އެތައް ސަތޭކަ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރި ފްރާންސްގެ ޑޮކްޓަރަކު އުމުރަށް ޖަލަށް

އެތައް ސަތޭކަ ބަލިމީހުންނަށް ޖިންސީ ގޯނާކުރި މައްސަލަ ސާބިތުވި ފްރާންސްގެ ޑޮކްޓަރުގެ ތަސްވީރެއް. ފޮޓޯ/ގެޓީ

އުމުރުން 74 އަހަރުގެ ފްރާންސްގެ ކުރީގެ ޑޮކްޓަރަކު އެތައް ސަތޭކަ ބަލިމީހުންނަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ސާބިތުވެ، 20 އަހަރަށް ޖަލަށް ލުމަށް ފްރާންސްގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ޖޯއެލް ލެ ސްކައާނެކް ކިޔާ އެ މީހާގެ މައްޗަށް ހުކުމް އިއްވީ 299 މީހުން ރޭޕްކޮށް ޖިންސީ ގޯނާ ކުރި ކަމަށް އެއްބަސްވުމުންނެވެ.

ކްރިމިނަލް ކޯޓުން އަމުރުކުރީ ލެ ސްކައާނެކް ޖަލުން މިނިވަން ކުރެވުނަސް ކުރެވޭނީ އެންމެ މަދުވެގެން ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަ ކުރުމުން ކަމަށެވެ.

ބޮޑު ބޭބޭ ކިޔާ ދެ ކުދިން ހިމެނޭ ގޮތަށް ހަތަރު ކުދިންނަށް 2020 ވަނަ އަހަރު ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ސާބިތުވެ ލެ ސްކައާނެކް މިހާރު ވެސް ދަނީ 15 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އޭނާގެ މައްޗަށް މިހާރު ކޮށްފައިވާ ހުކުމް ތަންފީޒުކުރަން ފަށާނީ ކުރީގެ ހުކުމް ފުރިހަމަ ކުރުމަށްފަހު ކަމަށް ކޯޓުން ބުނެފައިވެއެވެ.

ލެ ސްކައާނެކް ވަނީ 1989 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ގާތްގަޑަކަށް 158 ފިރިހެން ކުދިންނާއި 141 އަންހެން ކުދިން ރޭޕްކުރި ކަމަށް އެއްބަސްވެފައެވެ. ގިނަ ކުދިން ރޭޕް ކުރީ ބަލިވެގެން އެޑްމިޓްކޮށްފައި ތިއްބައި ކަމަށްވެސް ކޯޓުގައި އޭނާ ބުނެފައިވެއެވެ.

ޝަރީއަތުގައި ލެ ސްކެއާނެކް ވަނީ އޭނާގެ ކާފަދަރިފުޅަށް ވެސް ޖިންސީ ގޯނާ ކުރި ކަމަށް އެއްބަސްވެފައެވެ.

އެތައް ސަތޭކަ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހު، ލެ ސްކައާނެކްގެ އަވަށްޓެރި ގެއެއްގައި އުޅޭ 6 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގައި ނޭދެވޭ ގޮތަކަށް އަތްލި ކަމަށް ކުއްޖާ މަންމަ ކައިރީ ބުނުމުންނެވެ.

އޭނާގެ ގެ ބަލައިފާސްކުރިއިރު 300،000 އަށް ވުރެ ގިނަ ފޮޓޯ އާއި 650 ޕީޑޯފިލިކް، ޒޫފިލިކް އަދި ސްކެޓޮލޮޖިކަލް ވީޑިއޯ ފައިލްގެ އިތުރުން އޭނާ އަމިއްލައަށް ޕީޑޯފިލްއެއްގެ ގޮތުގައި ސިފަކޮށް އޭނާގެ އަމަލުތަކުގެ ތަފްސީލު ލިޔެފައިވާ ނޯޓްފޮތްތައް ވެސް ފެނިފައިވެއެވެ.

މައްސަލައިގެ ޝަރީއަތުގައި ފެންމަތިވި އެހެން މައްސަލަތަކެއްގެ ބެލުމަށް ކުރިއަށް އޮތް އަހަރުތަކުގައި ތިން ވަނަ ޝަރީއަތެއް ވެސް އޮންނާނެ ކަމަށް ބެލެވޭ ކަމަށާއި އޭގެތެރޭގައި އޭނާގެ ކާފަދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލަ ވެސް ހިމެނޭ ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް