހަކަތަކާއި، މަޒުމޫނުތަކާއި، ނަސޭހަތާއި ތަފާތު ލިޔުންތައް ދޫކުރައްވައިފައިވާ ބޭފުޅެކެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު 2019ވަނަ އަހަރު ލިބިވަޑައިގެންނެވި ވަހީދަށް އާންމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު ދެ ފަހަރު ލިބިވަޑައިގެންނެވިއެވެ. އެއީ، 1997ވަނަ އަހަރު ކުރުވާހަކަ ލިޔުމުގެ ރޮނގުންނާއި، 1985ވަނަ އަހަރު ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުންނެވެ.
ނޫސްވެރިކަމުގައި ވަހީދު ކުރައްވައިފައިވާ އަގުހުރި މަސައްކަތްޕުޅަށް 2018ވަނަ އަހަރު ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ވެސް ލިބިވަޑައިގެންނެވިއެވެ.